އަޅުގަނޑުމެންގެ ކާބަފައިންނަކީ އަމިއްލަ މަސައްކަތުން ދިރިއުޅުމުގެ ކަންކަން ފުއްދައިގެން އުޅުނު މަސައްކަތްތެރި ބައެކެވެ. އުފެއްދުންތެރި ބައެކެވެ. ހީވާގި ކަމާއެކު ކަންކަމާމެދު ޖެހިލުންނުވެ، ކެރިގެން ކުރިމަތިލާ ކާމިޔާބު ހޯދާފައިވާ ބައެކެވެ. ދިމާވާ އެކި ކަންކަމުގައި ކަންކަން ކުރެވޭނެ އެންމެ ފަސޭހަ އަވަސް މަގެއް ފަހިކުރުމަށް އާއީޖާދުތައް ހޯދާ އުޅުނު ބަޔެކެވެ.

ހދ. ވައިކަރަދޫ، މެދަ، މުޙައްމަދު ޝަމީމަކީ ވެލްޑިންގެ މަސައްކަތަށް ކުޅަދާނަ މީހެކެވެ. ދަގަނޑުން ތަކެތި އަމިއްލައަށް ފަރުމާކޮށް ހަދާ އުފެއްދުންތެރި ޚިޔާލުގެ ވެރިއެކެވެ. ވައިކަރަދޫ އެންމެންގެ ޝަމީމު ދޮންބެ އެވެ.

Ad
rt

ވައިކަރަދޫ ބޮޑު މިސްކިތުގައި މަސައްކަތް ކުރަމުން އަންނަ ޝަމީމްއަށް ލިބޭ ހުސް ވަގުތުތަކުގައި މިމަސައްކަތް ކުރަމުން އަންނަތާ ވަރަށް ދުވަސް ވެފައި ވާކަމަށް ޝަމީމު ބުނެއެވެ.

ޝަމީމްގެ އުފެއްދުންތައް ހިއްސާކުރަމުން، އޭނާގެ ދަރިއެއް ކަމުގައިވާ ފާތިމަތު ސައުދާ ޝަމީމް، ފޭސްބުކްގައި ހިއްސާކޮށްފައިވާ ފޮޓޯތަކުން ޝަމީމްގެ މަސައްކަތުގެ ކުޅަދާނަކަން ވަރަށް ރަނގަޅަށް ފެނިގެންދެއެވެ. ސައުދާ ބުނެފައިވަނީ ފޭސްބުކްގައި ހިއްސާކޮށްފައިވާ ފޮޓޯ ތަކުގެ އިތުރުންވެސް ވަރަށް ގިނަ އުފެއްދުންތައްވެސް އޭނާގެ ބައްޕަ އުފައްދާފައިވާކަމަށެވެ.

މަންމައަށް ތިރިހުނިގޮނޑީގަ އިށިންދެއިންނަން އުދަގުވުމުން ބައްޕަ ހެދި ހުނިގޮނޑި އާއި ފެންހަރު

މިގޮތުން ޝަމީމުގެ އުފެއްދުންތަކުގެ ތެރޭގައި ދަގަނޑު އަތްގަނޑުލީ ފޭރާ، ހުނިގާނާ އުސްގޮނޑި، ބަނބުކެޔޮ ފަޅާ މެޝިން، ވިނަނަޅާވަޅި، ގޭސް ގާޑިޔާ، ފަންކަނޑާ ވަޅި، ފަނގިވިންނަ މޭޒު ހިމެނެއެވެ. މީގެ އިތުރުންވެސް ޝަމީމު ދަގަނޑުން ވެލްޑިން ކޮށްގެން އުފައްދާ ތަކެތީގެ ތެރޭގައި ގާއަޅާ ތައްގަނޑު، އޮއްކެޔޮ ބިންނަ ހަރު، ކެޔޮފަތްކަނޑާ ވަޅި، ކަނޑޫ ކަހާވަޅި އަދި ބަނބުކެޔޮ ކަނޑާވަޅި ފަދަ އުފެއްދުންތައް ހިމެނެއެވެ.

