ބޮޑު ތިލަދުންމައްޗަށް އެންމެ ބޮޑު އިންވެސްޓެއް ކުރި ފަރާތަކީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ދިވެހި ރައްޔިތުންގެ ޕާޓީގެ ލީޑަރު އަބްދުﷲ ޖާބިރުކަމަށް ވިދާޅުވެއްޖެއެވެ.

ދިގު އިންތިޒާރަކަށް ފަހު ވ. ބޮޑުމޮހޮރާއާ ހަވާލުވުމަށް ޖެޓްސްކީއެއްގައި އެރަށަށް ވަޑައިގެން މިއަދު ހަވީރު ބޮޑުމޮހޮރާގައި ހުންނަވާ "ތިލަދުން" އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ މިއީ ވަރަށް ގިނަ ދުވަހެއްގެ އިންތިޒާރަކަށް ނިމުމެެއް އައި ދުވަހެއްކަމަށާއި މިކަމަށް ސަރުކާރަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށެވެ.

Ad
rt

ތިލަދުންމައްޗަކީ ޖާބިރު ވަރަށް ލޯބިވާ އަދި ވަރަށް ގަޔާވާ ސަރަހައްދެއްކަމަށް ފާހަގަ ކުރައްވާ ޖާބިރު ވިދާޅުވީ ބޮޑު ތިލަދުންމައްޗަށް އެންމެ ބޮޑު އިންވެސްޓެއް ކުރި ފަރާތަކީ ޖާބިރު ކަމަށާއި ތިލަދުންމައްޗަށް އިތުރު އިންވެސްޓަރުން ގެންދިއުމަށް މިހާރުގެ މަޖިލިސް މެންބަރުން ވަކާލާތު ކުރަންޖެހޭކަމަށް ވެސް ޖާބިރު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ޖާބިރު ވިދާޅުވީ ތިލަދުންމަތި އިތުރަށް ތަރައްޤީ ކުރުމަށް އިންވެސްޓަރުންނަށް އިތުރު ފުރުޞަތު ހޯދައިދިނުމަށް މިފަހަރު އިންތިހާބުވާ ކައުންސިލް މެންބަރުން އަޑު އުފުލާ މަސައްކަތްކުރަން ޖެހޭކަމަށެވެ.

އަބްދުﷲ ޖާބިރުގެ އާއިލީ މަސްލަހަތު އޮންނަ ޔޮޓް ޓުއާސްއިން ހއ. އަލިދޫގައި ވަނީ ބޮޑު އިންވެސްޓްމަންޓްއެއްކޮށް ރިސޯޓު ހިންގާފައެވެ. ޔޮޓް ޓުއާސްއަށް ދޫކޮށްފައިވާ އަލިދޫ ރިސޯޓް ވަގުތީ ގޮތުން ބަންދުކުރީ 2014 ގައި މޫސުން ގޯސްވުމުގެ ސަބަބުން އެ ރަށަށް ގެއްލުންތަކެއް ލިބުމުން، މަރާމާތު ކުރުމަށެވެ. ހއ. އަތޮޅުގައި ދެވަނަ އަށް ހުޅުވި ރިސޯޓް ހއ. އަލިދޫ، 40 މިލިއަން ޑޮލަރަށް (514 މިލިއަން ރުފިޔާ) އަށް ޔޮޓް ޓުއާސްއިން ގަނެފައިވަނީ 2010 ވަނަ އަހަރުއެވެ.

ރިސޯޓެއް ތަރައްގީ ކުރަން ޖާބިރު އަށް ބޮޑުމޮހޮރާ ދީފައިވަނީ 2012 ވަނަ އަހަރު ނަމަވެސް ކުރީ ސަރުކާރުން ވަނީ އެ ރަށް ޖާބިރުގެ އަތުން އަތުލާފައެވެ. ނަމަވެސް 2015 ވަނަ އަހަރުގެ ތެރޭގައި މެރިން ޓެކްނޮލަޖީ މޯލްޑިވްސް އާއި ބޮޑުމޮހޮރާ ހަވާލުކުރުމަށް ސިވިލް ކޯޓުން އެންގުމުން ވެސް ކުރީ ސަރުކާރުން ވަނީ އެއަށް އަމަލުކުރަން ދެކޮޅު ހަދާފައެވެ. އެފަހުން ވ. ބޮޑުމޮހޮރާގައި ރިސޯޓެއް ތަރައްގީ ކުރުމަށް ޖާބިރަށް ދީފައި ވަނީ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ.