މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން އޯޕަން މާކެޓް އޮޕަރޭޝަންތައް އަލުން ފެށުމަށް ނިންމާފައިވާ ނިންމުމަށާއި، ބޭރު ފައިސާގެ ރިޒާވް ވަރުގަދަކުރުމަށް އަޅަމުންދާ ފިޔަވަޅުތަކަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ތައުރީފުކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ ޕިޔަޕޯން ސޮޑްސްރިވިބޫން އިސްކޮށް ހުންނަވައިގެން އައިއެމްއެފްގެ މިޝަން ޓީމަކުން ޖޫން މަހުގެ 4 އިން 14 އަށް ރާއްޖެއަށް ކުރި ޒިޔާރަތަށްފަހު ނެރުނު ރިޕޯޓެއްގައެވެ.

Ad
rt

އައިއެމްއެފްގެ ބަޔާނުގައިވާ ގޮތުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާއި މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން މި އަހަރު ރާއްޖޭގެ އިގުތިސާދީ ކުރިއެރުން ވަނީ މަޑުޖެހިފައެވެ. މެދުއިރުމަތީގެ މަސްރަހު އޮތްގޮތުން ފަތުރުވެރިކަމަށް ކުރި އަސަރާއެކު 2026 ވަނަ އަހަރު ރާއްޖޭގެ ޖީޑީޕީ ކުރިއަރާނެ ކަމަށް ބެލެވެނީ ގާތްގަނޑަކަށް 1 އިންސައްތައަށެވެ. އެހެންނަމަވެސް، 2027 ވަނަ އަހަރުން ފެށިގެން އިގުތިސާދީ ހާލަތު ރަނގަޅުވެ، މެދު ރާސްތާގައި އިގުތިސާދީ ދުވެލި 4 އިންސައްތައިގައި ދެމިހުންނާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.

ދައުލަތުގެ މާލީ ހާލަތާ ގުޅޭގޮތުން އައިއެމްއެފުން ފާހަގަކުރީ، ދަރަނި އަދާކުރުމުން ވަގުތީ ލުޔެއް ލިބުނު ނަމަވެސް، ފިސްކަލް ޑެފިސިޓާއި ދައުލަތުގެ ޖުމްލަ ދަރަނި އަދިވެސް ހުރީ ނިސްބަތުން މަތީގައި ކަމަށެވެ. އަދި ބޭރުގެ ދަރަނިތައް ދެއްކުމުގައި ހުރި ގޮންޖެހުންތަކާއި ނުރައްކާ އަދިވެސް ބޮޑުކަން އެ އިދާރާއިން ވަނީ ފާހަގަކޮށްފައެވެ.

އިގުތިސާދީ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ އިތުރުން އާމްދަނީ އިތުރުކުރަން އިތުރު ފިޔަވަޅުތައް އަޅަންޖެހޭ ކަމަށް އައިއެމްއެފުން ލަފާދެއެވެ. މީގެ ތެރޭގައި ސަބްސިޑީގެ ނިޒާމަށް ބަދަލު ގެނެސް، އެންމެ ބޭނުންޖެހިފައިވާ މީހުންނަށް އެހީތެރިކަން ދިނުމާއި، އިއާދަކުރަނިވި ހަކަތަ ބޭނުންކުރުން އިތުރުކުރުން ހިމެނެއެވެ.

އައިއެމްއެފުން ވަނީ އެމްއެމްއޭއިން މަނިޓަރީ ޕޮލިސީ ވަރުގަދަކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް މަރުހަބާ ކިޔާފައެވެ. ވަކިން ހާއްސަކޮށް، އޯޕަން މާކެޓް އޮޕަރޭޝަންތައް އަލުން ފެށުމަށް ނިންމާފައިވާ ނިންމުމަކީ އިގުތިސާދީ ހަމަޖެހުން ގާއިމުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ އިދާރާއިން ސިފަކުރެއެވެ.