ހއ. ދިއްދޫގައި ބޭއްވި ފުޓްބޯޅަ މުބާރާތެއްގެ ފައިނަލް މެޗް ހޫނުވެ ބޮޑެތި ހަމަނުޖެހުންތަކެއް ހިންގައި ތަކެއްޗަށް ގެއްލުންދީފިއެވެ.

ދިއްދޫގައި މިއަދު މާރާމާރީ ހިންގާފައި ވަނީ، ބޮޑު އީދާއި ދިމާކޮށް އެރަށުގައި ކުރިޔަށްދިޔަ ފުޓުބޯޅަ މުބާރާތެއްގެ ފައިނަލް މެޗުގެ ތެރެއިންނެވެ.

Ad
rt

ޢީދާ ދިމާކޮށް ހއ. ދިއްދޫގައި ކުރިޔަށޤ ގެންދިޔަ ފުޓްބޯޅަ މެޗުގައި މިއަދު ހިނގި މި ހަމަނުޖެހުންތަކުގެ ތެރެއިން ދަނޑުގައި ބޭނުންކުރި ބައެއް ތަކެއްޗަށް ވަނީ ގެއްލުން ދީފައެވެ. މި މާރާމާރީ ހިނގާފައިވަނީ މެޗުގެ ދެވަނަ ހާފްގެ ތެރެއިންނެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މިއަދު މެޗުގެ ތެރެއިން ހަމަނުޖެހުން ހިނގީ، މެޗުގައި ބައްދަލު ކުރި ޓީމެއްގެ ކެޕްޓަން އަށް ދެ ރީނދޫ ކާޑު ހަމަވެގެން ރަތްކާޑެއް ދެއްކި ހިސާބުންނެވެ. އެއާއެކު އޭނާ ވަނީ ދަނޑުން ނިކުމެ، އޮފިޝަލުންގެ މޭޒު ވައްޓާލާފައެވެ. އަދި އެވަގުތު ޓީމުގެ އެހެން ކުޅުންތެރިއެއަކު ވަނީ ރެފްރީއަށް ހަމަލާ ދީފައެވެ. ނަމަވެސް ރެފްރީއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި އެނގިފައެއް ނުވެއެވެ.

މި ހާދިސާ ހިނގި ވަގުތު މެޗު ބަލަން ގޮސް ތިބި ބައެއް ސަޕޯޓަރުންވެސް ދަނޑުމައްޗަށް އަރައި ހަމަނުޖެހުން ހިންގާފައިވާއިރު މުބާރާތުގެ ޓްރޮފީއަށްވެސް ވަނީ ގެއްލުންދީފައި ވެއެވެ.

މި ހާދިސާ ހިނގުމާއެކު ދިއްދޫ ޕޮލިސް ސްޓޭޝަންގެ ފުލުހުން ވަނީ ހަރަކާތްތެރިވެފައެވެ.

ދިއްދޫގައި މީގެ ކުރިންވެސް ފުޓުބޯޅަ މެޗެއް ހޫނުވެ މާރާމާރީ ހިންގާފައި ވެއެވެ. ދެ ޓީމުގެ ދެމެދުގައި ހިނގި މާރާމާރީގައި އެފަހަރުވެސް ދައުލަތުގެ ތަކެއްޗާއި، މެޗު ކުރިޔަށްގެންދިޔަ ދަނޑަށް ބޮޑެތި ގެއްލުންތަކެއް ދީފައި ވެއެވެ. އެ ހާދިސާ އާއި ގުޅިގެން ފުލުހުން ތަހުޤީޤެއްވެސް ކުރިޔަށް ގެންގޮސްފައި ވެއެވެ.