ފުރަ ބަންދުގެ ދުވަސްވަރު މޫދަށް ކުނިއެޅުން ހުއްދަކޮށްފައިވާތީ އާންމުންގެ ކަންބޮޑުވުންތަކާއި ފާޑުކިއުންތައް އަމާޒުވުމާއި ގުޅިގެން ހއ. ދިއްދޫ ކައުންސިލުން ނެރުނު އުސޫލު މުރާޖާކޮށްފިއެވެ.

ދިއްދޫ ކައުންސިލުން މޫދަށް ކުނިއެޅުން ހުއްދަކަމަށް ނިންމައި އެކަން އަންގާފައި ވަނީ މިއަދު ގެ ވަގުތެއްގައެވެ. ކޮވިޑް-19 އާއި ގުޅިގެން ހއ. ދިއްދޫ ފުރަބަންދުކުރުމުން އަމަލުކުރާނެ ގޮތް ބަޔާންކޮށް އެކައުންސިލުން ނެރެފައިވާ އެންގުމެއްގައެވެ.

Ad
rt

ހއ. ދިއްދޫ ކައުންސިލުން ފުރަތަމަ ނެރުނު އެންގުމުގައި ބުނެފައި ވަނީ، ގެއިން ބޭރަށް ނިކުތުން މަނާ ގަޑިތަކުގައި ކަރަންޓީނު ކޮށްފައިވާ ގޯތިތައް ފިޔަވައި އެހެން ގޯތިތަކުގައި އުފެދޭ ކުނިވާ ޒާތުގެ ކުނިބުނި މޫދަށް އުކާލެވިދާނެ ކަމަށެވެ.

"ކަރަންޓީނު ކޮށްފައިވާ ގޯތިތައް ފިޔަވައި އެހެން ގޯތިތަކުގައި އުފެދޭ ކުނިވާ ޒާތުގެ ކުނިބުނި އުކާލުމަށް ކޮންމެ ދުވަހެއްގެ ހެނދުނު 6:00 އިން 7:00 އަށް ކޮންމެ ގެޔަކުން އެއް ބޭފުޅަކަށް ގެއިން ބޭރަށް ނުކުމެ މޫދަށް ކުނި އުކާލެވިދާނެ ނަމަވެސް ބަނދަރަށް ކުނިވާ ޒާތުގެ ކުނިބުނި އުކާލުމަކީ މަނާކަމެކެވެ."

ކައުންސިލްގެ އެންގުމުގައި ވެއެވެ.

އިރު އޮއްސުނުފަހުން އެކައުންސިލުން ނެރުނު އުސޫލުގެ 3 ވަނަ މާއްދާ އިން "މޫދަށް" މި ލަފްޒު އުނިކޮށް ވަނީ އިސްލާހުކޮށްފައެވެ.

2013 ވަނަ އަހަރު ދިއްދޫ ކައުންސުލިން އާންމުކޮށް ގެޒެޓުކުރެވިފައިވާ "ކުނި އުކާލުމާއު ކުނި ނައްތާލުމާއި ބެހޭ ޤަވާއިދު"ގައި މޫދަށް ކުނި އެޅުމަކީ މަނާ ކަމެކެވެ. ކުނި ގޮނޑު ފިޔަވައި އެހެން ތަނަކަށް ކުނި އަޅައިފިނަމަ އެކަން ކުރި ފަރާތައް ޖޫރިމަނާ ކުރެވޭނެކަމަށާއި އަދި ފިޔަވަޅު އެޅޭނެކަމަށް އެޤަވާއިދުގައި ބުނެފައި ވެއެވެ.

  • އެޤަވާއިދުގެ 11 ވަނަ ނުކުތާގައި ބުނެފައިވަނީ:11. (ހ) މިގަވާއިދުގައި ހިމެނިފައިވާ ކަންކަމާ ޚިލާފުވާ ފަރާތްތަކާ މެދު، އެހެން ޤާނޫނަކުން ނުވަތަ ގަވާއިދަކުން ވަކިގޮތަކަށް ޢަމަލުކުރުމަށް ކަނޑައެޅިފައިނުވާ ކަންކަމުގައި، ފުރަތަމަ ފަހަރު ނަސޭހަތް ދިނުމަށްފަހު ދެވަނަ ފަހަރު ކުށް ތަކުރާރުކޮށްފި ނަމަ -/500ރ (ފަސްސަތޭކަ ރުފިޔާ) އާއި -/1000ރ (އެއްހާސް ރުފިޔާ) އާދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ ތިން ވަނަ ފަހަރު ތަކުރާރުކޮށްފިނަމަ -/1000ރ (އެއްހާސް ރުފިޔާ) އާއި -/3000 (ތިން ހާސް ރުފިޔާ) އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން؛ ހަތަރު ވަނަ ފަހަރު ތަކުރާރުކޮށްފި ނަމަ -/3000 (ތިންހާސް ރުފިޔާ) އާއި -/5000 (ފަސްހާސް ރުފިޔާ) އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން އަދި ހަތަރު ފަހަރަށް ވުރެ އިތުރަށް ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު -/5000 (ފަސްހާސް ރުފިޔާ) އިން ޖޫރިމަނާ ކުރުމުގެ އިޚުތިޔާރު މި ގަވާއިދުގެ
    ދަށުން ކައުންސިލަށް ލިބިގެންވެއެވެ.

މިނިސްޓްރީ އޮފް އެންވާރަމަންޓް އިން ނެރެފައިވާ ކުނި މެނޭޖް ކުރުމުގެ ޤަވާއިދުގެ 11 ވަނަ މާއްދާގައި، ބަޔާންކޮށްފައިވާ ގޮތުން ރާއްޖޭގައި އުފެދޭ ކުނި އަޅަންވާނީ އެކަމަށް ޚާއްސަކޮށްފައިވާ ތަންފީޒީ އިދާރާއިން ހުއްދަދީފައިވާ ތަންތަނަށެވެ.

އެ ޤަވާއިދުގައި އިތުރަށް ބުނެފައިވަނީ، ކުޅި އަދި ޗަސްބިން، ރަށްރަށުގެ ފަޅުތެރެ، ފަރު، ފަޅު، ފިނޮޅު، ރަށްރަށުގެ އަތިރިމަތި، ރަށްރަށުގެ ހޭޅިފަށް، ބަނދަރު، ޕާކު އަދި މަގުމައްޗަކީ ޤާނޫނު ނަންބަރު 4/93 ގެ ދަށުން ޙިޔާމަތްކޮށްފައިވާ ތަންތަނަށް ވީހިނދު، މިއިން ތަނަކަށް އެއްވެސް ޙާލެއްހައި ކުނި އަޅައިގެން ނުވާނެ ކަމަށާއި، އެފަދަ ތަނަކަށް އެއްވެސް ބާވަތެއްގެ ކުންޏެއް އެޅުމަކީ މަނާކަމެއް ކަމަށެވެ.

ދިއްދޫ ކައުންސިލުން ދިއްދޫގެ މޫދަށް ކުނިއުކާލުމަށް ހިތްވަރުދީ ނެރެފައިވާ އުސޫލު ގިނަބަޔަކުވަނީ ކުށްވެރިކޮށްފައެވެ. އަދި އެރަށުގެ އެއްވެސް ބޭފުޅަކު މި ގޮތަށް ރަށުގެ މޫދަށް ކުނި ނޭޅުމަށް ގޮވާލާ އަޑު އުފުލާފައިވާކަން ފާހަގަކޮށްލެވެއެވެ.