ކުޅުދުއްފުށީގައި މޫނު ނިވާކޮށްގެން ތިބިބަޔަކު ބިދޭސީއަކަށް ހަމަލާދީ ވޮލެޓު ފޭރިގެންފި ކަމަށް ފުލުހުން ބުނެފިއެވެ.
މީޑިޔާތަކަށް މަޢުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ހދ. ކުޅުދުއްފުށީގައި ރޭ 10:30 އެހާކަންހާއިރު ބަންގަލަދޭޝް ފިރިހެނަކު މަގުމަތިން ހިނގާފައި ދަނިކޮށް މޫނު ނިވާކޮށް ސައިކަލެއްގައި ދިޔަ ދެ މީހަކު ދަނޑިބުރިއަކުން އޭނާއަށް ހަމަލާދީ ވޮލެޓް ފޭރިގެންފައިވާ ކަމަށެވެ.
މި މާރާމާރީގައި ބިދޭސީ މީހާގެ ވާތްފަރާތު ބުމައިގެ މަތިން އިންޗިއެއްހާތަން ފަޅައިގެން ގޮސްފައިވާކަމަށާއި އަދި އެމިހާގެ ކަނާތަށްވެސް އަނިޔާވެފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
މިހާރު އެ މީހާއަށް ފަރުވާ ދެމުން އަންނަ ކަމަށާއި މި މައްސަލައާއި މިހާތަަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުނެއެވެ.
ފަހަކަށް އައިސް ބިދޭސީންނަށް ހަމަލާ ދިނުން ވަނީ އިތުރުވެފައެވެ. މިމައްސަލަ އިތުރަށް ތަހުޤީގުކުރަމުން އަންނަކަމަށް ފުލުހުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!