މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ހދ. ފިނޭއަށް ބޯކޮށް ވާރޭ ވެހި، އެރަށުގެ ބައެއް ސަރަޙައްދު ތަކުގައި ބޮޑުވެފައިވާ ފެން ހިއްކުމުގެ މަސައްކަތް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ކޮށްފިއެވެ.

އެމްއެންޑީއެފް ބުނީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ހދ. ފިނޭއަށް ބޯކޮށް ވާރޭ ވެހި އެރަށުގެ ބައެއް ސަރަޙައްދު ތަކުގައި ފެން ބޮޑުވުމާއި ގުޅިގެން ފެން ހިއްކުމުގެ މަސައްކަތް
އެމްއެންޑީއެފް ނޯތު އޭރިއާގެ ސިފައިން ރޭގައި ކޮށްފައި ވާކަމަށެވެ.

Ad
rt

މިކަމާއި ގުޅިގެން "ތިލަދުން" އަށް މައުލޫމާތު ހިއްސާކުރަށް ވަމުން ފިނޭ ކައުންސިލްގެ ރައީސް ހަސަން ރަޝީދު ވިދާޅުވީ ރޭ އެރަށަށް ކުރި ވިއްސާރާގައި އެރަށުގެ ބައެއް ސަރަޙައްދުތަކުގައި ފެން ބޮޑުވުމުގެ ސަބަބުން، 8 ގެއަކަށް ފެން ވަނަނުދިނުމަށް ވެލި ބަސްތާ ޖެއްސިފައިވާ ކަމަށެވެ.

ގެއާއި ވަކިން ހުރި 2 ގެއެއްގެ ބަދިގެއަށް ފެން ވަދެފައިވާ ކަމަށްވެސް ހަސަން ވިދާޅުވިއެވެ.

ރޭ ވެހުނު ވާރޭގައި ފިނޭގައި ބޮޑުވިފެން ހިއްކުމުގައި ރޭން ފެށިގެން އެރަށު ރައްޔިތުން ދިޔައީ މަސައްކަތް ކުރަމުންކަމަށާއި، މެންދަމު 1 ޖަހާކަށް ހާއިރު އެމްއެންއެންޑީއެފުން އެރަށަށް ގޮސް މަސައްކަތުގައި ބައިވެރިވެ، ފެން ހިއްކައިދިނުމުގެ މަސައްކަތް ކޮށްދީފައިވާ ކަމަށް ހަސަން ވިދާޅުވިއެވެ.

މިމަސައްކަތުގައި ފިނޭގެ ރައްޔިތުންނާއި، އެމްއެންޑީއެފުން ކޮށްދެއްވި ބުރަ މަސައްކަތް ފާހަގަކޮށް ހަސަން ވަނީ އެފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ.

ހަސަން ވިދާޅުވީ ފެން ހިއްކުމުގެ މަސައްކަތް ނިންމާލީ މިއަދު ހެނދުނު 7:30 ހާއިރުކަމަށެވެ. އެރަށަށް ވެހުނު ބޯ ކެރި ތުނިކޮށްލީ ރޭ މެންދަމު 3 ޖަހާކަށް ހާއިރު ކަމަށާއި، ހެނދުނު ވާރޭ ވެހުން މެދު ކެނޑުނު ނަމަވެސް ދޭތެރެ ދޭތެރެއިން ވާރޭ ވެހެމުން ގޮސް މިއަދު މެންދުރު 2 ޖަހާކަށް ހާއިރުން ފެށިގެން އިއްޔެއެކޭ އެއްގޮތަށް މިހާރު ބޯ ވާރޭ ވެހެމުންދާ ކަމަށް ހަސަން ވިދާޅުވިއެވެ.

ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި އިއްޔެއާއި ރޭ ވަނީ އުތުރުގެ ބައެއް ރަށްރަށުގެ ބައެއް ސަރަހައްދު ތަކުގައި ވަނީ ފެން ބޮޑުވެފައެވެ.