ހއ. ހޯރަފުށީގައި ތެލުގެ ވިޔަފާރި ހިންގުމަށްޓަކައި ހޯރަފުށީ ކައުންސިލާއި ސައުތު ފިއުލް ސާވިސަސްއާ ދެމެދު ވެފައިވާ ބިން ކުއްޔަށް ދިނުމުގެ އެއްބަސްވުމަށް އިސްލާހު ގެނައުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ. މި ނިންމުމާއެކު އެ ރަށުގައި ތެލުގެ ވިޔަފާރި އިތުރަށް ފުޅާކުރުމަށް މަގުފަހިވެގެންދާނެއެވެ.
މި އެއްބަސްވުމަށް އިސްލާހު ގެނައުމަށް ނިންމާފައިވަނީ ސައުތު ފިއުލް ސާވިސަސްގެ ފަރާތުން ހުށަހެޅި ހުށަހެޅުމަކާ ގުޅިގެންނެވެ. އެގޮތުން، މި ހުށަހެޅުމާ މެދު މަޝްވަރާކޮށް ގޮތެއް ނިންމާފައިވަނީ 23 ސެޕްޓެމްބަރު 2026 ގައި ބޭއްވުނު ހޯރަފުށީ ކައުންސިލްގެ 19 ވަނަ އާންމު ބައްދަލުވުމުގައެވެ.
ދެ ފަރާތުގެ ދެމެދުގައި ބިން ކުއްޔަށް ދިނުމުގެ މި އެއްބަސްވުން އެންމެ ފުރަތަމަ އެކުލަވާލާފައިވަނީ 1 ޖޫން 2017 ގައެވެ. އޭގެ ފަހުން މިހާތަނަށްވެސް އެ ރަށުގައި ތެލުގެ ވިޔަފާރި ހިންގަމުން އައިސްފައިވަނީ އެ އެއްބަސްވުމުގެ ދަށުންނެވެ.
ކައުންސިލުން މައުލޫމާތު ދިން ގޮތުގައި، މި އެއްބަސްވުމަށް އިސްލާހު ގެނައުމުގެ މައިގަނޑު މަޤްސަދަކީ ހޯރަފުށީގެ ރައްޔިތުންނަށް ތެލުގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމެވެ. އަދި މި ދާއިރާއިން އިތުރު އިންވެސްޓްމަންޓްތަކަށް ފުރުސަތު ހުޅުވާލައި، ތެލުގެ ވިޔަފާރި މިހާރަށްވުރެ ބޮޑަށް ފުޅާކުރުމަކީ ވެސް މި ބަދަލު ގެނައުމުގެ ބޭނުމެއް ކަމަށް ކައުންސިލުން ބުނެފައިވެއެވެ.
އިޞްލާޙުކުރެވުނު އެއްބަސްވުމުގެ ދަށުން، ކައުންސިލްގެ ހުއްދަ ހޯދުމަށްފަހު އެ ވިޔަފާރި ހިންގުމަށާއި އިތުރަށް ތަރައްޤީކުރުމަށްޓަކައި ތިންވަނަ ފަރާތްތަކާއެކު އިންތިޒާމުތައް ހަމަޖެއްސުމުގެ ފުރުޞަތު ސައުތު ފިއުލް ސާވިސަސްއަށް ލިބިގެންދާނެއެވެ. މީގެ އިތުރުން ކައުންސިލްގެ ހުއްދައާއެކު ތިންވަނަ ފަރާތްތަކަށް މި ވިޔަފާރި ހިންގުމުގައާއި، މެނޭޖުކުރުމުގައާއި، އަދި އިންވެސްޓްކުރުމުގައި ބައިވެރިވެވޭނެ މަގުވެސް މިހާރު ވަނީ ތަނަވަސްކޮށްދީފައެވެ.
މި އިސްލާހުގެ ތެރޭގައި ވިޔަފާރި ފުޅާކުރުމަށް ކޮންމެހެން ބޭނުންވާ މަރާމާތުތައް ކުރުމާއި، ޢުމްރާނީ ވަޞީލަތްތައް ތަރައްޤީކުރުމާ ގުޅޭ ކަންކަންވެސް ހިމަނާފައިވެއެވެ. އަދި ބިން ކުއްޔަށް ދިނުމުގެ ލީޒް ބަދަލުކުރުމާ ގުޅޭ ގޮތުން އެއްބަސްވުމުގައި ހުރި މާއްދާތަކަށް ވެސް މި ނިންމުމުގެ ދަށުން ވަނީ މުހިންމު ބަދަލުތަކެއް ގެނެސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!