ށ. ނަރުދޫ އަމާޒު ބޯޓުން ދަތުރުކުރި ހދ. ކުމުންދޫ ދެ މީހުންގެ ސާމްޕަލް ކޯވިޑް-19 އަށް ނައްސިވެފައި ވާކަމަށް ކުމުންދޫ ކައުންސިލުން ބުނެފިއެވެ.

މި ދެމީހުން ނައްސިވި ނަމަވެސް ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކށް ސަމާލުކަން ދިނުމަށް އިލްތިމާސް ކުރާ ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.

Ad
rt

ކުމުންދޫ ދެ މީހުންގެ ސާމްޕަލް ނައްސިވި އިރު، ހއ. އިހަވަންދޫ ކާވިޔާ ބޯޓުން ދަތުރުކުރި އުލިގަމު މީހެއް ފައްސިވުމުން އެ ބޯޓުން ދަތުރު ކުރި އިހަވަންދޫގެ 35 މީހަކާއި، ހދ. ވައިކަރަދޫގެ 23 މީހެއްގެ ސާމްޕަލްވެސް ވަނީ ނައްސިވެފައެވެ.

ރާއްޖެއިން މިއަދު މިބައްޔަށް މިހާތަނަށް އަލަށް 6 މީހަކު ފައްސިވެފައިވާ ކަމަށް ހެލްތު މިނިސްޓްރީގެ މައުލޫމާތު ތަކުން ހާމަވެއެވެ.

އެހެން ކަމުން ރާއްޖެއިން މިހާތަނަށް ކޯވިޑް-19 އަށް ވަނީ 256 މީހުން ފައްސިވެފަ އެވެ. އޭގެ ތެރެއިން 17 މީހަކު ރަނގަޅުވެ، މިހާރު ފަރުވާ ދެމުން އަންނަނީ 233 މީހުންނަށެވެ.

މިވަގުތު ކަރަންޓީނު ފެސިލިޓީސް ތަކުގައި 1271 މީހުން ތިބި އިރު، އައިސޮލޭޝަން ފެސިލިޓީތަކުގައި 231 މީހަކު އެބަ ތިއްބެވެ.