ކޯވިޑް-19 ހާލަތުގެ ސަބަބުން ރާއްޖެ ނާދެވި، ތައިލެންޑުގައި ތިބި 26 ދިވެހިން ރޭ ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ފްލައިޓެއްގައި ރާއްޖެ ގެނެސްފިއެވެ.

މިމީހުން ރާއްޖެ އައުމުން މިއެންމެންވެސް ވަނީ 14 ދުވަހުގެ ކަރަންޓިން ފުރިހަމަ ކުރުމަށް ކަރަންޓީނު ފެސިލިޓީއަށް ގެންގޮސްފައެވެ.

Ad
rt

ތައިލެންޑުގައި ތިބި ދިވެހިން ރޭ ރާއްޖެ ގެނައިއިރު އިއްޔެވަނީ ރާއްޖޭގައި ތިބި ތައިލެންޑުގެ 15 މީހުންވެސް ޤައުމަށް ފޮނުވައިފައެވެ. ރާއްޖޭގައި ހުންނަ ތައި ކޮންސިއުލޭޓުން އިއްޔެ ބުނީ މޯލްޑިވިއަންގެ ފްލައިޓުގައި ރާއްޖޭގައި ތިބި 15 މީހަކު އިއްޔެ ފުރާފައިވާ ކަމަށެވެ. އަދި ކޮލަމްބޯ މަގުން 63 މީހަކު ވެސް އެ ފްލައިޓުގައި ބެންކޮކަށް ދަތުރުކުރާނެ ކަމަށެވެ.

ރާއްޖޭގައި ހުންނަ ތައި ކޮންސިއުލޭޓުން ބުނެފައި ވަނީ އިއްޔެ ފޮނުވާލެވިފައިވަނީ ތައި މީހުން ފޮނުވާ 4 ވަނަ ފްލައިޓް ކަމަށެވެ. އަދި މިހާތަނަށް 349 ތައި ރައްޔިތުން ކޯވިޑާއި ގުޅިގެން ޤައުމަށް ފޮނުވައި ދެވިފައިވާކަމަށް އެ ކޮންސިއުލޭޓުން ވަނީ ބުނެފައެވެ.

މީގެކުރިން އިންޑިއާއާއި، ސްރީލަންކާއާއި، ނޭޕާލާއި، ބަންގްލަދޭޝާއި، ފިލިޕީންސާއި، އަދި މެލޭޝިއާގައި ރާއްޖޭ ނާދެވި ތިބި އެތައް ދިވެހިންނަށް ސަރުކާރުން ވަނީ ރާއްޖެ ގެނެސްދީފައެވެ. މިހާތަނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރާއްޖެ ނާދެވިތިބި 1000 އަށްވުރެ ގިނަ ދިވެހިން ރާއްޖެ ގެނެސްދީފައިވާކަމަށް ސަރުކާރުން ވަނީ ހާމަ ކުރަށްވާފައެވެ.