އީރާނަށް އަމާޒުކޮށް އެމެރިކާއިން ދެމުންދިޔަ ވައިގެ ހަމަލާތައް ހުއްޓާލީ، އީރާނާ ދެކޮޅު ހަމަލާތައް ހޯރްމުޒް ކަނޑުއޮޅި ސަރަހައްދުގައި ކުރިއަށް ގެންދިއުމަކީ އެދެވޭ ނަތީޖާއެއް ނުކުންނާނެ ކަމެއް ނޫން ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) ގެ ވެރިޔާ އެޑްމިރަލް ބްރެޑް ކޫޕަރ ވައިޓް، ރައީސް ޑޮނަލްޑް ޓްރަމްޕަށް ލަފާދެއްވުމާ ގުޅިގެން ކަމަށް ''އެކްސިއޯސް'' އިން ރިޕޯޓްކޮށްފިއެވެ.
އެ ނޫހުން ރިޕޯޓްކޮށްފައި ވާގޮތުގައި ސެންޓްކޮމްގެ ވެރިޔާ އެޑްމިރަލް ބްރެޑް ކޫޕަރ ޓްރަމްޕަށް ދެއްވި ލަފާގައި ވިދާޅުވެފައިވަނީ، ވޭތުވެދިޔަ ދެ ހަފްތާގައި ކޮންމެ ދުވަހަކު ދެމުންދިޔަ ހަމަލާތަކުގެ ސަބަބުން ހޯރްމުޒް ކަނޑުއޮޅި ކައިރީގައިވާ އީރާނުގެ ގާބިލްކަން ވަރަށް ބޮޑަށް ދަށްކޮށްލެވިފައިވާ ކަމަށެވެ. އަދި ކަނޑައެޅިފައިވާ ގިނަ އަމާޒުތަކަށް ހަމަލާދީ ނިމިފައިވުމާއެކު، ފުރިހަމަ ހަނގުރާމައަކަށް ނުގޮސް އިތުރު ހަމަލާތަކުން ލިބޭނެ ކުރިއެރުމެއް ނެތް ކަމަށް އޭނާ ލަފާދެއްވާފައިވާކަމަށް އެ ނޫހުން ރިޕޯޓްކޮށްފަވެއެވެ.
މީގެ އިތުރުން، އެމެރިކާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން ޖެނެރަލް ޑެން ކޭން އަދި ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ވަނީ އެމެރިކާގެ ވައިގެ ދިފާއީ ނިޒާމުތަކުގެ، ހާއްސަކޮށް ޕެޓްރިއަޓް އިންޓަސެޕްޓަރ މިސައިލްތަކުގެ ރިޒާވް މަދުވަމުންދާކަމުގެ އިންޒާރު ދެއްވާފައެވެ. މި ހަމަލާތައް ދިގުލައިގެން ގޮސްފިނަމަ، އީރާނުން ދީފާނެ ރައްދު ހަމަލާއަކުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި ބައިވެރިން ދިފާއުކުރުމަށް ހުރަސްތަކެއް ކުރިމަތިވެދާނެ ކަމަށް އެ ބޭފުޅުން ވަނީ ޓްރަމްޕަށް ލަފާދެއްވާފައެވެ.
އަސްކަރީ މި ލަފާލަފާޔާއެކު، ރައީސް ޓްރަމްޕް ނިންމެވީ އާ ހަމަލާތަކަށް ހުއްދަ ނުދެއްވައި، ޑިޕްލޮމެޓިކް މަގުން މައްސަލަ ހައްލުކުރުމަށް ފުރުސަތު ދިނުމަށެވެ. މިގޮތުން އޮމާން މެދުވެރިވެގެން ތެހެރާނާއެކު ކުރިއަށްދާ މަޝްވަރާތަކުގެ ބޭނުމަކީ ހޯރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމުގެ އެއްބަސްވުމަކަށް އައުމެވެ.
އީރާނުގެ އަސްކަރިއްޔާގެ ތަރުޖަމާނު މުހައްމަދު އަކްރަމީނިއާ ވިދާޅުވި ގޮތުގައި، އެމެރިކާއިން ހަމަލާތައް މަޑުޖައްސާލުމާ ގުޅިގެން އީރާނުންވެސް ވަނީ އެމެރިކާގެ ބައިވެރިންނަށް ދެމުންދިޔަ ރައްދު ހަމަލާތައް ވަގުތީ ގޮތުން ހުއްޓާލާފައެވެ. ނަމަވެސް، ޑިޕްލޮމެޓިކް މަސައްކަތްތައް ނާކާމިޔާބުވެއްޖެ ނަމަ، އެމެރިކާގެ ސިފައިން ތިބީ "ލޮކްޑް އެންޑް ލޯޑަޑް" ހާލަތުގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!