"އަދަދު" ނޫހުގެ ފޭސްބުކް އެކައުންޓުން ގެނެސްދިން ޑޮކިއުމެންޓްރީއެއްގެ މައްސަލާގައި ފުލުހުން އެ ނޫހުގެ އޮފީސް ބަލައި ފާސްކުރުމަށްފަހު، އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާގެ ޕާސްޕޯޓް ހިފަހައްޓައި އޭނާ ފުރުން މަނާކޮށްފިއެވެ.
ފިޔާޒްގެ ޕާސްޕޯޓް ހިފަހައްޓައި އިމިގްރޭޝަންގެ މައްޗަށް ނެރެފައިވާ އަމުރުގައި ބުނެފައިވަނީ، މި ފިޔަވަޅު އެޅީ ޑޮކިއުމެންޓްރީގައި ރައީސުލްޖުމްހޫރިއްޔާއަށް ކޮށްފައިވާ ތުހުމަތުތަކާ ގުޅޭ ތަހުގީގު ކުރިއަށްދާތީ ކަމަށެވެ.
ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ބަލަމުންދާ މި މައްސަލައާ ގުޅިގެން، އޭޕްރިލް 27 އިން ފެށިގެން ޖުލައި 26 ގެ ނިޔަލަށް އޭނާގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ރޭ ވަނީ ކޯޓު އަމުރެއްގެ ދަށުން އަދަދު ނޫހުގެ އޮފީހަށް ވަދެ އެ ތަން ބަލައި ފާސްކޮށްފައެވެ. އެ އިދާރާއިން ބަލަމުންދާ މައްސަލައަކާ ގުޅިގެން އޮފީސް ބަލައި ފާސްކުރި ނަމަވެސް، މައްސަލައިގެ އިތުރު ތަފްސީލެއް އަދި ފުލުހުން ހާމައެއްނުކުރެއެވެ.
އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޑޮކިއުމެންޓްރީއާ ގުޅޭގޮތުން ސުވާލުކުރުމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އޭގައި ހިމެނޭ ހުރިހާ ތުހުމަތުތަކެއް ކަނޑައެޅިގެން ދޮގުކުރައްވާފައެވެ. ރައީސް ވިދާޅުވީ އެއީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި، އެފަދަ ވާހަކަތައް ފަތުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!