ހދ. ހަނިމާދޫ ކައުންސިލުން އިންތިޒާމްކޮށްގެން 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަރ އޮފީސް ފުޓްސަލް އަދި ހޭންޑްބޯލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އެ ރަށުގެ މުއައްސަސާތަކަށް ހުޅުވާލައިފިއެވެ.
މި ދެ މުބާރާތަކީ ވެސް އެ ރަށުގެ މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ މުބާރާތްތަކެކެވެ.
ކައުންސިލުން ކޮށްފައިވާ ވަކި ދެ އިއުލާނެއްގައި ބުނެފައިވަނީ "އިންޓަރ އޮފީސް ފުޓްސަލް ޓޯނަމެންޓް 2026" އަދި "އިންޓަރ އޮފީސް ހޭންޑްބޯލް ޓޯނަމެންޓް 2026" ގައި ބައިވެރިވާން ބޭނުންވާ މުއައްސަސާތަކުން 18 ޖޫން 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގެ ކުރިން ނަން ނޯޓު ކުރަން ޖެހޭނެ ކަމަށެވެ. މުބާރާތުގައި ބައިވެރިވުމަށް ނަން ނޯޓު ކުރަން ޖެހެނީ ކައުންސިލުން ކަނޑައަޅާފައިވާ ފޯމު ލިންކުތައް މެދުވެރިކޮށެވެ.
- ހަނިމާދޫ ކައުންސިލް "އިންޓަރ އޮފީސް ފުޓްސަލް ޓޯނަމެންޓް 2026" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ޢިއުލާން (ޢިއުލާންގައި ގަވާއިދާއި ބައިވާން އެދޭ ފޯމު އެޓޭޗްކޮށްފައިވޭ)
- ހަނިމާދޫ ކައުންސިލް "އިންޓަރ އޮފީސް ހޭންޑްބޯލް ޓޯނަމެންޓް 2026" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ޢިއުލާން (ޢިއުލާންގައި ގަވާއިދާއި ބައިވާން އެދޭ ފޯމު އެޓޭޗްކޮށްފައިވޭ)
މި ދެ މުބާރާތް ވެސް ފެށުމަށް ތާވަލުކޮށްފައިވަނީ 28 އޮގަސްޓް 2026 ގައެވެ. މުބާރާތްތަކުގެ ފޯރި ގަދަކުރުމުގެ ގޮތުން ކައުންސިލުން ވަނީ ބޮޑެތި ފައިސާގެ އިނާމުތަކެއް ވެސް ހުށަހަޅާފައެވެ.
އެގޮތުން ކޮންމެ މުބާރާތެއްގެ ވެސް ޗެމްޕިއަން ޓީމަށް 20,000 ރުފިޔާގެ ފައިސާގެ އިނާމާއި، ތަށި އަދި މެޑަލް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރަނަރަޕް ޓީމަށް 10,000 ރުފިޔާގެ ފައިސާގެ އިނާމާއެކު ތަށި އަދި މެޑަލް ދިނުމަށް ވަނީ ނިންމާފައެވެ.
ހަނިމާދޫ ކައުންސިލުން އަންނަނީ ރަށުގެ މުއައްސަސާތަކާއި ރައްޔިތުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކުރުމަށްޓަކައި މިފަދަ ތަފާތު މުބާރާތްތައް ރާވައި ހިންގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!