ހުޅުމާލެ ފޭސް އެކެއްގެ އެޕާޓްމަންޓެއްގައި ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ އަލް ނޫމާން އާއި 20 އަހަރުގެ ރަކީބުލް ހަސަން ޕަޕޫން އެވެ.
ފުލުހުން ބުނި ގޮތުގައި މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ބަނގުރަލުގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ މި ޖޫން މަހުގެ 26 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ގެ ފުލުހުންނެވެ.
މި އޮޕަރޭޝަންގެ ތެރެއިން އެ މީހުން ދިރިއުޅޭ އެޕާޓްމަންޓް ބަލައިފާސްކުރިއިރު، އެ ތަނުން 15 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މި ތަކެތި މިހާރު ވަނީ ފުލުހުންގެ ބަލުމުގެ ދަށަށް ގެންގޮސްފައެވެ.
ހައްޔަރުކުރެވުނު ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަލް ނޫމާން ފަސް ދުވަހަށް އަދި ރަކީބުލް ހަސަން ޕަޕޫން 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!