ހދ. ކުޅުދުއްފުށީގެ މަސްވެރިން އިއްޔެ ބޭނި މަސް ހުރީ ނުކިރިފައިކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފް ވިދާޅުވެެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާސިރު ވިދާޅުވީ ކުޅުދުއްފުށީގެ މަސްވެރިން އިއްޔެ ބޭނި މަސްވެސް ނުކިރޭ ކަމަށާއި އެކަމާ ގުޅޭގޮތުން މިފްކޯއަށްވެސް ވާހަކަ ދެކެވިފައިވާ ކަމަށެވެ.

Ad
rt

"އަޅުގަނޑު މިފްކޯއާވެސް ވާހަކަ ދައްކާލިން އެކަމަކުވެސް މި ދިމާވާ މައްސަލަ އަކީ މިފްކޯގައި މި ވަގުތު އޮތީ މަސް ކިރޭ އެންމެ ބޯއްޓެއް" ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާސިރު ވިދާޅުވިއެވެ.

ޔާސިރު ވިދާޅުވީ މިފްކޯގެ އޮންނަ މަސްކިރާ ދެ ބޯޓުގެ ތެރެއިން އެއް ބޯޓު މިހާރު އޮތީ ތިލަފުށީގައި މަރާާމާތަށް ބަނދަރު ކުރެވިފައިކަމަށެވެ. އެހެން ކަމުން މިހާރު މި ސަރަހައްްދުގައި މަސް ކިރުމަށް ގެންގުޅެނީ އެންމެ ބޯޓެއްކަމަށް މިފްކޯއިން މަޢުލޫމާތު ދިން ކަމަށެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި ޔާސިރުވަނީ ކުޅުދުއްފުށި އަދި ތިލަދުންމަތީގެ މަސްވެރިންނަށް ދިމާވާ ދަތިތަކާ ބެހޭގޮތުން ވާހަކަ ދައްކަވާފައެވެ. އަދި މިހާރު މަޖިލީހުގެ ކޮމިޓީ މަރުހަލާގައި އޮތް މަސްވެރިކަމުގެ ބިލް ފާސްވެގެން އަންނަ އިރުގައި މިފަދަ ކަންތައްތަކަށް ހައްލު ވާން ޖެހޭނެ ކަމަށް ޔާސިރު ވިދާޅުވިއެވެ.

ހދ. ހަނިމާދޫގައި ވެސް މިދިޔަ ހަފްތާގައި ކިރުމަށް ފަހު ބާކީ ހުރި މަސް ނުވިގެންް އެ އުކާލާ ކަމަށް ހަނިމާދޫ ދާއިރާގެ މެމްބަރު ޢަބްދުލް ޣަފޫރު މޫސާ ވަނީ ވިދާޅުވެފައެވެ.