އައްޞުލްޠާން މުޙައްމަދު ޝަމްސުއްދީން 3 ގެ ރަސްކަމުގައި ދިއްދޫގައި ވަރަށް ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި މުޅިރަށްހެން އަނދައިހުލިވިއެވެ. ދިއްދޫގައި ކިޔާގޮތުންނަމަ "ރަށް ފެންވުން" ހާދިސާ ހިނގައިދިޔައީ އޭރު ދިއްދޫގައި މާލެ ދަތުރުކުރި ބައްތެއްޔެއް މާލެއިން އައި ދަތުރެއްގައި ރަށުގެ ހުޅަނގު ފަރާތަށް މުދާ ހުސްކުރުމުގައި މޫދަށް ވެއްޓިފަ އޮތް އަލިފާންފޮއްޓެއް ކުއްޖަކު ނަގައިގެން އުޅުމުގެ ތެރޭގައި އަތިރީގައި ހުރި ފަންކުނިތަކެއްގައި ރޯވެގެންނެވެ.
މިއީ ރިޔާވިޔުމަށް އިރާ ފަންވަތްތަކުންނަގާ ބޯބުރިތަކާ، އިލޮށިތަކާ ރިޔާވިޔުމަށް ބޭނުން ނުކުރާބައިތަކެވެ. މިގޮތަށް ހެދިފައި އޮތް ބޮޑު ކުނިފުންޏެއްގައި ރޯވީއެވެ. މިފަންތައްހުރީ އޮޑިހަރުގެ ތަކާ ވަރަށް ކައިރީގައެވެ. ހަރުގެއަކީ ފަނުންހުރި ތަންތަނެވެ. އެއްހަރުގެ އަނެއް ހަރުގެ ހުންނަނީ ވަރަށް ކައިރީގައެވެ. އޭރު ގެތަށްވެސް އަޅާފައި ހުންނަނީ ދަނޑިފަނުން އަދި ކައިރިކައިރީގައި ކަމަށްވުމުން ވަރަށް އަވަހަށް މުޅިރަށް އެއްކޮންހެން އަނދައިހުލިވިއެވެ. ބުނެވޭ ގޮތުން މިހާދިސާގައި 2 ކުއްޖަކު އަނދައިގެން ދިޔައެވެ. އެއީ އަލިފާންގަނޑުފެނުމުން ބިރުންގެއަށްވަދެ އެނދެއްގެ ތަންދޮށަށް ވަތް ދެކުދިންކަމަށް ބުނެއެވެ.
އަމީން ދީދީ ވެރިކަމުގައި 1943 ވަނަ އަހަރު ރާއްޖެއަށް ދިމާވި ކާޑުގެ ދަތިކަމުގެ ތެރޭގައި ކާޑު ނުލިބުމުގެ ސަބަބުން ރައްޔިތުން ދިޔައީ ރުޅިގަދަވެ ކެކިއަރަމުންނެވެ. މިކަމާ ވިއްދައި ހދ. ކުޅުދުއްފުށީ ބޮޑު މުހައްމަދު ގެނައި އުތުރު ގަޑުބަޑު އެއީ މަޝްހޫރު ހާދިސާއެކެވެ. މުޅި އުތުރުން ގާތްގަނޑަކަށް 500 ގަނޑެތީގައި މީހުން ބަރާކޮށްގެން ވަނީ މާލެއައިސްފައެވެ. މުޅި އުތުރުގެ ނިންމުމަށް ގޮންޖަހާލުމަށްފަހު މިކަމުގައި ބައިވެރިނުވެ ތިބީ ދިއްދޫގެ ރައްޔިތުން އެކަންޏެވެ.
މުޙައްމަދު ޖަމީލް ދީދީ ލިޔުއްވި "ތިލަދުންމަތީ ދަތުރުގެ ހަނދާން" މި ފޮތުގައި ބަޔާންކޮށްފައިވާ ގޮތުން ކަންވެނިމުނުއިރު ދިއްދޫގެ ރައްޔިތުންފިޔަވާ އެންމެންތިބީ މިކަމުގައި ބައިވެރިވެފައެވެ. މުޅި ބޮޑުތިލަދުންމަތި އެކީއެއްކޮޅުގައި އޮތްއިރުވެސް ދިއްދޫއިން ގޮތުގައި ހިފަހައްޓައި ނުވިތާކަށް ދިއްދޫގެ އިސްވެރިން އެތެރެވަރީގެ ރަށްރަށަށް ދަތުރުކޮށް، އެކަމުގައި ބައިވެރިނުވާން ނަސޭހަތްދީހެދިއެވެ. މިކަމުގައި އެންމެ އިސްކޮށްއުޅުއްވީ ދިއްދޫ ދޮންޢަލީހާޖީ ކަލޭގެފާނާއި ދިއްދޫ ޚަތީބުމޫސާކަލޭގެފާނެވެ. މިދެބޭފުޅުންގެ މަސައްކަތުން ދިއްދޫގެ ރައްޔިތުން މިވަނީ އެކަމުގައި ބައިވެރިނުވެ ސަލާމަތްވެފައެވެ.
