ވޯލްޑް ކަޕްގައި ވާދަކުރާ އީރާން ގައުމީ ޓީމު މެކްސިކޯގެ ޓިޖުއާނާގައި މަޑުކޮށްގެން ތިބި ހޮޓަލުގެ ބޭރުގައި ގިނަ އަދަދެއްގެ ސަޕޯޓަރުން އެއްވެ، ޓީމަށް ހިތްވަރު ދީފިއެވެ.
ލޮސް އެންޖެލިސްގެ ވޯލްޑް ކަޕް ސްޓޭޑިއަމާ 150 މޭލު ދުރުގައި ހުންނަ މެރިއޮޓް ހޮޓަލުގައި އީރާން ޓީމު ތިބިއިރު، އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ވަނީ ވަރަށް ވަރުގަދަކޮށްފައެވެ.
އީރާން ޓީމަށް ކުރިމަތިވެފައިވާ ސިޔާސީ ގޮންޖެހުންތަކާއި ދަތިތަކާއެކުވެސް، ހޮޓަލުގެ ތެރޭގައި އޮތީ އުފާވެރި މާހައުލެކެވެ. އެމެރިކާގެ އެކި ސަރަހައްދުތަކުން ދަތުރުކޮށްފައި އައި ސަޕޯޓަރުން ވަނީ ކުޅުންތެރިންނާ ބައްދަލުކޮށް ހިތްވަރު ދީފައެވެ. އޭގެ ތެރޭގައި ލޮސް އެންޖެލިސް، ސެން ހޯޒޭ އަދި މިއާމީ ފަދަ ސިޓީތަކުން އައި މީހުން ހިމެނެއެވެ.
ސިޔާސީ ނުފޫޒާއި ދަތިކުރުމުގެ ފިޔަވަޅުތައް
ހަނގުރާމައިގެ ސަބަބުން އީރާން ޓީމަށް ވަނީ އެމެރިކާގެ އެރިޒޯނާގައި އޮތް ކޭމްޕް މެކްސިކޯއަށް ބަދަލުކުރަން މަޖުބޫރުވެފައެވެ. މީގެ އިތުރުން ޓީމުގެ 11 އޮފިޝަލަކަށް އެމެރިކާގެ ވިސާ ނުލިބުމާއި، މެޗުތަކުގެ ކުރިން އެމެރިކާއަށް އެތެރެވުމުގައި ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ.
"ފުޓްބޯޅައިގެ ބާރު ސިޔާސީ ކަންކަމުގެ ތެރޭގައި ގެއްލިގެން ނުވާނެ،" އީރާން ފުޓްބޯޅަ ފެޑެރޭޝަންގެ ސެކްރެޓަރީ ޖެނެރަލް ހެދާޔަތު މޮމްބެއިނީ ވިދާޅުވިއެވެ.
އީރާނުގެ ސަޕޯޓަރުން ބުނާ ގޮތުގައި މިފަދަ ދަތިތަކުގެ ސަބަބުން ކުޅުންތެރިންނަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އަސަރުކުރާނެއެވެ. ނަމަވެސް، ކުޅުންތެރިންނަށް ސަޕޯޓް ދިނުމަށް ގިނަ ބަޔަކު ދަނީ ހޮޓަލުގެ ބޭރުގައި ކޮންމެ ދުވަހަކު މަޑުކުރަމުންނެވެ. އޭގެ ތެރޭގައި އެމެރިކާގައި 50 އަހަރު ދިރިއުޅެފައިވާ އީރާން މީހުންވެސް ހިމެނެއެވެ.
އީރާނު ކުޅުންތެރިން ބަހަށް އެރުމުގެ ކުރިން ޤުރްއާނުގައި ބޮސްދެނީ، ފޮޓޯ: އޭޕީ
ސަޕޯޓަރުންގެ އުއްމީދު
އީރާން ސަޕޯޓަރުންގެ އިތުރުން، މެކްސިކޯގެ ރައްޔިތުންނާއި އެހެން ގައުމުތަކުގެ މީހުންވެސް ދަނީ އީރާނަށް ސަޕޯޓް ކުރަމުންނެވެ. މެކްސިކޯއާއެކު އީރާނުން ބާއްވާ ހަރުދަނާ ސިޔާސީ ގުޅުމުގެ ސަބަބުން، އެ ގައުމުގައި މެޗުތައް ކުޅުމަށް އީރާނުން ކުރިން އެދިފައިވެއެވެ.
ޓީމު އެއާޕޯޓަށް ދިއުމަށް ހޮޓަލުން ނުކުތް ވަގުތު ސަޕޯޓަރުން ވަނީ ލަވަކިޔައި ހަޅޭއްލަވައި ހޫނު މަރުހަބާއެއް ކިޔާފައެވެ. ކޮންމެ ކުޅުންތެރިއަކުވެސް ބަހަށް އެރުމުގެ ކުރިން ކީރިތި ގުރުއާނުގައި ބޮސްދީފައިވެއެވެ. އީރާންގެ ދެން އޮތް މެޗުގައި ބައްދަލުކުރާނީ ބެލްޖިއަމްއާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!