ނޮޅިވަރަމާއި ނޮޅިރަންފަރަކީ ކައިރިކައިރީގައި އޮންނަ ބޮޑު ދެ ރަށެވެ. ނޮޅިވަރަންފަރަކީ 184 ހެކްޓަރަށް ވުރެ ބޮޑު، ރަށެކެވެ. ކުރިން އަތޮޅުވެރިކަން ކުރި ރަށެވެ. ނޮޅިވަރަމަކީ 221 ހެކްޓަރަށް ވުރެ ބޮޑު ރަށެކެވެ. މިހާރު، އިންތިހާބީ ދާއިރާތަކުގެ ތެރެއިން މި ދެ ރަށް ހިމެނޭ 'ނޮޅިވަރަމު ދާއިރާ" ގެ ނަން ނިސްބަތްވާ ރަށެވެ. ރާއްޖޭގެ ބައެއް ރައްޔިތުންނާއި ސަރުކާރުގެ މުއައްސަސާތަކަށް ވެސް މި ދެ ރަށް އޮޅޭލެއްގިނައެވެ.
މިފަހަރު މި ދިމާވީ ރަނގަޅު ކަމެއްކަމަށް ބަލަން ޖެހެއެވެ.
ހއ އުލިގަމުން މީހަކު ކޯވިޑް19 އަށް ފައްސިވުމާ ގުޅިގެން، އެ މީހާ ދަތުރުކުރި ބޯޓު ބަނދަރުކުރި ރަށްރަށާއި، އެ މީހާ އާއި ގުޅުން ހުރި މީހުން ހޯދާ، ރައްކާތެރިކަމުގެ ފިޔަވަޅު ތައް އެޅިއެވެ. މިގޮތުން، ހދ ނޮޅިވަރަންފަރު ޓާސްކް ފޯހުން، އެ ރަށުގެ ރައްޔިތެއްގެ ކިބައިން ޝައްކުކުރެވޭ އަލާމާތްތައް ފެނިގެން، ކަމާ ގުޅުން ހުރި ފަރާތްތަކަށް އަންގައި، ޓެސްޓުކުރަން ސާމްޕަލު ނަގައި ފޮނުވިއެވެ.
ދެން ކަން ދިމާވި ގޮތަކީ 19 އޭޕްރީލް ވީ އާދީއްތަ ދުވަހުގެ ރޭ އެޗްޕީއޭ އިން، ހދ ނޮޅިވަރަމު މޮނީޓަރިންގެ ހާލަތަށް ގެނައި ކަން އެންގެވީއެވެ.
"ތިޔަ ރަށަށް ދަތުރުކޮށްފައި ވާ މީހެއްގެ ކިބައިން ކޯވިޑް 19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރެގެންނެވެ."
މި ކަމާ ގުޅިގެން، ނޮޅިވަރަމު ކައުންސިލުން ރަށް ފުރަބަންދު ކޮށް، ޕްލޭންތަކާ އެއް ގޮތަށް ހަރަކާތްތެރި ވާން ފެށީއެވެ. ނަމަވެސް، އޭރުވެސް، ސުވާލު އުފެދިފައި އޮތީ، މިއީ ހަމަ އޮޅުމެއް ނޫން ބާއޭ؟ އެހެނީ މިފަދަ ހާލަތަކަށް ދާން ޖެހޭ ސަބަބެއް ނެތުމެވެ. މި ކަން ޔަގީން ކުރެވޭ ތޯ ސިއްހީ މަރުކަޒުން ވެސް މަސައްކަތްކުރިއެވެ. ނޭޝަނަލް އެމެޖެންސީ ސެންޓަރުގެ ތަރުޖަމާނު ވިދާޅުވީ ހަމަ ނޮޅިވަރަމު ކަމަށެވެ.
ފޮނުއްވި ލިޔުމުގައި ވެސް އޮތީ ހަމަ މި ގޮތަށެވެ. އޭގެ އެއް ދުވަސް ފަހުން، 21 އޭޕްރީލްގައި މޮނިޓަރިންގެ ހާލަތު އުވާލިކަން އެންގެވީއެވެ.
މި ފަހަރުގެ މި އޮޅުން ރަނގަޅަކަށް ވީ ސަބަބަކީ، ފުރަބަންދަކަށް ދާން ޖެހިއްޖެ ހާލަތަކަށް ތައްޔާރުވެވިފައިވާ މިންވަރު ވަޒަންކޮށްލެވުނީތީއެވެ. އެކަން ޢަމަލީ ގޮތުން ތަޖުރިބާކޮށްލެވުނީތީއެވެ.
ٱلْحَمْدُ لِلَّٰهِ އެވެ. ނޮޅިވަރަންފަރުން ޓެސްޓުކުރި މީހާގެ ނަތީޖާ ވެސް ނައްސިއެވެ. ލޮބުވެތި ރައްޔިތުންނޭވެ. ރައްކާތެރިކަމާއި އެކު ގޭގައި ތިއްބަވާށެވެ.
ލިއުނީ: އިލްޔާސް ޝުޖާޢު
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!