އީރާނުން ހަނގުރާމަ ނުފަށާ ކަމަށާއި، އެ ގައުމުން އަޅަމުންދަނީ އަމިއްލަ ދިފާއުގައި ސާބިތު ފިޔަވަޅުތަކެއް ކަމަށް އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހު ދެއްވި ބަޔާނެއްގައި ޕެޒެޝްކިއާން ވިދާޅުވީ އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށީ ވޮޝިންޓަނާ އެކު ސުލްހައިގެ މަޝްވަރާތައް ކުރިއަށްދަނިކޮށް ކަމަށެވެ.
އީރާނުގެ ދައުލަތުގެ މީޑިއާތަކާއި ސަރަހައްދީ ހަބަރު ފަތުރާ ވަސީލަތްތަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، ރައީސް ޕެޒެޝްކިއާން ވަނީ އެމެރިކާއާއި ޒަޔަނިސްޓުންގެ ހަމަލާތަކުން ދިފާއުވުމަކީ އީރާނަށް ލިބިގެންވާ ގާނޫނީ ހައްގެއް ކަމަށް ވިދާޅުވެފައެވެ. އަދި އީރާނަކީ ބަލިކަށި ހާލަތެއްގައި އޮތް ގައުމެއް ނޫން ކަމަށާއި، ގައުމު ދިފާއުކުރާނެ ގޮތް އީރާނަށް އެނގޭ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ރައީސް ޕެޒެޝްކިއާން މިފަދައިން ވިދާޅުވެފައި މިވަނީ ހޮރްމުޒް ކަނޑުއޮޅީގެ މައްސަލަތަކާއި ސަރަހައްދީ ނުތަނަވަސްކަން ކުޑަކުރުމަށް ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކުރަމުންދާ ދަނޑިވަޅެއްގައެވެ.
މީގެ އިތުރުން، އެމެރިކާގެ އިގްތިސާދީ ފިއްތުންތަކާއި ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަމާ ގުޅޭ ހިޔާލުތަފާތުވުންތައްވެސް ދަނީ ކުރިއަށެވެ.
އީރާނުން އަބަދުވެސް ބުނަމުންދަނީ އެ ގައުމުގެ އަމަލުތަކަކީ ޑިޕްލޮމެޓިކް މަޝްވަރާތައް ހިނގަމުން ދަނިކޮށް އެމެރިކާއާއި އިޒްރޭލުން ދޭންފެށި ހަމަލާތަކަށް ދޭ ދިފާއީ ރައްދެއްގެ ގޮތުގައެވެ. މި ހަމަނުޖެހުންތައް ފެށުނީއްސުރެ އީރާނުގެ ރަސްމީ ސިޔާސަތެއްގެ ގޮތުގައި ފާހަގަކުރަނީ ހަނގުރާމަ އިސްވެ ފެށީ އީރާނުން ނޫން ކަމަށެވެ. އެއީ ހަގީގަތް ވެސްމެއެވެ. މި އަހަރުގެ ފެބްރުއަރީ 28 އިސް ހަނގުރާމަ ފެށީ އެމެރިކާ އާއި އިސްރާއީލުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!