ޖަރުމަނުވިލާތުގެ ކުރީގެ ނާޒީ ލީޑަރު އަޑޮލްފް ހިޓްލަރު އަލްޕްސް ފަރުބަދަމަތީގައި ބޭނުންކުރި ރިޓްރީޓް، "ކެލްސްޓައިންހައުސް" ނުވަތަ އާންމު ނަމުން ނަމަ "އީގަލްސް ނެސްޓް" ގައި އަލިފާން ރޯވެ އަނދަމުންދަނިކޮށް، އެ މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ޖަރުމަނުގެ ދެކުނުގައި އޮންނަ ބަވޭރިއާ ސްޓޭޓުގައެވެ.

Ad
rt

ޓްރައުންސްޓައިންގެ ކަމާބެހޭ ފަރާތްތަކަށް މި އިމާރާތުގައި އަލިފާން ރޯވެގެން ރިޕޯޓު ލިބިފައިވަނީ ހުކުރު ދުވަހުގެ ރޭ ލޯކަލް ގަޑިން 21:15 (ޖީއެމްޓީން 19:15) ގައެވެ. އަލިފާން ނިއްވާ ފަރާތްތަކުން އެ ސަރަހައްދަށް ދިޔައިރު މުޅި އިމާރާތުގައި ވަނީ ވަރަށް ބޮޑަށް އަލިފާން ރޯވެފައެވެ. އަދި އަލިފާން ނިއްވުމުގެ މަސައްކަތުގައި އެމަޖެންސީ ހިދުމަތްތަކުގެ ގާތްގަނޑަކަށް 200 އެއްހާ މުވައްޒަފުން ވަނީ ހަރަކާތްތެރިވާން ފަށައިފައެވެ.

ފަރުބަދަމަތީގެ ބިންގަނޑު އޮތް ގޮތުން ދަތުރުފަތުރު ކުރުމަށް ހުރި ދަތިތަކުގެ ސަބަބުން އަލިފާން ނިއްވުމުގެ މަސައްކަތަށް ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ. ފުލުހުން ބުނި ގޮތުގައި ހޮނިހިރު ދުވަހުގެ ހެނދުނާ ހަމައަށް ވެސް އަލިފާންގަނޑު އެއްކޮށް ނިއްވާނުލެވި ދިޔައީ އަނދަމުންނެވެ. ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

ފުލުހުން ހާމަކުރި ގޮތުގައި، ހައްޔަރުކުރި މީހާއާ މި އަލިފާނުގެ ހާދިސާއާ އެއްވެސް ގުޅުމެއް ވޭތޯ ކަށަވަރު ކުރުމަށްޓަކައި މިހާރު ދަނީ ޖިނާއީ ތަހުގީގެއް ހިންގަމުންނެވެ.

ބާޝްޓެސްގާޑެން އަވަށުގެ މަތީގައި އޮންނަ މި ރިޓްރީޓަކީ ހިޓްލަރުގެ ވެރިކަމުގެ ބައެއް ކަންކަން ހިންގުމަށް ޕާޓް-ޓައިމް މަރުކަޒެއްގެ ގޮތުގައި ބޭނުންކުރި ތަނެކެވެ. އެގޮތުން 1941 ވަނަ އަހަރު ޔޫއެސްއެސްއާރަށް އަރައިގަތުމުގެ ޕްލޭންތައް އެކުލަވައިލުމަށް ކޮމާންޑަރުންނާ ހިޓްލަރު ބައްދަލުކުރީ ވެސް އެ ތަނުގައެވެ. މީގެއިތުރުން ހިޓްލަރަކީ ޖަނަވާރުންނާއި ގުދުރަތީ ރީތިކަމަށް ލޯބިކުރާ މީހެއްގެ ގޮތުގައި ދެއްކުމަށް ހެދި ޕްރޮޕެގެންޑާ ފިލްމުތައް ކުޅުމަށް ވެސް މި ސަރަހައްދު ވަނީ ބޭނުންކޮށްފައެވެ.

ނާޒީން 1938 ވަނަ އަހަރު އިމާރާތްކޮށް ނިންމި މި އީގަލްސް ނެސްޓް ވަނީ 1945 ވަނަ އަހަރު ނާޒީން ބަލިވުމަށް ފަހު ވެސް ސުންނާފަތިނުވެ ސަލާމަތްވެފައެވެ. އޭގެ ފަހުން އެތަން ވެފައިވަނީ ފަރުބަދަމަތީގެ އިންއެއް ހިމެނޭ ގޮތަށް ފަތުރުވެރިންގެ މަގުބޫލު މަންޒިލަކަށެވެ. އެތަނުގެ ރަސްމީ ވެބްސައިޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި އިމާރާތަކީ "އިންސާނިއްޔަތުކަމެއް ނެތް ނާޒީ ޑިކްޓޭޓާޝިޕްގެ ބިރުވެރި އަނދަވަޅުތައް ހަނދާންކޮށްދޭ އިންޒާރެއް" ގެ ގޮތުގައި ދެމިއޮތް ތަނެކެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ހިޓްލަރާއި އޭނާއަށް ތަބާވި މީހުން ވަނީ ޔޫރަޕްގެ ޔަހޫދީން ގަނޑުކޮށް މެރުން ހިމެނޭހެން، އެތައް މިލިއަން ޔަހޫދީންނެއް މަރައިފައެވެ.