ށ. މިލަންދޫގައި ކަތިވަޅިއެއް ބޭނުންކޮށްގެން މީހަކަށް ހަމަލާދޭން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އުމުރުން 22 އަހަރުގެ ފިރިހެނެއްގެ ބަންދަށް ކޯޓުން އަނެއްކާވެސް 15 ދުވަސް އިތުރުކޮށްފިއެވެ.

އޭނާގެ މައްޗަށް ކުރަނީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި ބިރުދެއްކުމުގެ ތުހުމަތެވެ.

Ad
rt

މި މައްސަލައާ ގުޅިގެން މިލަންދޫއަށް ނިސްބަތްވާ އެ މީހާ ހައްޔަރުކޮށްފައިވަނީ އޮގަސްޓު މަހުގެ މެދެއްހާތަނުގައެވެ. އޭނާގެ ބަންދަށް އެންމެ ފުރަތަމަ 16 އޮގަސްޓު 2026 ގައި ކޯޓުން ދިނީ 12 ދުވަހުގެ މުއްދަތެކެވެ. އެ މުއްދަތު ހަމަވުމުން އަލުން ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް އިތުރު 15 ދުވަސް އިތުރުކޮށްދީފައެވެ.

އޭނާގެ ބަންދު އަމުރުގައިވާ ގޮތުން، 15 އޮގަސްޓު 2026 ގެ ރޭ އޭނާ ވަނީ އޭނާގެ ރަށް ކަމަށްވާ ށ. މިލަންދޫގައި ތޫނު ހަތިޔާރެއް (ކަތިވަޅިއެއް) ހިފައިގެން ގޮސް މީހަކަށް ހަމަލާދޭން އުޅެފައެވެ. އަދި އެ ސަރަހައްދުގައި ހުރި އާންމު ފަރުދެއްގެ ގައިގައި ކަތިވަޅިން ޖަހަން މަސައްކަތްކޮށްފައިވާ ކަމަށްވެސް އެ އަމުރުގައި ބަޔާންކޮށްފައިވެއެވެ.

ބަންދު އަމުރުގައިވާ ގޮތުން، އެ ސަރަހައްދަށް ފުލުހުން އައުމުން، އޭނާ ގެންގުޅުނު ކަތިވަޅި ސައިކަލުގެ މަޑިދަށަށް ލައި ވަނީ ފޮރުވައިފައެވެ. ނަމަވެސް ފުލުހުން އެ ސައިކަލު ބަލައިފާސްކުރިއިރު، ސައިކަލު މަޑިދަށުން ކަތިވަޅިއެއްގެ އިތުރުން 2 ވަޅި ފެނިފައިވާ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

މި މައްސަލައިގައި ހައްޔަރުކުރި މީހާ ކުށުގެ ވެއްޓަށް ދިޔަކަމަށާއި، އެ ސަރަހައްދުގައި އަޑުގަދަކުރި ކަމަށް އޭނާ ވަނީ އެއްބަސްވެފައެވެ. މީގެއިތުރުން، އެ ހާދިސާ ހިންގި ވަގުތު އޭނާ ހުރީ މަސްތުގެ ޙާލަތުގައި ކަމަށްވެސް އޭނާ އެއްބަސްވެފައިވާ ކަމަށް ބަންދު އަމުރުގައި ބުނެފައިވެއެވެ.