ކުރިއަށް އޮތް ދެ ހަފްތާއެއް ނުވަތަ ތިން ހަފްތާއެއްގެ ތެރޭގައި އެމެރިކާއިން އީރާނަށް ދެމުންދާ ހަމަލާތައް ހުއްޓާލަފާނެ ކަމަށާއި، ހަކަތަ ފޯރުކޮށްދިނުމަށް ބުރޫއަރައި ދުނިޔޭގެ އިގްތިސާދަށް ލޮޅުން އަރުވާލާފައިވާ މި ހަނގުރާމަ ނިންމުމަށް އެއްބަސްވުމެއް ކޮންމެހެން ބޭނުން ނުވާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ، އެމެރިކާއާއި އިސްރާއީލުން އީރާނަށް ހަމަލާދޭން ފެށިތާ ގާތްގަނޑަކަށް ފަސް ހަފްތާ ފަހުން، ސީދާކޮށްނާއި ނުސީދާކޮށް މެސެޖުތައް ބަދަލުކުރެވުނު ނަމަވެސް ވޮޝިންޓަނާއެކު އެއްވެސް މަޝްވަރާއެއް ކުރިއަށް ނުދާ ކަމަށް އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ އަންގާރަ ދުވަހު އަލްޖަޒީރާއަށް ވިދާޅުވެފައި ވަނިކޮށެވެ.

Ad
rt

މީގެ ކުރިން އީރާނުން މަޝްވަރާތަކުގައި ބައިވެރިވަމުންދާ ކަމަށާއި އެއްބަސްވުމަކަށް "އާދޭސްކުރަމުންދާ" ކަމަށް ދައުވާކުރެއްވި ޓްރަމްޕް، އަންގާރަ ދުވަހު ވަނީ ޑިޕްލޮމެޓިކް މަސައްކަތްތަކާ ބެހޭގޮތުން ގެންގުޅުއްވި ރޫހު ބަދަލުކުރައްވާފައެވެ.

"އީރާނުން އެއްބަސްވުމެއް ހަދާކަށް ނުޖެހޭ، ނޫން،" ވައިޓް ހައުސްގައި ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޓްރަމްޕް ވިދާޅުވެފަވެއެވެ.

އޭނާ މިހެން ވިދާޅުވީ ހަމަނުޖެހުންތައް ހުއްޓާލުމަށް އެމެރިކާއަށް ކާމިޔާބު ޑިޕްލޮމެސީއަކީ ލާޒިމް ކަމެއްތޯ ސުވާލުކުރުމުންނެވެ.

"އެމެރިކާ ވަރަށް އަވަހަށް... ފަހަރުގައި ދެ ހަފްތާ، ފަހަރުގައި ތިން ހަފްތާ ތެރޭގައި އެތަން ދޫކޮށްދާނެ'' އޭނާ ވިދާޅުވެފަވެއެވެ.

"އަހަރެމެންނަށް އިހުސާސް ކުރެވޭ ދުވަހަކުން، އެމީހުން ވަރަށް ދިގު މުއްދަތަކަށް 'ސްޓޯން އޭޖް' (އެވޭލާ ޒަމާނަށް) ފޮނުވާލެވިއްޖެ، އަދި އެމީހުންނަށް ނިއުކްލިއާ ހަތިޔާރެއް ނުއުފެއްދޭނެ ކަމުގެ ޔަގީންކަން ލިބުމުން، އަހަރެމެން އެތަން ދޫކޮށްލާނަން،" އޭނާ ވިދާޅުވިއެވެ.

އީރާނުން އަބަދުވެސް ބުނަމުންދަނީ އެގައުމުގެ ނިއުކްލިއާ ހަރަކާތްތަކަކީ ސުލްހަވެރި ބޭނުންތަކަށް ކުރާ ކަމެއް ކަމަށާއި، ދުވަހަކުވެސް ނިއުކްލިއާ ހަތިޔާރެއް އުފައްދަން މަސައްކަތް ނުކުރާ ކަމަށެވެ.