މި އުފެއްދުންތަކުގެ ތެރެއިން ވެސް ބަނބުކެޔޮ ފަޅާމެޝިން އަދި ދަގަނޑު އަތްގަނޑުލީ ފޭރާ ފަދަ އުފެއްދުންތަކަކީ ޝަމީމްގެ އަމިއްލަ ޚިޔާލަށް ފަރުމާކޮށް ތައްޔާރުކޮށްފައިވާ ވަރަށްވެސް ފުރިހަމަ އުފެއްދުމެކެވެ.

އަދި އެކިކަންކަމަށް ހާއްސަ ވަޅިތަކުންނާއި މަށަން ދަތި ތަކުންވެސް ޝަމީމްގެ މި މަސައްކަތުގައި އޭނާގެ ވިސްނުމާއި މަސައްކަތުގެ ކުޅަދާނަކަން ހާމަވެގެން ދެއެވެ.

ކޮޅަށް ހުރެގެން ނަޅާވަޅި އާއި މަށަން ދަތި

ދަގަނޑު އަތްގަނޑު ފޭރާ އަދި ދަމާ ގާޑިޔާ ފަދަ އުފެއްދުން ތަކަކީ ޝަމީމުގެ އަމިއްލަ އުފެއްދުން ތަކެވެ. ވައިކަރަދޫގައި ފިހާރައެއް ހިންގާ ކޮންމެ ގެއެއްގައިހެން މީގެ ގާޑިޔަލެއް އޮންނާނެއެވެ. ހައްޓަށް ލުއިވެފައި މުދާ އުފުލަން މީގެ ގާޑިޔާ ވަރަށް ފަސޭހަ ވާނެއެވެ. ގޭސްފުޅި ޑޭލިވަރީ ކުރަން ހާއްސަ ގޭސް ފުޅި ގާޑިޔަލެވެ. ހދ. އަތޮޅުގެ ވަރަށް ގިނަ ރަށްރަށުގައި މީގެ ގާޑިޔާ ގެންގުޅޭކަން ފާހަގަ ވެއެވެ.

ފޭރާއަކީ ވައިކަރަދޫގެ ރައްޔިތުންނަށް ލިބުނު ވަރަށްބޮޑު ލުޔެއް

ފޭރާގެ ފޮޓޯ ހިއްސާ ކުރަމުން ފާތިމަތު ސައުދާ ޝަމީމް ބުނެފައިވެއެވެ.
އެގޮތުން ދަގަނޑު އަތްގަނޑުލީ ފޭރާ އަކީ ކާށި އެހުމަށް އިންގިލާބެއް ގެނުވި އުފެއްދުމެކޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ޝަމީމުގެ މި އުފެއްދުން މިހާރުވެސް ރާއްޖޭގެ އެކި ރަށްރަށަށް ވަނީ ފޯރުކޮށްދީފައެވެ. މާލޭގެ އިތުރުން ރާއްޖޭގެ އެންމެ ދުރު އަތޮޅުތަކުންވެސް އޯޑަރ އަންނަ ކަމަށް ބުނެއެވެ. މީގެ ފޭރާއަކުން ކާއްޓެއް އެހެފި މީހަކު އެންމެ ފުރަތަމަވެސް ކުރާ ސުވާލަކީ މިއީ ކޮންތާކުން ހޯދި ފޭރާއެއް ތޯއެވެ. އެހާވެސް ފަސޭހަ ވެފައި ހައްޓަށް ލުޔެވެ. މީގެ ފޭރާއެއްގެ އަގު އުޅެނީ -/250 ރުފިޔާއަށެވެ.

