ކުޅުދުއްފުށީ ސިޓީގެ އިޤްތިޞާދީ ވިންދާ ގުޅިފައިވާ ތާރީޚީ 'ހޮނިހިރު ބާޒާރު'، އޭގެ އަސްލު ނުގެއްލޭނެހެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށްފަހު ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދިޔަ މި މަޝްރޫޢު ނިންމައި ބާޒާރު ހުޅުވުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފާއި ކައުންސިލަރުންގެ އިތުރުން، ބޮޑުތިލަދުންމަތީގެ ބައެއް ރަށްތަކުގެ ކައުންސިލް ރައީސުން ބައިވެރިވިއެވެ. އޭގެ ތެރޭގައި ށ.ނޫމަރާ ކައުންސިލްގެ ރައީސް އިބްރާހިމް ފުއާދު، ހދ.ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް އަބްދުﷲ ނަދީމް، ށ.ފިއްލަދޫ ކައުންސިލްގެ ރައީސް މުހައްމަދު ހާމިދު، ށ.ފީވަކު ކައުންސިލްގެ ރައީސް އަލީ ރަޝީދު ހަސަން، ހދ.ކުމުންދޫ ކައުންސިލްގެ ރައީސް އަލީ ގާސިމް އަދި ށ.ގޮއިދޫ ކައުންސިލްގެ ރައީސް ހުސައިން ޒިޔާދު ހިމެނެއެވެ. މީގެ އިތުރުން ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ގިނަ އަދަދެއްގެ އާންމު ރައްޔިތުން މި ރަސްމިއްޔާތުގައި ބައިވެރިވިއެވެ.

Ad
rt

ކުޅުދުއްފުށީ ކައުންސިލުން މައުލޫމާތުދިން ގޮތުގައި 19 އޯގަސްޓް 2024 ގައި އަމަލީ މަސައްކަތް ފެށި މި މަޝްރޫޢަށް ޖުމްލަ 974,646 ރުފިޔާ ހަރަދުކޮށްފައިވެއެވެ.

ކުޅުދުއްފުށީގެ ތާރީޚީ ހޮނިހިރު ބާޒާރު ހުޅުވުން، ފޮޓޯ: ކުޅުދުއްފުށީ ސިޓީ ކައުންސިލް

މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ވިޔަފާރިވެރިންނަށާއި، ސިއްޙީ ޚިދުމަތްތަކަށާއި އެކި ބޭނުންތަކަށް ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފަހި މާޙައުލެއް ބިނާކުރުމެވެ. އަދި ސިޓީގެ ވިޔަފާރީގެ މައިނާރު ހަރުދަނާކޮށް، ރަށުގެ އަމިއްލަވަންތަކަން އަންނަން އޮތް ޖީލުތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަކީވެސް މި މަސައްކަތުގެ ބޮޑު އަމާޒެކެވެ.

ކުޅުދުއްފުށީގެ ތާރީޚީ ހޮނިހިރު ބާޒާރު ހުޅުވުން، ފޮޓޯ: ކުޅުދުއްފުށީ ސިޓީ ކައުންސިލް

ހޮނިހިރު ބާޒާރުގެ ތާރީޚަށް ބަލާއިރު، މީގެ 22 އަހަރު ކުރިން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހުޅުވުމާއެކު، އަތޮޅުތެރޭގެ ދަނޑުވެރިން އެމީހުންގެ އުފެއްދުންތައް ވިއްކުމަށް ހޮސްޕިޓަލް ސަރަޙައްދުގެ ރުއްތަކުގެ ހިޔަލުގައި މަޑުކުރަން ފެށި ފެށުމަކީ މި ބާޒާރުގެ ބިންގަލެވެ. 2008 ވަނަ އަހަރު ރަށްތައް ދަތުރުފަތުރުގެ ނިޒާމުން ގުޅާލެވުމާއެކު، ދަނޑުވެރިންނަށް އެމީހުންގެ އުފެއްދުންތައް މާކެޓްކުރުމަށް ރަނުގެ ފުރުޞަތެއް ލިބި، ބާޒާރަށް ބޮޑު އިންގިލާބީ ބަދަލެއް އައެވެ.

ކުޅުދުއްފުށީ ހޮނިހިރު ބާޒާރު ސަރަހައްދު، ފޮޓޯ: ސާޖިން/ޒުވާން މަސްވެރިޔާ

މިއީ ހަމައެކަނި ވިޔަފާރިކުރާ ތަނެއް ނޫނެވެ. މިއީ މުޅި ސަރަޙައްދުގެ އިޖުތިމާޢީ ބަދަހިކަން ދައްކުވައިދޭ، ކޮންމެ ހޮނިހިރު ދުވަހަކު 'އީދެއް' ފާހަގަކުރާ ފަދަ މުހިންމު މަރުކަޒެކެވެ.

ކުޅުދުއްފުށީގެ ހޮނިހިރު ބާޒާރު ތަރައްގީކުރުމުގެ ފުރަތަމަ މަރުހަލާއަށްފަހު ބޭނުންކުރަން ފަށައިފި

އަތޮޅުތެރޭގެ އާއިލާތައް ބައްދަލުވެ، ރަށުވަންތަ މެހެމާންދާރީގެ ތެރެއިން ގުޅުންތައް ބަދަހިކުރާ މި ބާޒާރަކީ ރާއްޖޭގައި މިހާ ފުޅާދާއިރާއެއްގައި ދިވެހި އުފެއްދުންތަކާއެކު ހިނގަމުން އަންނަ ހަމައެކަނި ބާޒާރެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނިގޮތުގައި ޒަމާނީ ފެންވަރަށް ތަރައްޤީކޮށް މިއަދު ހުޅުވުނު ބާޒާރުގެ ސަބަބުން، ވިޔަފާރިވެރިންނަށާއި ރައްޔިތުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބި، ސިޓީގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ދިރުން އިތުރުވެގެންދިޔުމަކީ އެ ކައުންސިލްގެ އުންމީދެވެ.