އާދީއްތަ ދުވަހު ކުޅުނު ވޯލްޑް ކަޕްގެ ގަދަ 16 ގެ މެޗުގައި ބްރެޒިލް 2-1 އިން ބަލިކޮށް، ނޯވޭގެ ފިރިހެން ގައުމީ ޓީމު ތާރީޚުގައި ފުރަތަމަ ފަހަރަށް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.
މި މެޗުގައި ނޯވޭ މޮޅުކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ އެޓީމުގެ ތަރި އާލިން ހާލަންޑެވެ.
މެޗުގެ ބޮޑު ބައެއްގައި ބްރެޒިލްގެ ޑިފެންޑަރުން ހިފަހައްޓާފައި އޮތް ނަމަވެސް، މެޗުގެ 80 ވަނަ މިނެޓުގައި ހާލަންޑް ވަނީ ބޮލުން ފޮނުވާލި ހަމަލާއަކުން ނޯވޭއަށް ލީޑު ނަގައިދީފައެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުގެ ކުރިން އޭނާ ވަނީ ދެވަނަ ލަނޑެއް ޖަހައި ނޯވޭގެ މޮޅު ކަށަވަރުކޮށްދީފައެވެ. މި ދެ ލަނޑު ޖެހުމަށްވެސް އެހީތެރިވެދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަންދްރެއަސް ޝްޖެލްޑަރަޕް އެވެ.
މެޗުގައި ހާލަންޑް ކާމިޔާބުކޮށްދިން ދެވަނަ ލަނޑުގައި ބޯޅަ ފޮނުވާލަނީ، ފޮޓޯ: ގެޓީ އިމޭޖްސް
މި މެޗުގައި ޖެހި ދެ ލަނޑާއެކު ހާލަންޑް މިހާރު ވަނީ މި މުބާރާތުގައި 7 ލަނޑު ހަމަކޮށް، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ކުރީގައި އޮތް ލިއޮނަލް މެސީ އާއި ކީލިއަން އެމްބާޕޭއާ އެއްވަރުކޮށްފައެވެ. އަދި އޭނާ ވަނީ ބައިނަލްއަގުވާމީ ވާދަވެރި 14 މެޗުގައި ޖެހިޖެހިގެން ލަނޑު ޖެހުމުގެ ރެކޯޑެއްވެސް ގާއިމުކޮށްފައެވެ.
މެޗުގައި ހާލަންޑްގެ ފުރަތަމަ ލަނޑުގައި ބޮލުން ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލަނީ، ފޮޓޯ: ގެޓީ އިމޭޖްސް
ނޯވޭގެ މޮޅުގައި އެޓީމުގެ ގޯލްކީޕަރު އޮރްޔަން ނައިލަންޑްގެ ދައުރުވެސް ވަރަށް ބޮޑެވެ. އޭނާ ވަނީ މެޗުގެ 14 ވަނަ މިނެޓުގައި ބްރެޒިލްގެ ބްރޫނޯ ގިމަރޭސް ފޮނުވާލި ޕެނަލްޓީއެއް ދިފާއުކޮށްފައެވެ. ބްރެޒިލްގެ ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގައި ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ނޭމާ އެވެ.
HAALAND FINALLY LEADING THE VIKING ROW !!!! pic.twitter.com/QcxwAia2Nf
— ⚡️ (@Priceless_MCI) July 5, 2026
މިއީ 1990 ވަނަ އަހަރަށްފަހު ބްރެޒިލް ކުއާޓާ ފައިނަލާ ހަމައަށް ނުގޮސް މުބާރާތުން ވަކިވާންޖެހުނު ފުރަތަމަ ފަހަރެވެ.
މިއީ ނޯވޭގެ ފިރިހެން ފުޓްބޯޅަ ތާރީޚުގައި ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީއެވެ. ނޯވޭގެ އަންހެން ޓީމުން 1995 ގައި ވޯލްޑް ކަޕް ކާމިޔާބުކުރި ނަމަވެސް، ފިރިހެން ޓީމަށް މީގެ ކުރިން ގަދަ 16 އަށްވުރެ ކުރިއަށް ދެވިފައެއް ނުވެއެވެ. ކުއާޓާ ފައިނަލުގައި ނޯވޭ ބައްދަލުކުރަން ޖެހޭނީ މެކްސިކޯ އާއި އިންގްލެންޑް ކުޅެގެން މޮޅުވާ ޓީމަކާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!