ކޯވިޑް-19 އާއި ގުޅިގެން މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ މުއްދަތު އިތުރު ކުރަން ޖެހިދާނެކަމަށާއި މި ފިޔަވަޅުތައް ރޯދަމަހާއި ހަމައަށް ދެމިގެން ހިނގައިދާނެކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ ޢަމީން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ ކޯވިޑް-19 އާއްމުންގެ ތެރޭގައި ފެތުރެން ފަށާނީ ކޮންއިރަކު ކަމެއް ނޭނގޭނެ ކަމަށާއި އެކަމަށް ތައްޔާރުވުމަށްޓަކައި މިހާރުންސުރެ މުހިއްމު ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށެވެ.

Ad
rt

މިގޮތުން ހާލަތަށް ރިޢާއަތްކޮށް މިހާރު ބަންދުކޮށްފައިވާ ތަންތަނުގެ ބަންދުގެ މުއްދަތު އިތުރު ކުރަން ޖެހިދާނެކަމުގައިވެސް މިނިސްޓަރ އަމީން ވިދާޅުވިއެވެ. މިގޮތުން ސްކޫލްތަކާއި، ކޮލެޖް ޔުނިވަރސިޓީތައް އަދި ކެފޭ ރެސްޓޯރެންޓްތަކުގެ ބަންދުގެ މުއްދަތު އިތުރު ކުރަންޖެހިދާނެކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިއަހުރެ ރަމަޟާންމަސްވެސް ހޭދަކުރަން ޖެހޭނީ މިހާރު އަޅާފައިވާ ފިޔަވަޅުތަކާއި އެކުގައި ކަމަށްވުން އެކަށީގެންވާ ކަމުގައި މިނިސްޓަރ އަމީން ވިދާޅުވިއެވެ.

މިވަގުތު އެއްވެސް މީހަކު ވިސްނައިގެން ނުވާނެ އަވަހަށްމިކަން ނިމި ރާއްޖެ އާއްމު ހަލަތަކަށް އައިސްދާނެކަމަށް. ރާއްޖޭގައި މި ބަލި ފެތުރުން ކޮޓްރޯލްކޮށްފައި އޮތްނަމަވެސް މިއަށް ބަދަލު ހަމަ އައިސްފާނެ. އަދި ހާލަތަށް ބަލާފައި ކަންކަން ބަދަލުވުންވެސް އެކަށިގެންވޭ

މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީން ވިދާޅުވިއެވެ.

ކޯވިޑް-19 އާ ގުޅިގެން މިހާރުވަނީ އާއްމުންގެ ތެރޭ މިބަލި ފެތުރިފައި ހުރިތޯ ބެލުމުގެ ދިރާސާ ކުރަމުންނެވެ. މިކަން ކުރުމަށް ނޭވާލާ ނިޒާމުގައި އިންފެކްޝަނެއް އުފެދިގެން ހޮސްޕިޓަލުގައި އެޑްމިޓްކުރާ މީހުން ޓެސްޓުކުރުމާއި ނޭވާލާ ނިޒާމުގެ ބަލިތަކަށް ރާއްޖޭގެ ހުރިހާ ހިސާބަކުން ރިޕޯޓުކުރާ މިންވަރު މިހާރު ވަނީ ބަލަން ފަށާފައެވެ. އަދި މިދަނޑިވަޅުގައި މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއް ދީފިނަމަ ދެންވާނެ ގޮތުގެ ދިރާސާއެއްވެސް މިހާރު ދަނީ ކުރަމުންނެވެ.

ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޯވިޑް-19 ރާއްޖޭގައި ފެތުރިގެންދިޔަނުދިނުމަށްޓަކައި ސަރުކާރުން ވަނީ މިހާތަނަށް ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. މިގޮތުން ރާއްޖޭގައި ޢިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތަކީ، ޢާއްމު ސިއްޙަތުގެ ޤާނޫނުގެދަށުން ރާއްޖޭގައި ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރި މިފަދަ ފުރަތަމަ ފަހަރެވެ. މިޙާލަތާ ގުޅިގެން މިހާތަނަށް 30އަށްވުރެ ގިނަ ނިންމުންތައް ރާއްޖޭގައި ވަނީ ނިންމާފައެވެ. މިހާލަތުގައިވެސް އެންމެ ގިނަ ފިޔަވަޅުތައް އަޅާފައިވަނީވެސް އާބާދީ ތޮއްޖެހިފައިވާ މާލެ ސަރަޙައްދަށެވެ.