މި ސަރުކާރުން ޚިދުމަތްތައް ދިނުމުގައި އެއްވެސް ރަށެއް ތަފާތު ނުކުރައްވާނެކަމަކަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބް ރައީސް މިހެން ވިދާޅުވީ، ހދ. އަތޮޅުގެ ތަރައްޤީގެ މަޝްރޫއުތަކާއި އަދި ރައްޔިތުންގެ ކަންބޮޑުވުންތަކާ ބެހޭގޮތުން އެއަތޮޅުގެ ދާއިރާތަކުގެ ރައްޔިތުންގެ މަޖުލިސް މެންބަރުންނާއި ކަމާބެހޭ ދައުލަތުގެ އިދާރާތަކުގެ އިސްވެރިންނާއެކު އިއްޔެ ބޭއްވި މަޝްވަރާ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ބޭއްވެވި މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި މި ސަރުކާރުން ޚިދުމަތްތައް ދިނުމުގައި އެއްވެސް ރަށެއް ތަފާތު ނުކުރައްވާނެކަން ފާހަގަކުރެއްވިއެވެ.

ނައިބު ރައީސް އިތުރަށް ވިދާޅުވީ ހދ އަތޮޅުގެ ތަރައްޤީއާ ގުޅޭ އެކިއެކި ކަންކަމާބެހޭގޮތުން އަތޮޅުގެ މަޖުލިސް މެންބަރުންނާއި ކަމާބެހޭ ވުޒާރާތަކާއި ބައެއް އިދާރާތަކުގެ އިސްވެރިންނާއެކު މިފަދަ ބައްދަލުވުމެއް ބޭއްވެވުމުގެ އެންމެބޮޑު ބޭނުންފުޅަކީ ތަރައްޤީއާ ގުޅޭ ކަންކަން ރައްޔިތުންނާ ވީހާވެސް ގާތުން ހުރިހާ ފަރާތްތަކެއް ގުޅިގެން ކުރިޔަށްގެންދެވޭނެ މަގު ތަނަވަސްކޮށްދެއްވުންކަމަށެވެ.

މި ބައްދަލުވުމުގައި ހދ އަތޮޅުގެ އިންތިޚާބީ ދާއިރާތަކުގެ މަޖުލީހުގެ މެންބަރުން ވަނީ އެ ބޭފުޅުންގެ އިންތިޚާބީ ދާއިރާތަކުގައި ކުރެވެމުންދާ ތަރައްޤީގެ އެކިއެކި މަސައްކަތްތަކާއި ދާއިރާގެ އެކިއެކި ރަށްރަށުގައި ހުރި މައްސަލަތަކާ ބެހޭގޮތުން، ސަރުކާރުގެ އެކިވުޒާރާތަކާއި އިދާރާތަކުގެ އިސްވެރިންނާ މަޝްވަރާކުރައްވައި މަޢުލޫމާތު ހޯއްދަވާފައެވެ. ހދ އަތޮޅުގައި ކުރިޔަށް ގެންދިއުމަށް ރޭވިފައިވާ އެކިއެކި މަޝްރޫޢުތަކާއިބެހޭ ފަހުގެ މައުލޫމާތުތައް ދައުލަތުގެ އިދާރާތަކުގެ އިސްވެރިން ވަނީ އެ މެންބަރުންނާ ޙިއްޞާކުރައްވާފައެވެ.