މަސްވެރިކަމުގެ ބިލް ފާސްވެގެން އަންނައިރު ތިލަދުންމަތީ މަސްވެރިންނަށް ހައްލެއް ލިބެން ޖެހޭނެ ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފް ވިދާޅުވެެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާސިރު ވިދާޅުވީ މަސްވެރިކަމުގެ ސިނާޢަތު ކުރިއަރުވަން މަސައްކަތް ކުރާއިރުގައި ބައިވަރު ގޮތްޖެހުންތައް އެބަހުރިކަމަށެވެ. އެގޮތުން ބޮޑު ތިލަދުންމަތީގައި މަސްވެރިން މަސްވެރިކަން ކުރިއަރުވަން މަސައްކަތް ކުރާކަމަށާއި ނަމަވެސް ބާނާ މަސް ވިއްކޭނެ ގޮތެއް ނެތް ކަމަށެވެ.
"ކުޅުދުއްފުށީގެ މަސްވެރިން އިއްޔެ ބޭނި މަސްވެސް ނުކިރޭ. އަޅުގަނޑު މިފްކޯއާވެސް ވާހަކަ ދައްކާލިން އެކަމަކުވެސް މި ދިމާވާ މައްސަލަ އަކީ މިފްކޯގައި މި ވަގުތު އޮތީ މަސް ކިރޭ އެންމެ ބޯއްޓެއް" - ޔާސިރު
ޔާސިރު ވިދާޅުވީ މަސްވެރިކަމުގެ ބިލް ކޮމެޓީ މަރުހަލާ ނިންމާފައި އަންނަ އިރުގައި މިފަދަ ކަންތައްތަކަށް ހައްލު ވާން ޖެހޭނެ ކަމަށެވެ.
ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމު ހުށަހަޅުއްވާފައިވާ އިންޑިޔާ ކަނޑުގެ ބޮޑުދާ އެޅުން ހުއްޓުވާ ދެމެހެއްޓެނިވި މަސްވެރިކަން ކުރުމަށް ގޮވާލާ ހުޅައެޅި ގަރާރަށް އިޤްތިޞާދީ ކޮމިޓީއިން ހުށަހެޅި ރިޕޯޓައި މެދު ވާހަކަ ދައްކަވަމުން ޔާސިރު ވިދާޅުވީ މިފަދަ ޤާރާރުތަކާއި ބިލްތަކުގެ ބޭނުމަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތައް ހެޔޮ ބަދަލެއް ގެނައުން ކަމަށެވެ.
މީގެ ކުރިން ތިލަދުންމަތީގެ މަސްވެރިކަމުގެ ހާލަތާމެދު މަޖިލީހުގައި ބައެއް މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ހދ. ހަނިމާދޫގައި މަސް ނުވިގެންް މަސް އުކާލާ ކަމަށް ހަނިމާދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު ޢަބްދުލް ޣަފޫރު މޫސާވެސް ވަނީ ވިދާޅުވެފައެވެ. އަދި ތިލަދުންމަތީގެ މަސްވެރިން މަސްބާނަމުންދާ މަހަށް ހަމައަގު ނުލިބޭ ކަމަށް ވިދާޅުވެ ކުޅުދުއްފުށީ ދެކުނު ދާއިރާ ގެ މެންބަރު ޖަމްޝީދު މުޙައްމަދު ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!