ސައުދީ އަރަބިއްޔާގެ ދައުލަތުގެ ތެޔޮ ކުންފުނި، ސައުދީ އަރަމްކޯގެ ހެލިކޮޕްޓަރެއް އާދީއްތަ ދުވަހުގެ ހެނދުނު ވެއްޓި، އޭގައި ދަތުރުކުރި 14 މީހުން މަރުވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ 28 ޖޫން 2026 ވީ އާދީއްތަ ދުވަހުގެ ހެނދުނު ރާއްޖޭގަޑިން ގާތްގަނޑަކަށް 6:00 ޖެހި އެހާކަންހާއިރުއެވެ.

Ad
rt

ސައުދީގެ އެނާޖީ މިނިސްޓްރީގެ އޮފިޝަލަކާ ހަވާލާދީ ސައުދީ ޕްރެސް އެޖެންސީ (އެސްޕީއޭ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހާދިސާގައި މަރުވި 14 މީހުންނަކީވެސް ސައުދީ އަރަބިއްޔާގެ ރައްޔިތުންނެވެ. މި ހެލިކޮޕްޓަރު ވެއްޓިފައިވަނީ ސައުދީގެ އިރުމަތީ އައްސޭރިފަށުގައި އޮންނަ، ތެލުގެ މުހިންމު ސިޓީއެއް ކަމަށްވާ ރަސް ތަނޫރާއަށެވެ.

ރަސް ތަނޫރާއަކީ ދުނިޔޭގެ އެންމެ ބޮޑު ތެޔޮ ސާފުކުރާ އަދި އެކްސްޕޯޓް ކުރާ އެއް ޓާމިނަލް ހުންނަ ސަރަހައްދެވެ. މި ހާދިސާ ހިނގާފައި މިވަނީ ސަރަހައްދީ ސަލާމަތީ ކަންކަމާ ގުޅިގެން މެދުކަނޑާލާފައި އޮތް ތެޔޮ ބަރުކުރުމުގެ މަސައްކަތް އަލުން ފެށިތާ މާގިނަ ދުވަސްތަކެއް ނުވަނީހެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި މިހާތަނަށް ދެނެގަނެވިފައެއް ނުވެއެވެ. އެނާޖީ މިނިސްޓްރީން ބުނެފައިވަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި މިހާރު ތަހުގީގެއް ފަށާފައިވާ ކަމަށެވެ.

މި ހިތާމަވެރި ހާދިސާއާ ގުޅިގެން ސައުދީ ސަރުކާރާއި އަރަމްކޯގެ އިސްވެރިން ވަނީ މަރުވި މީހުންގެ އާއިލާތަކަށް ވަރަށް އިޚްލާޞްތެރި ތައުޒިޔާއެއް ފޮނުއްވާފައެވެ.