ފޭރާގެ ފޮޓޯއަށް ކޮމެންޓު ކުރަމުން ކުޅުދުއްފުށީ ޒުވާނަކު ބުނެފައިވަނީ އޭނާ ދިރިއުޅެމުން ދާގެއަށް މީގެ 18 އަހަރު ކުރިން މީގެ ފޭރާއެއް ޝަމީމު ދީފައިވާ ކަމަށެވެ. އަދިވެސް އެ ފޭރާ ބޭނުން ކުރަމުން އަންނަކަމަށް އެޒުވާނާ ބުނެފައިވެއެވެ.

ޝަމީމުގެ މި އުފެއްދުންތައް އޯޑަރު ކުރެއްވުމުން މާލެއަށް ފޮނުވައިދޭނެކަމަށް ޝަމީމު ބުނެއެވެ. މިހާރުވެސް އަންނަނީ ހދ އަތޮޅުގެ ރަށްރަށަށް ކުޅުދުއްފުށި މަގުން ޑެލިވަރ ކޮށްދެމުންނެވެ.

މިގޮތުން ސައުދާ ޝަމީމް އޭނާގެ ބައްޕަގެ ބައެއް މަސައްކަތްތައް ހިއްސާކުރަމުން ބުނެފައިވަނީ އޭނާ ކުޑަ އިރުވެސް ބައްޕަ ވެލްޑިން މަސައްކަތް ކުރާތީ ވަރަށް ފަޚުރުވެރިވާކަމަށާއި، އެ ދުވަސްވަރަކީ ރަށުގައި އެއްވެސް މީހަކު ވެލްޑިން މަސައްކަތް ކުރަމުން އަންނަ ދުވަސްވަރަކަށް ނުވެފައި، އެ މަސައްކަތަކީ މީހުންނަށް ނުފެންނަ މަސައްކަތަކަށް ވުމުން ގިނަ މީހުންނާއި ކުދިން ބައްޕަގެ މަސައްކަތް ބެލުމަށްޓަކައި އެދުވަސްވަރު ބައްޕަ މަސައްކަތްކުރާ ތަނުގައި މަޑުކޮށްގެން ތިބޭކަމަށެވެ.

ތެލި ހަރަކާއި އުނދުން ދޮށުގަ ގިނައިރު ކޮޅަށްހުންނަން މަންމައަށް އުނދަގުވުމުން ބައްޕަހަދާދިން އުސް ގޮނޑި

ބައްޕަ މަސައްކަތުގައި އުޅެފައި ގޮވާލާނެ "ދަރިފުޅާ ޕުލާންޓް ނިއްވާލާ"

އެއީ އެންމެ ހަނދާންވާ އަދި އެންމެ އުފާވެރި ވަގުތު ކޮޅުކަމުގައި ސައުދާ ފާހަގަކޮށްފައި ވެއެވެ.

ތިރީގަ އިނދެގެން ފަންގިވިންނަން މަންމަ އަށް އުނދަގުވުމުން ބައްޕަ ހެދި ފަންގިވިންނަ މޭޒާއި ފަން ކަނޑާ ވަޅި އަދި ކުޑަ އުދެލި

ޕުލާންޓް ގެ އެ ގޮބު އަންބުރާލަން ލިބުމަކީ ވެސް އޭރު ވަރަށް ބޮޑު އުފަލެއް ލިއްބައިދޭ ކަމެއް ގޮތުގައި އޭނާ ފާހަގަކޮށްފައި ވެއެވެ.

ވައިކަރަދޫގައި އާންމުކޮށް ވެލްޑިން ކުރުމުގެ މަސައްކަތް ފެށިގެން ގޮސްފައިވަނީ 1997 ހިސާބުގައި ކަމަށާއި ނަމަވެސް ބައްޕަ މިހާރު އެ މަސައްކަތް ކުރަމުން އަންނަތާ 37 އަހަރު ވެއްޖެކަމުގައި އޭނާ ފާހަގަކޮށްފައި ވެއެވެ.

