މާލީ ދާއިރާއާ ގުޅުންހުރި މުހިންމު ދެ ގަވާއިދަކަށް އާންމުންގެ ޚިޔާލު ހޯދުމުގެ ފުރުސަތު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހުޅުވާލައިފިއެވެ.

އެ އިދާރާއިން ޚިޔާލު ހޯދުމަށް ހުޅުވާލާފައިވަނީ މާލީ ޚިދުމަތްތައް ބޭނުންކުރާ ފަރާތްތަކުގެ ހައްގުތަކާއި ކަސްޓަމަރުންގެ މައުލޫމާތުތަކާ ގުޅޭ ދެ ގަވާއިދަކަށެވެ.

Ad
rt

އެމްއެމްއޭއިން ހާމަކޮށްފައިވާ ގޮތުގައި ޚިޔާލު ހޯދުމަށް ހުޅުވާލާފައިވަނީ "ފައިނޭންޝަލް ކޮންސިއުމަރ ޕްރޮޓެކްޝަން ރެގިއުލޭޝަން" އާއި "ސިމްޕްލިފައިޑް އަދި އިލެކްޓްރޯނިކް ކަސްޓަމަރ ޑިއު ޑެލިޖަންސް ރެގިއުލޭޝަން" އަށެވެ. މި ދެ ގަވާއިދަކީ ރާއްޖޭގެ މާލީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި އެކުލަވާލާފައިވާ ދެ ގަވާއިދު ކަމަށް އެ އިދާރާއިން ބުންޏެވެ.

މީގެ ތެރެއިން ފައިނޭންޝަލް ކޮންސިއުމަރ ޕްރޮޓެކްޝަން ރެގިއުލޭޝަނަކީ މާލީ ޚިދުމަތްތައް ހޯދާ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކުރުމަށް އެކުލަވާލާފައިވާ ގަވާއިދެކެވެ. މި ގަވާއިދުގެ މައިގަނޑު މަގުސަދަކީ މާލީ ޚިދުމަތްތައް ހޯދާ ކަސްޓަމަރުންނަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުން ކަމަށް އެމްއެމްއޭއިން ބުންޏެވެ.

ދެން ހިމެނޭ ސިމްޕްލިފައިޑް އަދި އިލެކްޓްރޯނިކް ކަސްޓަމަރ ޑިއު ޑެލިޖަންސް ރެގިއުލޭޝަނަކީ މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދެކެވެ. މި ގަވާއިދުގައި ކަސްޓަމަރުންގެ ވަނަވަރު ދެނެގަތުމާއި، އެ މައުލޫމާތުގެ ޞައްޙަކަން ކަށަވަރުކުރުމުގައި އަމަލުކުރަންޖެހޭ މިންގަނޑުތަކާއި ޝަރުޠުތައް ބަޔާންކޮށްފައިވާނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ.

އެމްއެމްއޭއިން ބުނި ގޮތުގައި މި ދެ ގަވާއިދަކީ މާލީ އިދާރާތަކާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުގެ ޚިޔާލާއި މަޝްވަރާ މީގެ ކުރިންވެސް ހޯދައިގެން އެކުލަވާލާފައިވާ ދެ ގަވާއިދެކެވެ. މިހާރު ހުޅުވާލާފައިވަނީ މި ގަވާއިދުތަކަށް އާންމުންގެ ޚިޔާލު ހުށަހެޅުމުގެ ފުރުސަތެވެ.

މި ދެ ގަވާއިދަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު 26 އޮގަސްޓު 2026 ވާ ބުދަ ދުވަހުގެ ހަވީރު 15:00 އާ ހަމައަށް އޮންނާނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ. މި ގަވާއިދުތަކަށް ޚިޔާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އީމެއިލް މެދުވެރިކޮށް fcu@mma.gov.mv އަށް ޚިޔާލު ފޮނުވުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.

ފައިނޭންޝަލް ކޮންސިއުމަރ ޕްރޮޓެކްޝަން ރެގިއުލޭޝަން

https://tinyurl.com/ConsumerProtectionRegulation

ސިމްޕްލިފައިޑް އަދި އިލެކްޓްރޯނިކް ކަސްޓަމަރ ޑިއު ޑެލިޖަންސް ރެގިއުލޭޝަން

https://tinyurl.com/RegulationElectronicCDD