ވަޒީރުންނަށް ރުހުން ދިނުމަށް އިއްޔެ މަޖިލީހުގައި ނެގި ވޯޓަކީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބާއި ގުޅުމެއްއޮތް ވޯޓެއްނޫންކަމަށް އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރަށްވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް ނަސީމް ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުޢިއްޒު ކެބިނެޓަށް ގެންނެވި ބަދަލާއި ގުޅިގެން އިއްޔެ މަޖިލީހުގެ ތަޅުމުގައި ވަނީ ވަޒީރުންނަށް ރުހުން އޮތްތޯ ބަލަން ވޯޓު ނަގާފައެވެ. މި ވޯޓުގައި އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ މެމްބަރުން ބައެއް ވަޒީރުންނަށް ރުހުން އޮތްކަމަށް ދިން ވޯޓާއި ގުޅިގެން އެމްޑީޕީގެ ބައެއް އާންމު މެމްބަރުން ވަނީ ނުރުހި ބޮޑު ބަހުސެއް ފަށާފައެވެ.

Ad
rt

މި ބަހުސް ހިނގަމުން ދަނިކޮށް މީކާއީލް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހޯމް މިނިސްޓަރު އިހުސާންއަށް މަޖިލީހުން ރުހުން ދިނުމަށް ނެގި ވޯޓުގައި އޭނާ ވޯޓު ދެއްވާފައިވަނީ އެ މަނިކުފާނަށް ރުހުން ނެތް ކަމަށެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ދެ ކެންޑިޑޭޓުންނަށް ތާއީދުކުރާ ބައެއް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް ފްރީ ވިޕެއްގެ ދަށުން ވަޒީރަށް ރުހުން އޮތް ކަމަށް ވޯޓު ދީފައިވާކަން މީކާއީލް ފާހަގަކުރެއްވިއެވެ. އަދި ރުހުން ނެތްކަމަށް އޭނާގެ އިތުރުން މެމްބަރު ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެން ޒިޔާދު (ފިއްޓޭ) ވެސް ވޯޓު ދެއްވާފައިވާކަން ފާހަގަކުރައްވައި، މިއީ އެތެރޭގެ އިންތިހާބާއި ގުޅުމެއް އޮތް ވޯޓެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

މީކާއީލް އިތުރަށް ވިދާޅުވީ، ކުރިޔަށް އޮތް ތަނުގައި މި ފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް އޭނާގެ ޗެއަރޕަރސަންކަމުގައި މަސައްކަތް ކުރައްވާނެ ކަމަށެވެ. އެގޮތުން ވަޒީރުންނަށް ރުހުން ދިނުންފަދަ ބޮޑެތި ގައުމީ މައްސަލަތަކުގައި އެމްޑީޕީ ގައުމީ މަޖިލީހުގެ ދައުރު ފުޅާ ކުރަށްވާނެކަމަށް މީކާއީލް ވިދާޅުވިއެވެ.