ކޯވިޑް-19 ބަލިމަޑުކަމާއި ގުޅިގެން ހއ. ދިއްދޫގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް، އެފިޔަވަޅުތަކަށް އަމަލުކޮށް ދިނުމަށް ދިއްދޫ ކައުންސިލުން އެރަށުގެ ރައްޔިތުންގެ ކިބައިން އެދެފިއެވެ.

އެކަމާއި ގުޅިގެން ދިއްދޫ ކައުންސިލުން ބުނީ ކޯވިޑް-19 ބަލިމަޑުކަން ދިވެހި މުޖްތަމަޢުގެ ތެރޭގައި ހަލުވި ކަމާއެކު ފެތުރެމުން ދިއުމާއި އަދި ކުރިއަށްއޮތް 2 ހަފްތާއަކީ ބަލިފެތުރޭ މިންވަރު އެންމެ މައްޗަށް ދާނެކަމަށް ލަފާކުރެވޭ ދެ ހަފްތާކަމަށްވާތީ ، ދިއްދޫގެ ރައްޔިތުން މި ބަލިން ރައްކާތެރިކުރުމަށް އަޅާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން ދިއްދޫ ކޯވިޑް-19 ލަފާދޭ ކޮމިޓީން މަޝްވަރާކުރުމަށް ފަހު އެ ކައުންސިލަށް ދީފައިވާ ލަފަޔާއި އެއްގޮތަށް ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ނިންމާފައިވާ ކަމަށެވެ.

Ad
rt

ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ދިއްދޫ ކައުންސިލުން ނިންމާފައިވާ ނިންމުންތައް

  • ދިއްދޫ ފުރަބަންދުކޮށްފައިވާ މުއްދަތު 25 މެއި 2020 ގެ ހަވީރު 6:00 ގެ ނިޔަލަށް އިތުރުކުރުމާއިއެކު ކުރިއެކޭ ފަތިހު އެއްގޮތަށް ފަތިހު 4:00 އިން ފެށިގެން ހަވީރު 4:00 އަށް ޟަރޫރީ ބޭނުންތަކުގައި ގިނަވެގެން ނިކުމެވޭނީ ގެއަކުން 02 މީހުންނަށް. ރޭގަނޑު ކަސްރަތު ކުރައްވާ ބޭފުޅުން ކަސްރަތުކުރެއްވުމަށް ރޭގަނޑު 9:00 އިން 10:30 އަށް ގެއިން ބޭރަށް ނުކުތުން.
  • ފުރަބަންދު ކުރެވިފައިވާ މުއްދަތުގެ ތެރޭގައި ޟަރޫރީ ބޭނުންތަކަށް ޙާއްސަ ކޮށްފައިވާ ވަގުތުތަކުގައި ބޭރަށް ނިކުމެ އުޅޭއިރު ބޭކާރުގޮތުގައި ނުކުމެ ބަނދަރުގެ ބުރު ފަދަ ތަންތަނުގައި ނުތިބުން. ބެހެއްޓުން ޟަރޫރީ ބޭނުންތަކުގައި ބޭރަށް ނުކުންނައިރު އެޗްޕީއޭ އިން ދެއްވާފައިވާ ލަފާ އާއި އެއްގޮތަށް މާސްކު އެޅުމާއި ގައިދުރުކަން ބެހެއްޓުން.
  • ޟަރޫރީ ހާލަތެއްގައި މެނުވީ އެއްވެސް ވަގުތެއްގައި ކުޑަކުދިން ބޭރަށް ނެރުމާއި އަދި އެކުދިން ގޮވައިގެން އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ދުވުން މަނާ ކުރުން.
    15 މެއި 2020 ދުވަހުގެ ހަވީރު 6:00 އިން ފެށިގެން ޟަރޫރީ ބޭނުންތަކުގައި ގެއިން ބޭރަށް ނުކުންނަން ޖެހޭ ފަރާތްތަކުން، ހއ. ދިއްދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9791462 އަށް ގުޅައިގެން ހުއްދަ ހޯދުން.
  • އަތޮޅުގެ އެހެން ރަށްތަކުން ވިޔަފާރި ކުރުމުގެ ބޭނުމުގައި އަންނަ އުޅަނދުތައް ދިއްދޫ ބަނދަރަށް ވަނުމުގެ ހުއްދަ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ހަވީރު 4:00 ގެ ނިޔަލަށަށެވެ. އައުން އުޅަނދުގައި އަންނަ ފަރާތްތަކުން ދިއްދުއަށް އަރަން ނުޖެހޭނެ ފަދަ ގޮތަކަށް ، ދުރާލާ ބޭނުންފުޅުވާ މުދާ ދިއްދޫގެ ވިޔަފާރިކުރާ ފަރާތްތައް މެދުވެރިކޮށް ބަނދަރަށް ގެނައުމުގެ އިންތިޒާމް ހަމަޖައްސަވައިގެން ދިއްދޫއަށް އައުން.
  • ޞިއްހީ ފަރުވާއަށް އަންނަ ފަރާތްތަކުން މިހާރެކޭވެސް އެއްފަދައިން ހޮސްޕިޓަލް ފިޔަވާ ދިއްދޫގެ އެހެން އެއްވެސް ތަނަކަށް ދިއުން މަނާކުރުމާއި އަދި ކޮންމެހެން އެހެން ތަނަކަށް ނުގޮސް ނުވާފަދަ ކަންކަމުގައި ދިއްދޫ ޕޮލިސް ސްޓޭޝަނުގެ ނަންބަރު 9791462 އަށް ގުޅައިގެން ހުއްދަ ހޯދުމަށް ފަހު އެތަނަކަށް ދިއުން.

ދިއްދޫ ކައުންސިލުން ވަނީ މިނިންމުންތަކާއި އެއްގޮތަށް ހުރިހާ ރައްޔިތުން އަމަލުކޮށް ދިނުމަށް އެދިފައެވެ.

ހުސްވި އޭޕްރިލްމަހުގެ 25 ވަނަ ދުވަހު އެޗްޕީއޭއިން އެރަށް މޮނިޓަރިންގ ހާލަތަށް ގެނައުމަށް ފަހު، މި މޭ މަހުގެ 2 ވަނަ ދުވަހު އެރަށްވަނީ މޮނިޓަރިންގ ހާލަތުން ނަގައިފައެވެ.

އެޗްޕީއޭއިން އެރަށް މޮނިޓަރިންގ ހާލަތުން ނެގިނަމަވެސް އެޗްޕީއޭއިން ކައުންސިލްތަކަށް ދީފައިވާ ބާރުގެ ދަށުން ދިއްދޫގައި ކޮށްފައިވާ ފުރަބަންދުގެ މުއްދަތު ދިއްދޫ ކައުންސިލުން ވަނީ ދަމަހައްޓާފައިއެވެ.

ހއ. ދިއްދޫ ކޯވިޑް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ލަފާގެ މަތީން އެރަށު ކައުންސިލުން އެ ރަށުގެ ފުރަބަންދުގެ މުއްދަތު 25 މެއި 2020 ގެ ހަވީރު 6:00 ގެ ނިޔަލަށް އިތުރު ކޮށްފައި ވާއިރު، މިއަކީ އެރަށުގެ ފުރަބަންދުގެ މުއްދަތު އިތުރު ކުރި ހަތަރު ވަނަ ފަހަރެވެ.