1952 ވަނަ އަހަރާ ހަމައަށްވެސް އުތުރުގެ އަތޮޅުވެރިކަން ކުރަމުންއައީ ބޮޑު ތިލަދުންމަތި އެއީ އެއް އަތޮޅެއްކަމުގައި ބަލައިގެންނެވެ. ނަމަވެސް 1958 ވަނަ އަހަރު ތިލަދުންމަތި ދެބައިކޮށްވަނީ ތިލަދުންމަތީ އުތުރުބުރިއާއި ތިލަދުންމަތީ ދެކުނުބުރި އުފައްދަވާފައެވެ. ތިލަދުންމަތީ އުތުރުބުރީގެ ވެރިކަންކުރާ ރަށަކަށް ހަމަޖެއްސީ ދިއްދޫއެވެ.
ތިލަދުންމަތީ ދެކުނުބުރި ނުވަތަ ހދ. އަތޮޅުގެ ވެރިކަންކުރާ ރަށަކަށް ހަމަޖެއްސީ އަތޮޅުއެކީ އޮތް އިރުވެސް ވެރިކަންކުރި ނޮޅިވަރަންފަރެވެ. މިއީ އިދާރީ ގޮތުން ވެރިކަންކުރުމުގެ ފަސޭހައަށްޓަކާ ގެންނެވި ބަދަލެކެވެ. މިހާރު ދިއްދޫގައި އަތޮޅުވެރިކަން ކުރާތާ މިވަނީ ބައި ޤަރުނަށްވުރެ ގިނަދުވަސްވެފައެވެ.
ކިތަންމެ ދަތި ޙާލެއްގައި އުޅެންޖެހުނަސް ހިތްވަރާއިއެކު މަސައްކަތް ކުރަންކެރިއްޖެނަމަ އަމާންއޮމާން ދިރިއުޅުމެށް ގާއިމްކުރެވޭނެކަން ދިއްދޫގެ ރައްޔިތުންމިވަނީ ސާބިތުކޮށްދީފައެވެ. މިއަދު ދިއްދޫއަކީ އަތޮޅުގެ އެންމެ އާބާދީ ބޮޑު، އަތޮޅުގެ މައި ތަނބެވެ. އެކި ދާއިރާތަކުން ދިއްދޫގެ ދަރިން މިއަދުމިދަނީ ކާމިޔާބްތަކާއި ކުރިއެރުންތަށް ހޯދަމުންނެވެ. އަދި ހަމައެހެންމެ ބޮޑު އާބާދީއެއްގެ ނިސްބަތުން ދިއްދޫއަކީ ކުށްކުރުން މަދު ކުށުގެ ވެށި އަމާން، އުޅެން ފަސޭހަ ރަށެކެވެ.
ރާއްޖޭގެ އެހެން އާބާދީ ބޮޑު ރަށްރަށަށް ގޮންޖަހާލުމަށްފަހު މިކަމުން ދިއްދޫ މިވަނީ ރަންމެޑަލް ޖަހާފައެވެ. އާދެ މިހުރިހާ ކާމިޔާބީތަކަކާއި ކުރިއެރުންތަކެއް ލިބުނީ މަދު އަހަރުތަކެއްގެ ތެރޭގައި ހިކުމަތްތެރިކަމާއެކު ކުރެވުނު އެތައް ބުރަ މަސައްކަތްތަކުގެ ސަބަބުންނެވެ. އަހަރެމެން ކާބަފައިން ދާ އޮހޮރުވައިގެން ކުރި މަސައްކަތުގެ ފޮނި ނަތީޖާ މިއަދު މިދަނީ ދިއްދޫއިން ފެންނަމުންނެވެ.
(ނިމުނީ)

ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!