މަތީ ސާނަވީ އިމްތިޙާނުން އެއްވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕްގައި، ދަރިވަރުން ބޭނުންވާ ކޮންމެ ދާއިރާއަކުން މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުސަތު ލިބޭގޮތަށް އުސޫލު ބަދަލުކޮށް އިއްޔެ ގެޒެޓްކޮށްފިއެވެ.
ކުރިން މި ސްކޮލަރޝިޕް ލިބެނީ ހަމައެކަނި ސަރުކާރުން ކަނޑައަޅާ ވަކި ދާއިރާތަކަކުން ނެވެ. ނަމަވެސް، އަލަށް ގެޒެޓްކުރި އުސޫލާއެކު ދަރިވަރުން ބޭނުންވާ ކޮންމެ ރޮނގަކުންވެސް މަތީ ތަޢުލީމު ހާސިލުކުރުމުގެ މަގު މިހާރު ވަނީ ފަހިކޮށްދީފައެވެ.
ހައި އެޗީވަރސް ސްކޮލަރޝިޕަށް ވެސް ބަދަލުތަކެއް
ރައީސްގެ ސްކޮލަރޝިޕްގެ އިތުރުން 'ހައި އެޗީވަރސް ސްކޮލަރޝިޕް' އަށް ވެސް ސަރުކާރުން ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން މި ސްކޮލަރޝިޕް ލިބޭ ދަރިވަރުން ރާއްޖޭގައި ތިބެގެން ކިޔަވާނަމަ، އެކަމަށް ބާރުއެޅުމުގެ ގޮތުން ސްޓައިޕެންޑުގެ އިތުރަށް މަހަކު 6000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ވަނީ ނިންމާފައެވެ.
މި އަހަރުން ފެށިގެން 'ހައި އެޗީވަރސް ސްކޮލަރޝިޕް' ލިބޭނެ މިންގަނޑަކީ އެއް މާއްދާއިން 'އޭ ސްޓާ' އަދި ހަތަރު މާއްދާއިން 'އޭ' ފާސް ހޯދުމެވެ. މިއީ ރާއްޖޭގައި ތިބެގެން މަތީ ތަޢުލީމު ހާސިލުކުރާ ދަރިވަރުންނަށް ލިބޭނެ ބޮޑު ހިތްވަރެއް ކަމަށް ސަރުކާރުން ދެކެއެވެ.
ޚިދުމަތް ކުރުމުގެ މުއްދަތާއި ޝަރުތުތައް
އައު އުސޫލުގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕް ލިބޭ ދަރިވަރުން ކިޔަވައި ނިމުމަށްފަހު 4 އަހަރާއި 7 އަހަރާ ދެމެދުގެ މުއްދަތަކަށް ސަރުކާރަށް ޚިދުމަތް ކުރަން ޖެހެއެވެ. "ޚިދުމަތް ނުކުރާނަމަ ސްކޮލަރޝިޕަށް ސަރުކާރުން ކުރި ޚަރަދު އަނބުރާ ދައްކަން ޖެހޭނެ" ކަމަށްވެސް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
މި ބަދަލުތަކަކީ ދަރިވަރުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށާއި، ގައުމަށް ބޭނުންވާ ފަންނީ މީހުން ބިނާކުރުމަށް ސަރުކާރުން ގެނައި މުހިންމު އިސްލާހުތަކެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!