ދިވެހި ދައުލަތަށް 45 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ޢިއްޒަތްތެރިޔާ، މއ. އަލިތަރި އިބްރާހީމް ރަޝާދު އަވަހާރަވުމާ ގުޅިގެން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެމަނިކުފާނުގެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
އިބްރާހީމް ރަޝާދު އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވުމަށްފަހު، މިއަދު ހަވީރުގެ ވަގުތެއްގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 78 އަހަރެވެ.
މި ހިތާމަވެރި ޚަބަރާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަރްޙޫމް އިބްރާހީމް ރަޝާދަކީ ދައުލަތުން ހަވާލުކުރެއްވި ކޮންމެ މަސްއޫލިއްޔަތެއް މުރާލިކަމާއި، ތެދުވެރިކަމާއި، ރޭވުންތެރިކަމާއެކު އަދާކުރެއްވުމުގައި ލާމަސީލު ނަމޫނާއެއް ކަމަށެވެ. އަދި އެމަނިކުފާނަކީ ޙިކްމަތްތެރި، ހިންގުންތެރި ޝަޚްޞިއްޔަތެއްކަން ފާހަގަކުރައްވައި، ޤައުމަށް ގެއްލިގެން އެދިޔައީ ބޭނުންތެރި އަގުހުރި ތަޖުރިބާކާރެއްކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ މެސެޖުގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މީގެ ވިއްސަކަށް އަހަރު ކުރިން ޓެކްނޮލޮޖީގެ ވަސީލަތްތައް މަދު ޒަމާނެއްގައިވެސް، ސަރުކާރުގެ އިދާރީ ހިންގުން ހަލުވިކޮށް ރައްޔިތުންނަށްދޭ ޚިދުމަތްތައް ފަސޭހަކުރުމަށް އިބްރާހީމް ރަޝާދު ކުރެއްވި މަސައްކަތްޕުޅުތަކަކީ ފާހަގަކޮށްލެވޭ މަސައްކަތްތަކެކެވެ. އަދި ދައުލަތަށް ޚިދުމަތް ކުރެއްވުމުގައި އުސޫލުތަކާއި ހަމަތައް ހިފެހެއްޓެވުމާއި އަމާނާތްތެރިކަމުގެ ސަބަބުން، ރައްޔިތުންނާއި ވެރިންގެ އިތުބާރު އެމަނިކުފާނު ހޯއްދަވާފައިވާކަން ރައީސް ބަޔާންކުރެއްވިއެވެ.
އަލްމަރްޙޫމް އިބްރާހީމް ރަޝާދު ވަނީ ދައުލަތުގެ ވަރަށް އިސް މަގާމުތަކެއް ފުރުއްވާފައެވެ. އޭގެ ތެރޭގައި އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމާއި، މިނިސްޓަރ އޮފް ސްޓޭޓް، ޕްރިންސިޕަލް ކަލެކްޓަރ އޮފް ކަސްޓަމްސްގެ މަގާމުގެ އިތުރުން ފާދިއްޕޮޅާއި ކޮޅުމަޑުލުގެ އަތޮޅުވެރިކަން ހިމެނެއެވެ.
1961 ވަނަ އަހަރު ވުޒާރަތުއްތިޖާރާގެ ކާތިބުކަމުން ޚިދުމަތް ފެއްޓެވި ރަޝާދު ވަނީ އެސްޓީއޯ، ރޭޑިއޯ މޯލްޑިވްސް، އަދި އެޑިޔުކޭޝަން މިނިސްޓްރީ ފަދަ ގިނަ އިދާރާތަކެއްގައި މުހިންމު މަގާމުތަކެއް ފުރުއްވާފައެވެ. 2008 ވަނަ އަހަރު ޚިދުމަތުން ވަކިވެވަޑައިގެންނެވިއިރު އެމަނިކުފާނަށް ވަނީ ދިވެހި ދައުލަތަށް ދިގުމުއްދަތަކަށް ޚިދުމަތްކުރެއްވި ޢިއްޒަތްތެރިއެއްގެ ލަޤަބު އަރުވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ މަރްޙޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ދުޢާކުރައްވައި، މަރްޙޫމްގެ ޢާއިލާއަށާއި އެމަނިކުފާނު ޚިދުމަތްކުރެއްވި އިދާރާތަކުގެ މުވައްޒަފުންނަށް ކެތްތެރިކަން ދެއްވުމަށް އެދިވަޑައިގަންނަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!