ސަރުކާރުގެ ޚަރަދުކުޑަކުރުމަށް އަޅަމުންދާ ފިޔަވަޅުތައް ވަރަށް ހަރުކަށިކޮށް ތަންފީޒު ކުރެވިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސިޔާސީ މަގާމުތައް މަދުކޮށް، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަކީ އެމަނިކުފާނު ވަރަށް ސާފުކޮށް ވިދާޅުވަމުން އަންނަ ވާހަކައެއް ކަމަށެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި ސަރުކާރުގެ ސައިޒު ކުޑަކުރުމަށް އެޅުނު ފުރަތަމަ ފިޔަވަޅަކީ މިނިސްޓްރީތަކުގެ އަދަދު މަދުކުރުމެވެ. މިނިސްޓްރީތަކާއި މިނިސްޓަރުންގެ އަދަދު މަދުކޮށް، ޒިންމާތައް އިތުރުކުރީ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ފެށުމެއްގެ ގޮތުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިހާރު ކުރިއަށްދާ އިދާރީ މަސައްކަތްތައް ނިމުމުން، ވަރަށް ގިނަ ސިޔާސީ މަގާމުތައް އުވިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
''ސަރުކާރުގެ ޕޮލިޓިކަލް އެޕޮއިންޓީސް މަދުކުރުމަށް ސަރުކާރުގެ ޚަރަދުކުޑަކުރުން ނިންމި ނިންމުން ވަރަށް ހަރުކަށިކޮށް ތަންފީޒު ކުރެވިގެންދާނެ، މިނިސްޓަރީތައް މަދުކުރީ އޭގެ ފުރަތަމަ ސްޓެޕް، މިނިސްޓްރީތައް މަދުކޮށް މިނިސްޓަރުން މަދުކޮށްފައި ޒިންމާތައް އިތުރުކުރީ އޭގެ ފެށުމެއްގެ ގޮތުން،'' ރައީސް ވިދާޅުވެފަވެއެވެ.
ސިޔާސީ މުވައްޒަފުން ވަކިކުރުމުގައި ބަލަމުންދަނީ އެ މީހުންގެ މަސައްކަތުގެ ފެންވަރަށް ނުވަތަ ޕާފޯމަންސަށް ކަމަށް ރައީސް ވިދާޅުވިއެވެ. މި މަސައްކަތްތައް އެއްކޮށް ނިމުމުން، މަގާމުތަކުން މަދުކުރި މީހުންގެ ތަފުސީލުތައް އާންމުކުރައްވާނެ ކަމަށްވެސް ރައީސް ވައުދުވެވަޑައިގެންނެވިއެވެ.
މި ދަނޑިވަޅުގައި ބައެއް ބޭފުޅުން ސިޔާސީ މަގާމުތަކަށް އައްޔަންކުރުމާ ގުޅިގެން އަމާޒުވާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވީ، އަލަށް އެއްވެސް ސިޔާސީ މަގާމެއް އުފައްދައިގެން މީހުން އައްޔަން ނުކުރައްވާ ކަމަށެވެ.
"އެއީކީ އިތުރު މަގާމުތަކެއް ނޫން. އެޑިޝަނަލް އެއްވެސް މަގާމެއް ނޫން. ހުސްވެފައި ހުރި ނޫނީ އައްޔަންކުރަން ހުރި ޕޮޒިޝަންސްތަކަކަށް މީހުން ލަނީ،" ރައީސް ވިދާޅުވިއެވެ.
މިގޮތުން، މި މަހު ކެބިނެޓުން އިސްތިއުފާ ދެއްވި ބައެއް ބޭފުޅުންނާއި ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދު ފޮރިން މިނިސްޓްރީގެ މަގާމުތަކަށް އައްޔަންކުރެއްވީ ހުސްވެފައިވާ މަގާމުތަކަށް ކަމަށް ރައީސް ވަނީ ސާފުކޮށްދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!