ދުންފަތުގެ އިސްތިއުމާލުކުރުމާއި ނިކޮޓިންއަށް ދެވިހިފުމުން ދިވެހި ރައްޔިތުން ސަލާމަތްކުރުމަށްޓަކައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި ފޮނުއްވިމެސެޖެއްގައެވެ.

Ad
rt

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވީ، އީ-ސިނގިރޭޓް މަނާކުރުމާއި، ދުނިޔޭގައި ފުރަތަމަ ފަހަރަށް ޖީލީ ގޮތުން ދުންފަތް މަނާކުރި ގައުމަށް ރާއްޖެ ވެގެންދިއުމަކީ ދުންފަތުން ސަލާމަތްވެފައިވާ މުޖުތަމައެއް ބިނާކުރުމަށް ސަރުކާރުން އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކެއް ކަމަށެވެ. އަދި މި އަމާޒަށް ވާސިލްވުމަށްޓަކައި ސަރުކާރުން ސާބިތުކަމާއެކު މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

ޒުވާނުންނަށް އަމާޒުކޮށްގެން އުފައްދާފައިވާ ރަހަ މީރުކުރި ނިކޮޓިން ޕައުޗްތަކާއި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ކުރިއަށްގެންދާ މާކެޓިން އުކުޅުތަކަކީ މިހާރު ކުރިމަތިވަމުންދާ އާ ނުރައްކާތަކެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ.

"މިފަދަ އާ ނުރައްކާތަކަށް އަޅުގަނޑުމެން ސަމާލުވާނަން. އަދި ދުންފަތް ކޮންޓްރޯލް ކުރުމުގެ ފިޔަވަޅުތަކާއި، ދުންފަތުން ދުރުވުމަށް އެހީތެރިވާ ހިދުމަތްތަކާއި، ދުންފަތުގެ އިސްތިއުމާލު ނުކުރާ ސަރަހައްދުތައް ކަނޑައެޅުމުގެ އިތުރުން ގާނޫނީ އިސްލާހުތައް ގެނައުމުގެ މަސައްކަތް ކުރިއަށް ގެންދާނަން،" ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލެއްވީ، ދުންފަތުން ސަލާމަތްވެފައިވާ ދިވެހިރާއްޖެއެއް ބިނާކުރުމަށްޓަކައި އެންމެހާ ރައްޔިތުން ގުޅިގެން މަސައްކަތް ކުރުމަށް އިލްތިމާސް ކުރައްވަމުންނެވެ. މިއީ ސިއްހަތަށް ފައިދާހުރި މުޖުތަމައެއް ބިނާކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.