ކަނޑޫ ކަހާ ވަޅި، ކެޔޮފަތް ކަނޑާ ވަޅި، އިށީންދެއިނދެ ނަޅާވަޅި

މިގޮތުން ޝަމީމް ފުރަތަމަ ވެލްޑިން މަސައްކަތް ކުރަން ފަށާފައިވަނީ 1983 ވަނަ އަހަރުއެވެ. ވައިކަރަދޫގައި މިމަސައްކަތް ކުރަން ފަށާފައިވަނީ ވައިކަރަދޫ އަށް ކަރަންޓުދިންތާ ދެވަނައަށްވީ އަހަރު ކަމަށެވެ. އެއީ 1990 ވަނަ އަހަރުއެވެ. އިތުރަށް ބުނެފައިވަނީ އެ ދުވަސްވަރު ރަށަށް ކަރަންޓުގެ ޚިދުމަތް ދޭން ހުންނަ އިންޖީނު ކުޑަވުމުން މި މަސައްކަތް ކުރަން ބައްޕަ އަށް ދާން ޖެހެނީ މަސައްކަތަށް ބޭނުންވާ ސާމާނު ހިފައިގެން އިންޖީނުގެއަށް ކަމަށެވެ.

މިހާރު ވައިކަރަދޫގައި ބައްޕަ ގެ އުފެއްދުމެއް ނެތް ގެއެއް ނުހުންނާނެއޭ ބުނުމަކީ ދޮގަކަށް ނުވާނެ ކަމަށާއި އަދި ވައިކަރަދޫ ގެ އިތުރުން ކައިރި ބައެއް ރަށްރަށަށް ވެސް އޯޑަރު ދިނުމުން މި އުފެއްދުންތައް ބައްޕަ ތައްޔާރު ކޮށްދޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.

މީގެ އިތުރުން މަންމައަކީ މައިބަދަ އޮޕަރޭޝަން ކޮށްފަހުރި މީހަކަށް ވުމުން ގިނަ އުފެއްދުން ތަކެއް މަންމައަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން ބައްޕަ ތައްޔާރު ކޮށްދީފައި ވާކަން އޭނާ ފާހަގަކޮށްފައިވެއެވެ.

މަންމަ އަށް ތިރީގައި އިންނަން އުނދަގޫ ވުމުން ބައްޕަ ހެދި އޮއްކެޔޮ ބިންނަ އެއްޗެއް، ބޭރުގައި މަސްކަނޑާށައި، ކޭންތަކުގައި ބޭނުން ކުރަން ހަދާފައި އިން އަތްދޮންނަ ތަށި ބަހައްޓާ ހަރު

މަތީގައިވާ ފޮޓޯ ހިއްސާ ކުރަމުން ސައުދާ ބުނެފައި ވެއެވެ.

ޝަމީމުގެ އުފެއްދުންތަކުން ސާބިތުކޮށްދީފައިވަނީ ކޮންމެ އެއްޗަކީ ރާއްޖެއަށް އެތެރެ ކުރަންޖެހޭ އެއްޗެއް ނޫންކަމެވެ. މިގޮތަށް ވަރަށްގިނަ އެއްޗެއްސަކީ ރާއްޖޭގައިވެސް އުފެއްދިދާނެ އެއްޗެހިކަން ޝަމީމު ދޮންބެ މިވަނީ ސާބިތު ކޮށްދީފައެވެ. ބޭނުން ވަނީ ކެރުމާއި ހިއްވަރާއި އަޒުމެވެ.

މީގެ ތެރެއިން ތިޔަބޭފުޅުން ބޭނުންފުޅުވެލައްވާ އެއްޗެއް ހުރިނަމަ ޝަމީމް ދޮންބެއަށް އޯޑަރު ދެއްވާށެވެ. އޯޑަރ ދެއްވުމަށް ގުޅުއްވާނީ 9729988 އަށެވެ.