ކޮވިޑް-19އަށް އިތުރު ދިވެއްސަކު ޕޮޒިޓިވްވެއްޖެ އެވެ. މި މީހާއަކީ މީގެކުރިން ހއ. އުލިގަމުން ޕޮޒިޓިވްވީ މީހާއާ ޑައިރެކްޓް ކޮންޓެކްޓްވި މީހެކެވެ. އޭނާ މިވަގުތު ހުރި ތަނެއް އެޗްޕީއޭއިން ހާމައެއް ނުކުރެ އެވެ. މި މީހާއެކު މާލެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 64 އަކަށް އެރީ އެވެ.
އުލިގަމުގައި ހުއްޓާ ކޮވިޑް-19އަށް ޕޮޒިޓިވްވި މީހާއަކީ މި މަހުގެ 15 ވަނަ ދުވަހު މާލެއިން ކަނޑު ބޯޓެއްގައި ފުރައިގެން އުލިގަމަށް ދިޔަ ދިވެއްސެކެވެ. އޭނާ ދަތުރުކޮށްފައިވަނީ ހއ. އިހަވަންދޫ ކާވިއާ ބޯޓުގަ އެވެ.
ކާވިއާ ބޯޓަކީ ހދ. އަދި ހއ.ގެ ގިނަ ރަށްތަކަށް ދަތުރު ކުރާ ބޯޓެކެވެ. އެހެންވެ އެ ބޯޓު މަޑުކޮށް މީހުން ބޭލި ގިނަ ރަށްތަކެއް މިހާރު ވަނީ މޮނީޓަރިން ހާލަތަށް ގެނެސްފަ އެވެ. އަދި ބޯޓުން ދަތުރުކުރި މީހުން ވަނީ އެކަހެރިކޮށްފަ އެވެ.
އެޗްޕީއޭއިން ވިދާޅުވީ، މިއަދު މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވި ދިވެއްސަކީ (ކޭސް:52) ގެ ޑައިރެކްޓް ކޮންޓެކްޓެއްކަމަށެވެ. އޭނާގެ ސާމްޕަލް ނަގައި ހެދި ޓެސްޓުގެ ނަތީޖާ ޕޮޒިޓިވް ވެފައިވާއިރު، އެމީހާގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނިފައިވާކަމަށްވެސް އެޗްޕީއޭއިންވަނީ ވިދާޅުވެފައެވެ.
ކޭސް 52 އަކީ ހއ. އުލިގަމުން ފެނުނު ކޭސްއެކެވެ. އޭނާގެ ފަރާތުން މިވައިރަސް ޖެހިފަވަނީ ކޭސް 84 ކަށެވެ. މިމީހާ (ޕޭޝަންޓް 84)އަކީ މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވީ 17 ވަނަ މީހާ އެވެ. މާލެއިން މިއަދު މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވް މީހުންގެ ތެރޭގައި ހިމެނެނީ ހަތް ބިދޭސީއަކާއި 10 ދިވެއްސެކެވެ. މީގެތެރޭގައި 80 އަހަރުގެ މީހަކު ވެސް ހިމެނޭކަމަށް އެޗްޕީއޭއިންވަނީ މަޢުލޫމާތު ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!