ކޮވިޑް-19 ރޯގާއާއި ގުޅިގެން ކުޅުދުއްފުށީގެ ރަށްވެހިން ތެރެއިން ވަޒީފާ އަދާކުރުމަށް ރަށުންބޭރުގައި ދިރިއުޅެމުން ގެންދާ މީހުންގެ ދަފުތަރު ބެލެހެއްޓުމުގެ މަސައްކަތް މިހާރުވަނީ ފެށިފައިކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެފިއެވެ.

ކޮވިޑް-19 ރޯގާއާއި ގުޅިގެން މި މަސައްކަތުގެ މައިގަނޑު މަޤްސަދަކީ މިފަދަ ދަނޑިވަޅުތަކުގައި އެއިދާރާއިން ފޯރުކޮށްދޭންޖެހޭ އެހީތެރިކަމާއި ޚިދުމަތްތަކާއި އަންގަންޖެހޭ މަޢުލޫމާތުތައް ފަސޭހަކަމާއެކު ފޯރުކޮށްދީ، ރަށުންބޭރުން ޒިޔާރަތްކުރާ ފަރާތެއްގެ ކިބައިން ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ކޮންޓެކްޓް ޓްރޭސިން ހެދުމަށް އަވަސް ނިޒާމެއް ޤާއިމް ކުރުމަށަކަމަށް އެކައުންސިލުން ބުނެއެވެ.

Ad
rt

ދަފުތަރުގައި ހިމެނުމަށް އެއިދާރާއިން ޤާއިމްކޮށްފައިވާ އޮންލައިން ފޯރމް (ލިންކް:ފޯމްފޯމް) މެދުވެރިކޮށް ހުށަހެޅޭނެކަމަށާއި އަދި ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 10:00 އިން މެންދުރު 12:00 އަށް 6527177 ނުވަތަ 6527175 ނަމްބަރަށް ގުޅައި ދަފްތަރުކުރެވޭނެކަމަށް ބުނެފައިވެއެވެ.

އޮންލައިންކޮށް ނުވަތަ ބަޔާންކުރެވުނު ގަޑިތަކުގައި ގުޅުއްވަން އުނދަގޫ ފަރާތްތަކުން ދަފްތަރުގައި ރަޖިސްޓްރީވުމަށް މިއިދާރާގެ ކޮވިޑް-19 ހޮޓްލައިން 9531312 އަށް ޓެކްސްޓް މެސެޖް ނުވަތަ ވައިބަރ މެދުވެރިކޮށް އެންގުމުން ގުޅައި ދަފްތަރުގައި ރަޖިސްޓްރީކުރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށްވެސް ބުނެފައިވެއެވެ.

ކުޅުދުއްފުށީ ރަށްވެހީންގެ ތެރެއިން ރަށުން ބޭރުގައި ވަޒީފާއަދާކުރާ ފަރާތްތަކުން އެއިދާރާގައި ޤާއިމުކުރެވިފައިވާ ދަފުތަރުގައި ނޯޓްކުރައްވަމުން ގެންދެވުމަށް އެކައުންސިލުންވަނީ އެދިފައެވެ. މިފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް މިފުރުސަތުގައި ޝުކުރު ދަންނަވާކަމަށް އެއިދާރާއިން ބުނެއެވެ.

ކައުންސިލްގެ ރައީސް ޢަބްދުއްލަތީފް ޙަސަން "ތިލަދުން" އާއި ވާހަކަ ދައްކަވަމުން ބުނެފައިވަނީ މިއީ އެލްޖީއޭގެ ލަފާގެ މަތިން ކުރިއަށް ގެންދާ ހަރަކާތެއްކަމަށެވެ. މީގެ އިތުރުން ލަތީފް ބުނެފައިވަނީ މިފަދަ ކަންކަމުގައި ސަރުކާރުން ދެއްވާ އިރުޝާދުތަކަށް ރައްޔިތުން އެއްބާރުލުން ދެއްވުންމަށް އެދިފައިވެއެވެ.