ކުއިންސީ އިންސްޓިޓިއުޓްގެ އީރާނާ ބެހޭ ފޮރިން ޕޮލިސީ މާހިރެއް ކަމަށްވާ ޓްރިޓާ ޕާސީ ''އަލްޖަޒީރާ''އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައި ވަނީ، ޓްރަމްޕްގެ ބަޔާންތަކާ މެދު ސަމާލުވާން ޖެހޭ ކަމަށެވެ. މުޅި ސަރަހައްދަށް ފެތުރިފައިވާ އަދި އެތައް ހާސް ބަޔަކު މަރުވެފައިވާ ހަނގުރާމައަކުން ޓްރަމްޕަށް "ފަސޭހައިން ނުކުމެގެން ދިއުމަކީ" އެހާ ފަސޭހަ ކަމެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މި ހަނގުރާމައިގައި ގިނައިން މަރުވެފައިވަނީ އީރާނާއި ލުބުނާނުގެ މީހުންނެވެ. ލުބުނާނުގައި އިސްރާއީލުން ދަނީ ވައިގެ މަގުން ބޮން އެޅުމުގެ އިތުރުން އެއްގަމު މަގުންވެސް އަރައިގަންނަމުންނެވެ.

"ހަނދާންކުރައްވާ، ފުރަތަމަ އެމީހުން ބުނީ މި ހަނގުރާމަ ހަތަރު ދުވަސް ތެރޭގައި ނިމޭނެ ކަމަށް. ދެން މީގެ ތިން ހަފްތާ ކުރިން ބުނީ ތިން ހަފްތާ ނަގާނެ ކަމަށް. ތިން ހަފްތާ ފާއިތުވެއްޖެ، މިހާރު މި އިވެނީ ދެ ހަފްތާ ނުވަތަ ތިން ހަފްތާ ނަގާނެ ވާހަކަ،" ޕާސީ ވިދާޅުވިއެވެ.

"މި މުއްދަތު އިތުރުވަމުން މިދަނީ، ދުވަހުގެ ނިމުމުގައި، އެމެރިކާގެ ކޮންޓްރޯލް މި ހަނގުރާމައިގެ މައްޗަށް މިހާރު ނެތުމުން، އެމެރިކާއަށް މިހާރު ބޮޑު ނާކާމިޔާބީއަކަށް ވަނީ ހަނގުރާމަ ބަދަލުވެފައި'' އޭނާ އިތުރަށް ވިދާޅުވެފަވެއެވެ.

"ޓްރަމްޕަށް މާ ރަނގަޅުވާނީ ހަގީގީ މަޝްވަރާތަކެއްގެ ތެރެއިން ވީހާވެސް އަވަހަކަށް މިއަށް ނިމުމެއް ގެނައުން. މިހާތަނަށް މި ބޭނުންކުރާ މަޖުބޫރުކުރުވުމުގެ އުސޫލުތަކުގެ ބަދަލުގައި. އެހެން ނޫންނަމަ، މީގެ ތިން ހަފްތާ ފަހުންވެސް އަހަރެމެންނަށް އިވޭނީ އަދި އިތުރު ތިން ހަފްތާ ނަގާނެ ވާހަކަ." އޭނާ އިތުރުކުރަށްވާފައިވެއެވެ.

'ގޮސް އަމިއްލައަށް ތެޔޮ ހޯދާ!'

ޓްރަމްޕްގެ މި ވާހަކަތައް ވިދާޅުވެފައި މި ވަނީ، ގަލްފުގެ ތެޔޮ ވަސީލަތްތަކަށް އީރާނުން ދިން ހަމަލާތަކާއި، ދުނިޔޭގެ ތެލާއި ގުދުރަތީ ގޭހުގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ މުހިންމު ކަނޑުއޮޅި ކަމަށްވާ ހޯމްޒް ކަނޑުއޮޅިން ތެޔޮ ފޯރުކޮށްދިނުން ހުއްޓުވަމުން ދިއުމުގެ ސަބަބުން، އެމެރިކާގެ އެތެރޭގެ ޕެޓްރޯލް އަގު ގެލަނަކަށް 4 ޑޮލަރަށްވުރެ މައްޗަށް އެރުމާ ގުޅިގެންނެވެ.

