ކޮވިޑް 19 އާއި ގުޅިގެން މުވައްސަސާ ތަކުން އަންގާ އެންގުންތަކަށް އަދި އަމިއްލަ ފަރުދީ ޒިންމާއެއްގެ ގޮތުގައި އަދާނުކޮށްފިނަމަ، ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަންކަން ކަމުގައިވާތީ މިކަންކަމަށް ހުރިހާ ބޭފުޅުންވެސް ސަމާލުކަންދީ، ފުރިހަމަ އެއްބާރުލުން ދެއްވުމަށް ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލުން ބުނެފިއެވެ.

ފިނޭ ކައުންސިލުން މިހެން ބުނެފައިވަނީ މިއަދު އެކައުންސިލުން ކުރި އިޢުލާނެއްގައެވެ. އެއިޢުލާނުގައި ބުނެފައިވަނީ ކޮވިޑް 19، ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާތީ، 2020 މާރިޗް 15 ވަނަ ދުވަހުން ފެށިގެން، އެ ކައުންސިލުން ވަކި ގޮތެއް ކަނޑައަޅަންދެން، ކައުންސިލުން ހިންގާ ޕްރީސުކޫލް އަދި ޤުރުއާން ކުލާސް ވަގުތީގޮތުން މެދު ކަނޑާލެވިފައިވާކަމަށެވެ.

Ad
rt

އޭގެ އިތުރުން ފުޓުސަލް ދަނޑާއި ވޮލީ ކޯޓާއި، މި ނޫންވެސް ކުޅިވަރު ކުޅޭ ބިންތައް ވަގުތީ ގޮތުން ބަންދުކުރެވިފައިވާކަމަށާއި ޒަރޫރީ ބޭނުމެއް ނެތް ގޮތުގައި މޫދާއި، ގޮނޑުދޮށްތަކާއި، އެއް ގެއިން އަނެއް ގެއަށް ޒިޔާރާތްކުރުމާއި، ހޮޓާ ރެސްޓޯރަންޓް ފަދަ ތަންތަނާއި، ބަލި މީހުން ތިބޭ ތަންތަނާއި، އަދި ޞިއްޙީމަރުކަޒުތަކަށް މި ދުވަސްވަރު ޒިޔާރަތް ނުކުރުމަށް އިލްޠިމާސްކުރާކަމަށް ބުނެފައިވެއެވެ.

މި ކަންކަމަކީ، އަމިއްލަ ފަރުދީ ޒިންމާއެއްގެ ގޮތުގައި އަދާނުކޮށްފިނަމަ، ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަންކަން ކަމުގައިވާތީ މިކަންކަމަށް ހުރިހާ ބޭފުޅުންވެސް ސަމާލުކަންދީ، ފުރިހަމަ އެއްބާރުލުން ދެއްވުމަކީ އެ ކައުންސިލުގެ ވަރަށް ބޮޑުއެދުމެއްކަމުގައި ބުނެފައިވެއެވެ.