ހއ. ދިއްދޫ މިޑްލް ސްޕޯރޓްސް ކްލަބުގެ ފަރާތުން ދުނިޔޭގެ ނަރުހުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެރަށުގައި ހުންނަ ހއ. އަތޮޅު އަތޮޅު ހޮސްޕިޓަލްގެ ނަރުހުންނަށް ހަދިޔާ ދީފިއެވެ.

މިގޮތުން އެ ކްލަބުން ވަނީ އެ ހޮސްޕިޓަލްގެ ނަރުހުންނަށް ހިތްވަރުދީ، އެ ހޮސްޕިޓަލްގެ ކޮންމެ ނަރުހަކަށް ފުރުޓް ޕެކޭޖެއް ހަދިޔާ ކޮށްފައިއެވެ.

Ad
rt

އޭގެ އިތުރުންވެސް ދިއްދޫ މިޑްލް ސްޕޯރޓްސް ކްލަބުގެ ފަރާތުން ވަނީ ކޯވިޑާއި ގުޅިގެން އެރަށުގެ ބައެއް މުވައްސަސާތަކަށް ފޭސް މާސްކު ހަދިޔާ ކުރުމުގެ ހަރަކާތްތަކެއް ހިންގައިފައެވެ.

މިގޮތުން އެރަށުގެ ހުރިހާ ފިހާރަތައްކަށް އެ ކްލަބުން ވަނީ ފޮތި މާސްކު ހަދިޔާކޮށްފައެވެ. އަދި އެރަށުގައި ގާއިމުވެ ތިއްބަވާ ފުލުހުންނަށްވެސް އެ ކްލަބުން ވަނީ ފޮތި ފޭސް މާސްކު ހަދިޔާކޮށްފައެވެ. އެ ކްލަބުން ބުނީ އެރަށުގެ ފިހާރަތަކަށާއި، ފުލުހުންނަށް 200 އެއްހާ ފޮތި ފޭސް މާސްކު ހަދިޔާކޮށްފައި ވާނޭ ކަމަށެވެ.

އޭގެ އިތުރުން އެ ކްލަބުން ވަނީ އެރަށުގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް 200 ސާޖިކަލް މާސްކާއި، 200 އަންގިވެސް ހަދިޔާ ކޮށްފައެވެ.

ދިއްދޫ މިޑްލް ސްޕޯޓްސް ކްލަބުން އަންނަނީ އެރަށު ކައުންސިލުން އުފައްދާފައިވާ ދިއްދޫ ކޯވިޑް-19 އިމަރޖެންސީ އޮޕޭޝަން ސެންޓަރުގެ މަސައްކަތްތަކުގައިވެސް އަމަލީ ގޮތުން ބައިވެރިވަމުންނެވެ.

އެ ކްލަބުން ވަނީ ކޯވިޑާއި ގުޅިގެން އެ ކްލަބްގ އިޖުތިމާއީ ޒިންމާގެ ދަށުން އެރަށުގެ ހުރިހާ މިސްކިތެއްގައި އަތް ދޮންނަ ސައިބޯނި ފުޅި ބަހައްޓައިފައެވެ.

އޭގެ އިތުރުންވެސް އެ ކްލަބުން އަންނަނީ އެރަށުގައި ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި، އެކި ދުވަސްތައް ފާހަގަ ކުރުމާއި، ހިލޭ ސާބަހަށް ރަށުގެ ބައެއް އިޖުތިމާއީ މަސައްކަތްތައް ކޮށް ދިނުން ފަދަ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.

ދިއްދޫ މިޑްލް ސްޕޯރޓްސް ކްލަބަކީ ފުޅާދާއިރާއެއްގައި ހއ. ދިއްދޫގައި އެރަށުގެ އިޖުތިމާއީ ދުޅަހެޔޮ ކަމަށް މަސައްކަތް ކުރާ ކްލަބެކެވެ.