ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުތަކުގެ ތެރެއިން ޓްރާންސްޕޯޓް ދާއިރާއިން ވައުދު ފުއްދުމުގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ މިރޭ ވިދާޅުވެއްޖެ އެވެ.
ކޯވިޑް-19 ގެ ހާލަތުގައި މަސައްކަތްތައް ތަރުތީބު ކުރެވިފައިވާ ގޮތާއި ގޮންޖެހުންތަކާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން މިރޭ ބޭއްވި ވާޗުއަލް ބައްދަލުވުމެއްގައި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ނަހުލާ އިތުރަށް ވިދާޅުވީ ރައީސްގެ ވައުދުތަކުގެ ތެރެއިން ފުރަތަމަ 100 ދުވަހުގެ ވައުދުތައް ވަނީ ފުއްދިފައި ކަމަށާއި ކޯވިޑް-19 ގެ ސަބަބުން މަސައްކަތްތައް މަޑުޖެހޭ ގޮތް މެދުވެރި އިރު އެހެން މަސައްކަތްތައް ވެސް ބާރަށް ކުރިއަށް ދިޔަ ކަމަށެވެ.
ކޮންމެ އަހަރަކު ހާސިލުކުރާނެ ލަނޑުދަނޑިތަކެއް ކަނޑައަޅައިގެން މަސައްކަތްތައް ނިންމަމުން ގޮސްފައިވާނެ، މިހެން އޮއްވައި އަޅުގަނޑުމެންނަށް މި ކޯވިޑްގެ ހާލަތު މިއައީ. މިހާލަތާ ގުޅިގެން ހަމަ ގައިމު ވެސް ތިޔަ އިއްޒަތްތެރި މެމްބަރުންނަށް ވެސް އެނގިވަޑައިގަންނަވާނެ މަސައްކަތްތަކަށް ލަސްޖެހުން އައިސްފައި މިވަނީ،
މިނިސްޓަރު ނަހުލާ ވިދާޅުވި އެވެ.
އޮންލައިންކޮށް ކުރިއަށް ގެންދިޔަ ކޮމެޓީގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ޓްރާސްޕޯޓް މިނިސްޓްރީއަކީ މެންޑޭޓް ބޮޑު މަސައްކަތް ބުރަ މިނިސްޓްރީއެއް ކަމަށެވެ. އަދި އެ މިނިސްޓްރީގައި ޒިންމާއެއް މަސައްކަތެއް ނެތް ސިޔާސީ އެއްވެސް ބޭފުޅަކު ނުހުންނަވާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މިދިޔަ ދުވަސްތަކުގައި ސަރުކާރު ބަންދުކޮށް އޮފީސްތަކަށް ދާން ނުޖެހުނު ނަމަވެސް ގޭގައި ތިބެގެން ކުރަންޖެހޭ ގިނަ މަސައްކަތްތަކެއްވާ ކަމަށެވެ. އެގޮތުން ސިވިލްއޭވިއޭޝަންގެ މަސައްކަތް އެކަމަނާ ފާހަގަ ކުރެއްވިއެވެ. ވިދާޅުވީ ދުވާލުގެ ގިނަ ވަގުތު އޮފީހުގެ މަސައްކަތްތަކުގައި ހޭދަކުރުމަށްފަހު ރޭގަނޑުގެ ގިނަ ވަގުތު ހޭދަވަނީ ސިވިލްއޭވިއޭޝަންގެ ދާއިރާގެ މަސައްކަތްތަކުގައި ކަމަށެވެ.
ގިނަ ރޭރޭ ފަތިސްވަންދެން މަސައްކަތް ކުރަންޖެހޭ ކަމަށާއި އަދި ހެނދުނު ހަތެއް ޖެހުމާއެކު އަލުން މަސައްކަތަށް އެނބުރި އަންނަ ކަމަށް އެކަމަނާ ވިދާޅުވިއެވެ. އެހެން ކަމުން ގޭގައި ތިބި ނަމަވެސް އެ މިނިސްޓްރީގެ މަސައްކަތް ލުއި ނޫން ކަމަށް ވިދާޅުވިއެވެ.
ސިވިލްއޭވިއޭޝަންއަކީ 24 ގަޑިއިރުހެން އަޅުގަނޑުމެން މަސައްކަތް ކުރަންޖެހޭ ތަނެއް. އެގޮތުން އޮފީހަށް ނާދެވުނު ނަމަވެސް ގޭގައި ތިބެގެން 24 ގަޑިއިރުހެން އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން. ގިނަ ރޭރޭ އަޅުގަނޑުމެންނަށް ހުންނާނީ ތިނެއްޖަހާއިރު ފަތިހު ހަތަރެއް ނޫނީ ފަހެއް ޖަހާއިރުވެސް މަސައްކަތް ކުރެވިފައި. އަނެއްކާ ހެނދުނު ހަތެއް ޖަހާއިރު މަސައްކަތް ފެށޭނެ
މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.
ބައެއް މެމްބަރުން ކޮމިޓީގައި ފާޅުކުރެއްވި ކަންބޮޑުވުމަކީ ކޯވިޑާއެކު ޓެކްސީ ޑްރައިވަރުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް މިނިސްޓްރީއަށް އެކަށީގެންވާ މަސައްކަތެއް ނުކުރެވޭ ކަމަށްބުނެ ފާޅުކުރެއްވި ކަންބޮޑުވުމެވެ.
ނަމަވެސް މިނިސްޓަރު ނަހުލާ ވިދާޅުވީ، ހާލަތައް ބަލައި ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތައް ހައްލު ކުރުމަށް މިނިސްޓްރީއަށް އެކަށީގެންވާވަރަށް މަސައްކަތް ކުރެވުނު ކަމަށެވެ. އެގޮތުން ކުރިން ކޮންމެ ޓެކްސީ ސެންޓަރަކަށް ހަ ޑްރައިވަރަކަށް ހުއްދަ ދިން ނަމަވެސް މިހާރު މިނިސްޓްރީގެ މަޝްވަރާގެ މަތިން ކޮންމެ ޓެކްސީ ސެންޓަރަކަށް 10 ޑްރައިވަރުންނަށް ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށް ނަހުލާ ވިދާޅުވިއެވެ.
ނަހުލާ ވިދާޅުވީ ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދުމަށް އެ މިނިސްޓްރީން ކުރިއަށް އޮތްތާގައިވެސް މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ.
ޓްރާންސްޕޯޓް މިނިސްޓްރީއިން ވަނީ އެ މިނިސްޓްރީގެ ދަށުން ހިންގަމުންދިޔަ ގިނަ މަޝްރޫޢުތަކެއް ހަލުވިކަމާއިއެކު ކުރިއަށް ގެންގޮސްފައެވެ. އަދި އެ މިނިސްޓްރީއަކީ އާ ސަރުކާރުގައި އެންމެ ފާހަގަކޮށްލެވޭ ހިންގުންތެރިއެއް މިނިސްޓްރީކަމަށް ގިނަ ބަޔަކުވަނީ ފާހަގަކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!