ދިވެހިރާއްޖޭގެ ތިމާވެށި ޙިމާޔަތްކޮށް ރައްކާތެރިކުރުމާބެހޭ ޤާނޫނު (ނަންބަރު:4/93) ގެ ދަށުން ޙިމާޔަތްކޮށްފައިވާ ހދ.ކޭލަކުނު ވަގުތީ ގޮތުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ހދ އަތޮޅު ކައުންސިލުން އިޢުލާންކޮށްފިއެވެ.
މިކަމަށް ހުޅުވާލެވިފައިމިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކުގެ އިތުރުން ހދ.އަތޮޅު ރަށު ކައުންސިލްގެ އިދާރާތަކަށް ކަމަށް ހދ އަތޮޅު ކައުންސިލުން ނެރެފައިވާ އިޢުލާނުގައި ބުނެފައިވެއެވެ.
ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުން އޮންނާނީ، 2020 ޖުލައި 09 ދުވަހުން ފެށިގެން މިމަހުގެ 29 ވާ އާދީއްތަ ދުވަހުގެ މެންދުރު 14:00 އާއި ހަމަޔަށް ހދ. އަތޮޅު ކައުންސިލްގެ އިދާރާގައެވެ.
ބީލަންތައް ހުޅުވުން އޮންނާނީ 23 ޖުލައި 2020 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ހދ. އަތޮޅު ކައުންސިލްގެ އިދާރާގެ ކޮންފަރެންސް ހޯލްގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައިކަމަށާއި ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެކަމަށް އެއިދާރާއިން ހާމަކުރެއެވެ.
ކޭލަކުނަކީ80.23 ހެކްޓަރުގެ ބޮޑު ރަށެކެވެ. ހދ އަތޮޅު ކައުންސިލާއި މިރަށް ބެލެހެއްޓުން ހަވާލުކޮށްފައިވަނީ ވަގުތީ ގޮތުންނެވެ.
މިއިޢުލާނާއިއެކު އެކައުންސިލުން ހިމަނާފައިވާ މަޢުލޫމާތު ކަރުދާހުގައި ބުނެފައިވާ ގޮތުން ރަށް ޙަވާލުކުރެވޭނީ މީލާދީ 06 މަސް ދުވަހަށެވެ. އަދި މިރަށްތަކަކީ ވަގުތީގޮތުން ބެލެހެއްޓުމަށް މިކައުންސިލަށް ޙަވާލުކޮށްފައިވާ ރަށްތަކަކަށްވާތީ، ސަރުކާރު ބޭނުމަށް ރަށް ސަރުކާރަށް ނަގަން ނިންމައިފިނަމަ އެކަން ރަށް ޙަވާލުކުރާ ފަރާތަށް އެންގޭނެކަމަށް ބުނެފައި ވެއެވެ. އަދި 6 މަސް ދުވަހުގެ މުއްދަތު ހަމަވާއިރަށް ސަރުކާރުން ރަށް ނުނަގައިފިނަމަ ދެފަރާތް އެއްބަސްވާ ގޮތުގެ މަތީން އެރަށުގައި ކޮށްފައިވާ މަސައްކަތަށްބަލައި އެއްބަސްވުން އާކުރެވޭނެއެވެ. މިގޮތަށް އެއްބަސްވުން އާކުރެވޭނީ ގިނަވެގެން 6 މަސް ދުވަހަށްކަމަށް ބުނެފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!