މިއަދުން ފެށިގެން ތިން ދުވަހަށް ހއ. ދިއްދޫ ފުރަބަންދު ކުރުމަށް ހއ. ދިއްދޫ ކައުންސިލުން ނިންމައިފިއެވެ.
ދިއްދޫ ފުރަބަންދު ކުރުމަށް ނިންމާފައިވަނީ 3 ދުވަހުގެ މުއްދަތަށް، މިއަދު (23 އެޕްރީލް 2020) ހަވީރު 6:00 އިން 26 އެޕްރީލް 2020 ވާ އާދީއްތަ ދުވަހުގެ ހަވީރު 6:00 އަށެވެ.
އެ ނިންމުމާއި ގުޅިގެން ދިއްދޫ ކައުންސިލުން ބުނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ވައިރަސް ރާއްޖެއިން ފެނިފައިވާތީ، އަދި އެ އަތޮޅުގެ ރަށަކުން ވެސް ވައިރަސް ފެނިފައިވުމާއެކު، އެރަށުގައި މި ވައިރަސް
ފެތުރުން ހުއްޓުވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން 23 އެޕްރީލް 2020 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 6:00 ން
ފެށިގެން 26 އެޕްރީލް 2020 ވާ އާދީއްތަ ދުވަހުގެ ހަވީރު 6:00 އަށް ދިއްދޫ ފުރަބަންދު (ލޮކްޑައުން) ކުރުމަށް ކޯވިޑް-19 ދިއްދޫ ޓާސްކްފޯސް އާއި ހއ. އަތޮޅު ޓާސްކްފޯހާއި އަދި ހއ. އަތޮޅުގެ ޓެކްނިކަލް އެޑްވައިޒަރީ ކޮމިޓީގެ މެމްބަރުން ހިމެނޭ ބައްދަލުވުމުން ދިއްދޫ ކައުންސިލަށް ލަފާދެއްވާފައި ވާކަމަށެވެ.
އެހެން ކަމުން އެލަފަޔާއި އެއްގޮތަށް ދިއްދޫ ފުރަބަންދު ކުރެވޭނެ ކަމަށް ދިއްދޫ ކައުންސިލުން ބުނެފައި ވެއެވެ. އަދި ފުރަބަންދުގެ މުއްދަތުގައި ދިއްދޫ ކައުންސިލުން ހުއްދަދޭ ފަރާތްތައް ފިޔަވައި، އިތުރު އެއްވެސް ފަރާތެއް ބޭރުގައި އުޅުމަކީ މަނާކަމެއް ކަމަށް ދިއްދޫ ކައުންސިލުން ބުންޏެވެ.
ފުރަބަންދުގެ ވަގުތުގައި ބޭރަށް ނުކުކުތުމުގެ ހުއްދަ ދިއްދޫ ކައުންސިުން ދީފައިވާ ފަރާތްތައް
• ސިފައިންނާ ފުލުހުން
• ހޮސްޕިޓަލް މުވައްޒަފުން
• ފެނަކަ މުވައްޒަފުން
• ފާމަސީތަކުގައި މަސައްކަތްކުރާ ފަރާތްތައް
• ހއ ދިއްދޫ ކޮވިޑް 19 ޓާސްކްފޯސް އަދި އެސްއެސްޑީގެ އޮފިޝަލުން
• ދިއްދޫ ކޮވިޑް-19 ޓާސްކްފޯސް އިން ފާސްދޫކޮށްފައިވާ ފަރާތްތައް
ކޯވިޑް-19 އާއި ގުޅިގެން ދިއްދޫގައި ފުލޫ ކްލިނިކެއް ގާއިމުކޮށްފައިވާއިރު، ދިއްދޫ ކައުންސިލުންވަނީ އެބައްޔާއި ގުޅިގެން ގިނަ ފިޔަވަޅުތަކެއްވެސް އަޅާފައެވެ.
ކޯވިޑް-19 ގެ މިހާލަތުގައި ދިއްދޫ ދާއިރާގެ ރައްޔިތުން ތަމްސީލްކުރާ މެމްބަރުގެ ޙައިސިއްޔަތުން، މަޖިލީހުގެ ތެރެއިންނާއި، ދައުލަތުގެ ކަމާ ބެހޭ އެންމެހާ އިދާރާތަކާއި ގުޅިގެން ކުރަންޖެހޭ ކަންކަންކޮށް، އެ މަގަށް ވަކާލާތުކުރުމުގައި، މާތް ﷲ ގެ އިރާދަފުޅުން ދެމިހުންނާނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާ ކަމަށް ދިއްދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދު ﷲ ވަހީދު، އިއްޔެ ނެރުއްވި ހާއްސަ އިލްތިމާސެއްގައި ވަނީ ވިދާޅުވެފައެވެ.
ހއ. އިހަވަންދޫ ކާވިޔާ ބޯޓުން ދަތުރު ކުރި އުލިގަމު މީހެއް ކޯވިޑަށް ފައްސިވެފައި ވާއިރު، އުލިގަމު ފިޔަވައި އުތުރުން މޮނިޓަރިން ހާލަށް ގެނައި އެހެން ހުރިހާ ރަށްތައް މޮނިޓަރިން ހާލަތުން ނަގާފައިވާ ކަމަށް ކޯވިޑް-19 ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!