ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު އޮތް ދޭދޭ ގުޅުން، ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން އިތުރަށް ބަދަހިކުރުންމަތީ ދެމިތިބޭނެކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސް މުޢިއްޒު މި ޔަޤީންކަން ދެއްވީ އެމެރިކާގެ މިނިވަންކަމަށް 250 އަހަރު ފުރޭ މުނާސަބަތުގައި، އެ ޤައުމުގެ ރައީސް ޑޮނަލްޑް ޖޭ. ޓްރަމްޕަށް ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުގައެވެ.
އެމެރިކާގެ ރައީސަށާއި، ސަރުކާރަށާއި ރައްޔިތުންނަށް ފޮނުއްވި މި ސިޓީފުޅުގައި، ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތުވެސް މި އަހަރާ ދިމާވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިއީ ދެ ޤައުމަށްވެސް ވަރަށް ޚާއްޞަ އަހަރެއްކަން ފާހަގަކުރައްވައި، ވޭތުވެދިޔަ 60 އަހަރުގެ ތެރޭގައި ދެ ޤައުމުގެ ގުޅުން ހަރުދަނާވެފައިވަނީ އެއްބަޔަކު އަނެއްބަޔަކަށް ކުރާ އިޙުތިރާމާއި، ސުލްޙައާއި ތަނަވަސްކަން ކުރިއެރުވުމަށް ކުރާ މަސައްކަތުގެ ސަބަބުންކަން އެމަނިކުފާނު ބަޔާންކުރެއްވިއެވެ.
ރައީސްގެ ސިޓީފުޅުގައި، އެމެރިކާއާއެކު އޮންނަ ގުޅުމަށް ދިވެހިރާއްޖެއިން ވަރަށް ބޮޑަށް އަހަންމިއްޔަތުކަން ދޭކަން ހާމަކުރެއްވިއެވެ. ވަކިން ޚާއްޞަކޮށް ސަލާމަތާއި ދިފާޢީ ރޮނގުންނާއި، ވިޔަފާރިއާއި އިޤުތިޞާދީ ތަރައްޤީގެ އިތުރުން، ތަޢުލީމީ ދާއިރާއިން ގުޅުން އިތުރަށް ބަދަހިކުރުމަށް ރާއްޖެއިން މަސައްކަތްކުރާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
މީގެ އިތުރުން، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ބަދަހި ގުޅުމަކީވެސް ދެ ޤައުމުގެ މަސްލަހަތު ހިމެނޭ މުހިންމު ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ. ސިޓީފުޅު ނިންމަވާލައްވަމުން ރައީސް ވަނީ ކުރިއަށް އޮތް އަހަރުތަކުގައި ދެ ޤައުމުގެ، އަދި ދޭދޭ ރައްޔިތުންގެ މެދުގައި އޮތް ރަޙުމަތްތެރިކަމާއި އެއްބާރުލުންދިނުމުގެ ގުޅުން އިތުރަށް ފުޅާކުރުމަށްޓަކައި އެމެރިކާގެ ރައީސް ޓްރަމްޕާއެކު ގާތުން މަސައްކަތްކުރެއްވުމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!