2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްގެ ޓިކެޓްތަކެއް، ވެބްސައިޓަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ބައެއް ސަޕޯޓަރުންނަށް ހިލޭ ލިބިފައިވާކަން ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ކަށަވަރުކޮށްދީފިއެވެ.

ފީފާއިން ހާމަކުރި ގޮތުގައި، ޗެކްއައުޓް މަރުހަލާގައި ދިމާވި "ޕޭމަންޓް އިޝޫ" އެއްގެ ސަބަބުން ގާތްގަނޑަކަށް 60 ސަޕޯޓަރަކަށް ވަނީ "0 ޔޫއެސްޑީ" ނުވަތަ އެއްވެސް އަގަކާ ނުލައި ޓިކެޓް ކަށަވަރުވެފައެވެ. މި މައްސަލައާ ގުޅިގެން ފީފާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިކަމުގެ ސަބަބުން ސަޕޯޓަރުންނަށް ދިމާވެދާނެ ދަތިތަކަށް މާފަށް އެދޭ ކަމަށެވެ. ނަމަވެސް، އެ ޓިކެޓްތަކަށް ދައްކަންޖެހޭ ފުރިހަމަ ފައިސާ މިހާރު ދެއްކުމަށް ފީފާއިން ވަނީ އެދިފައެވެ.

Ad
rt

އޮންލައިންކޮށް ދައުރުވަމުންދާ މައުލޫމާތުތަކަށް ބަލާއިރު، މިގޮތަށް ޓިކެޓް ލިބުނު ފަރާތްތަކުން ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި ފައިސާ ދައްކައި ނިންމަންޖެހެއެވެ. އެ މުއްދަތުގައި ފައިސާ ނުދައްކައިފިނަމަ އެ މީހުންގެ ސީޓުތައް ކެންސަލްވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. މި މައްސަލަ ދިމާވެފައިވަނީ ކެނެޑާގެ ޓޮރޮންޓޯގައި ކުޅުމަށް ހަމަޖެހިފައިވާ ގްރޫޕް ސްޓޭޖްގެ މެޗުތަކުގެ ޓިކެޓްތަކަށެވެ.

މި ހާދިސާ މި ފެންމަތިވީ، އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ފަހަރުގެ ވޯލްޑް ކަޕްގެ ޓިކެޓްތަކުގެ އަގުތަކާ މެދު ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. ވަކިން ހާއްސަކޮށް، "ވޭރިއަބަލް ޕްރައިސިންގ" ނުވަތަ ޑިމާންޑަށް ބަލައި އަގަށް ބަދަލު އަންނަ ނިޒާމުގެ ސަބަބުން ޓިކެޓްގެ އަގުތައް އިންތިހާއަށް އުފުލިފައިވާތީ، ނިއުޔޯކް އަދި ނިއުޖާޒީގެ ކަމާބެހޭ ފަރާތްތަކުން ދަނީ ކޮންސިއުމަރ ޕްރޮޓެކްޝަން ގާނޫނުތަކާ ފީފާއިން ޚިލާފުވެފައިވޭތޯ ތަހުގީގު ކުރަމުންނެވެ.

މީގެ އިތުރުން، ދަނޑުތަކަށް ފެން އަޅާ ހުސް ފުޅި ވެއްދުން ފީފާއިން ކުއްލި ގޮތަކަށް މަނާކުރުމާ ގުޅިގެން ވެސް ގިނަ ބައެއްގެ ނުރުހުން ވަނީ އަމާޒުވެފައެވެ. ފީފާއިން ބުނާ ގޮތުގައި މިއީ ކުޅުންތެރިންނާއި ސަޕޯޓަރުންގެ ސަލާމަތަށްޓަކައި ނިންމި ނިންމުމެކެވެ. ނަމަވެސް، ގަދަ ހޫނުގައި ސަޕޯޓަރުންގެ ދުޅަހެޔޮކަމަށް މީގެ ސަބަބުން އަސަރުކޮށްފާނެ ކަމުގެ ބިރު އެބައޮތް ކަމަށް ގިނަ ބަޔަކު ބުނެއެވެ.

48 ޓީމު ވާދަކުރާ މި ފަހަރުގެ ވޯލްޑް ކަޕް ފެށުމަށް ހަމަޖެހިފައިވަނީ ޖޫން 11 ގައެވެ. މުބާރާތުގެ ފައިނަލް މެޗު އޮންނާނީ ގާތްގަނޑަކަށް 82،000 މީހުންގެ ޖާގަ އޮންނަ މެޓްލައިފް ސްޓޭޑިއަމްގައެވެ. ފައިނަލް މެޗުގެ ޓިކެޓްތަކުގެ އަގު މިހާރު އުޅެނީ 2،030 ޑޮލަރާއި 7،875 ޑޮލަރާ ދެމެދުގައެވެ. ނަމަވެސް ބްލެކް މާކެޓްގައި ޓިކެޓެއްގެ އަގު މިހާރު ވަނީ 12،000 ޑޮލަރަށް ވުރެ މައްޗަށް އަރާފައެވެ.