ކޯވިޑް-19 ގެ ފުރަބަންދުގެ ހާލަތު ނިމުމަކަށް ގެނެސް، ލުއި ދިނުމުގެ ފިޔަވަހިތަކުގެ ދަށުން، ކެފޭތަކާއި ރެސްޓޯރެންޓުތައް އާންމުންނަށް ހުޅުވާލާއިރު އެތަންތަނުގައި ދުންފަތުގެ އިސްތިޢުމާލު ކުރުން މަނާކޮށް، ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގައި އަމަލުކުރަންވީ ގޮތުގެ އުސޫލު އާންމުކޮށްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކުރި އުސޫލުގައި ކާބޯތަކެތި އުފައްދާ ތަންތަނާއި، ކާބޯތަކެތި ވިއްކާ ތަންތަނާއި، ކާބޯތަކެތި ޑެލިވަރީ ކުރުމާއި ކާބޯތަކެތި އެއްތަނުން އަނެއްތަނަށް އުފުލުމާއި ގުދަންކުރުމުގައާއި ކާބޯތަކެތި ރީޓެއިލް ކުރުމުގައި އަމަލުކުރަންޖެގޭ ގޮތާއި، ކާބޯތަކެތި ވިއްކާ މާރުކޭޓުތަކާއި ކެންޓީނުތަކުގައި އަމަލުކުރަންޖެހޭ ގޮތް ވަނީ ބަޔާންކޮށްފައެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ އެ އުސޫލުގައި ގައިވާގޮތުން ކެފޭތަކާއި ރެސްޓޯރެންޓުތައް އާންމުންނަށް ހުޅުވާލާއިރު އެފަދަ ތަންތަނުގައި ޝީޝާ، ވޭޕް އަދި އީ - ސިނގެރޭޓް ފަދަ ތަކެތި ހިމެނޭހެން ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ މަނާކަމެކެވެ.
މިއުސޫލުގައިވާ ގޮތުން ކާބޯތަކެތީގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ކަމާގުލޭ އިދާރާތަކުގެ ގަވާއިދުތަކާއި އުސޫލުތަކާއި އެއްގޮތަށް ހުއްދަ އޮތްތޯ ކަށަވަރުކުރަން ޖެހޭނެ އެވެ. އަދި ނެތްކަމުގައިވާނަމަ ކަނޑައަޅާފައިވާ އުސޫލުން ހުއްދަ ނެގުމަށްފަހު ޚިދުމަތް ފޯރުކޮށްދޭންޖެހޭނެ އެވެ. މީގެއިތުރުން ކާބޯތަކެތީގެ ޚިދުމަތްދޭ ތަން ބަންދުކޮށްފައި ބެހެއްޓުމަށްފަހު އަލުން ހުޅުވާނަމަ ތަނުގައި ޕެސްޓް ކޮންޓްރޯލް ކުރުމާއި މުޅިތަން ރަނގަޅަށް ސާފުކޮށް ޑިސްއިންފެކްޓް ކުރަންޖެހޭނެ އެވެ. އަދި އާންމު ހާލަތަށް ރުޖޫޢުވުމުގައި ތަނުގައި މަސައްކަތް ކުރިޔަށް ގެންދާނެ ގޮތުގެ ޕްލޭނެއް ހަދަންޖެހޭނެ އެވެ.
އެޗްޕީއޭއިން ކަނޑައަޅާފައިވާ މި އުސޫލުގައި ވަރަށް ތަފްސީލުގުތަކަށް ކާބޯތަކެތީގެ ޙިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން އަމަލުކުރަންޖެހޭ ގޮތްތަކާއި، އެތަންތަނުގެ ޙިދުމަތް ހޯދާ މީހުންނާއި، ޙިދުމަތް ފޯރުކޮށްދޭ މީހުންވެސް އަމަލުކުރަންޖެހޭ ގޮތްތައްވަނީ ކަނަޑައަޅާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!