މާލެއާއި ވިލިމާލޭގެ ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ލަސްވެގެން އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ޝާއިޢުކުރި "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ 4 ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢުގެ އިދާރީ ހުރިހާ މަރުޙަލާތަކެއް މިހާރު ނިމިފައިވާ ކަމަށެވެ. އަދި އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ނުވަތަ ލަސްވެގެން އަންނަ އަހަރުގެ ކުރީކޮޅު މަސައްކަތް ފެށުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Ad
rt

މާލޭގެ މަގުތައް އެއްކޮށް ތަރައްޤީކުރުމުގެ މިފަދަ ބޮޑު މަޝްރޫޢެއް މީގެ ކުރިން ކުރިއަށްގެންގޮސްފައިވަނީ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ދައުރުގައިކަން ފާހަގަކުރައްވަމުން، ރައީސް މުޢިއްޒު ވިދާޅުވީ އޭގެ ފަހުން އެ މަގުތައް ބަލަހައްޓަންޖެހޭ ފެންވަރުގައި ބެލެހެއްޓުމުގައި އިހުމާލުވެފައިވާ ކަމަށެވެ. އަދި މީގެ ކުރިން އަމީނީމަގު ހެދުމުގެ މަސައްކަތްވެސް ގޮސްފައިވަނީ ވަރަށް ފެންވަރު ދަށްކޮށް ކަމަށް ރައީސް ވިދާޅުވިއެވެ.

މި މަޝްރޫޢަކީ ހަމައެކަނި ތާރު އެޅުމުގެ މަޝްރޫޢެއް ނޫންކަން ފާހަގަކުރައްވައި، މަގުތަކުގެ އަޑީގައި ގާއިމުކުރެވޭނެ މުހިންމު ނިޒާމުތައް ރައީސް ތަފްސީލުކޮށްދެއްވިއެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށް ޒަމާނީ ސްޓޯމް ވޯޓާ ޑްރެއިނޭޖް ނިޒާމެއް ގާއިމުކުރުން.
  • ޢިމާރާތްކުރުމުގެ މަސައްކަތްތަކަށް ބޭނުންވާ ޚާއްޞަ ޑީވޯޓަރިންގ ސިސްޓަމެއް ޤާއިމުކުރުން.
  • އަލިފާނުގެ ޙާދިސާތަކުގައި ބޭނުންކުރުމަށް ފަޔަރ ހައިޑްރަންޓް ނިޒާމު މަގުތަކުގައި ހަރުކުރުން.

ރައީސް އިތުރަށް ވިދާޅުވީ، މި މަޝްރޫޢު ނިމުމުން މާލޭގެ ހަނި ގޯޅިތަކުގައި ހިނގާބިނގާވެ އުޅޭ މީހުންނަށް ބޮޑެތި ފަސޭހަތަކެއް ލިބި، މާލެއަށް ދިމާވެފައިވާ ޕާކިންގް މައްސަލައަށްވެސް އެދެވޭ ޙައްލެއް ލިބިގެންދާނެ ކަމަށެވެ.

މި ސަރުކާރުގެ މި ތަރައްޤީގެ ތަޞައްވުރަކީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތުރުފަތުރުގެ ދަތިތަކާއި ފެންބޮޑުވުމުގެ ތަކުލީފުތަކަށް ދާއިމީ ނިމުމެއް ގެނައުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.