ނަމަވެސް ހަނގުރާމަ އިންތިހާއަށް ވަރުގަދަވަމުންދާއިރު، ހޯމްޒް ކަނޑުއޮޅީގައި ދަތުރުފަތުރުގެ މިނިވަންކަން ކަށަވަރުކުރުމަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެމެރިކާއިން ކުރި އިލްތިމާސްތަކަށް އިންކާރުކުރި ޔޫރަޕްގެ އިއްތިހާދީ ގައުމުތަކަށް ޓްރަމްޕް ދަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. ޓްރޫތް ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި، ޓްރަމްޕް ވަނީ "އީރާނުގެ އިސްވެރިން ނައްތާލުމުގެ މަސައްކަތުގައި ބައިވެރިވާން ދެކޮޅު ހެދި" އިނގިރޭސިވިލާތް ފަދަ ގައުމުތަކަށް އަމާޒުކުރައްވައި، އެމެރިކާގެ ތެޔޮ ގަތުމަށް ނުވަތަ ހަލުވިކަމާއެކު އިތުރުވަމުންދާ ހަނގުރާމައިގައި ބައިވެރިވުމަށް އަންގަވާފައެވެ.

"އަމިއްލައަށް ހަނގުރާމަކުރަން ދަސްކުރަން ޖެހޭނެ، އެމެރިކާއަކުން ދެން އެހީތެރިވާކަށް ނޯންނާނެ، ތިޔަބައިމީހުން އަހަރެމެންނަށް އެހީނުވި ފަދައިން. އީރާން މިހާރު އޮތީ އަސާސީ ގޮތުން ބަލިކޮށްލެވިފައި. އުނދަގޫ ބައި ނިމިއްޖެ. ގޮސް އަމިއްލައަށް ތެޔޮ ހޯދާ!" އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން، އެމެރިކާގެ ޑިފެންސް ޗީފް ޕީޓް ހެގްސެތު ވެސް ވަނީ ހަނގުރާމައިގައި ބައިވެރިވުމަށް އިނގިރޭސިވިލާތުން ފަސްޖެހޭކަން ފާހަގަކުރައްވައި، "އަހަރެން އެންމެ ފަހުން ބެލިއިރު، އެފަދަ ކަންކަން ކުރުމަށް ތައްޔާރުވެފައި އޮތް ވަރުގަދަ ރޯޔަލް ނޭވީއެއް އޮންނަންވާނެ،" ކަމަށް ވިދާޅުވެފައެވެ.

އިނގިރޭސި ޑިފެންސް ސެކްރެޓަރީ ޖޯން ހީލީ މި ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން، ގަތަރަށް ކުރެއްވި ދަތުރުފުޅެއްގައި ވިދާޅުވީ، އޭނާގެ ގައުމަކީ އަދިވެސް އެމެރިކާގެ މުހިންމު ބައިވެރިއެއް ކަމަށެވެ.

ޓްރޫތް ސޯޝަލްގައި ކުރެއްވި ވަކި ޕޯސްޓެއްގައި، ޓްރަމްޕް ވަނީ ފަރަންސޭސިވިލާތަކީ "ވަރަށް އެހީތެރިކަން ކުޑަ" ގައުމެއްގެ ގޮތުގައި ސިފަކުރައްވައި، ވަކިން ހާއްސަކޮށް "އިސްރާއީލަށް އަސްކަރީ ސާމާނު ހިފައިގެން ދިޔަ ބޯޓުތައް ފަރަންސޭސިވިލާތުގެ ވައިގެ ސަރަހައްދުން ދަތުރުކުރުމުގެ ހުއްދަ ނުދިނުމުން" އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަރަންސޭސި ރައީސް އެމަނުއަލް މެކްރޮންގެ އޮފީހުން ފާހަގަކުރި ގޮތުގައި، އީރާނަށް ހަމަލާދިނުމަށް ފަރަންސޭސިވިލާތުގެ އަސްކަރީ މަރުކަޒުތައް ބޭނުންކުރުމުގެ ހުއްދަ ނުދިނުން ހިމެނޭހެން، އެ ގައުމުގެ ނިންމުންތަކަކީ އެންމެ ކުރީއްސުރެ ސާފުކޮށް އޮތް ނިންމުންތަކެކެވެ.