ކުޅުދުއްފުށީ ސިޓީގެ ތަރައްޤީއަށް ބޭނުންވަނީ ބިނާކުރުވަނިވި އަދި އީޖާދީ ވިސްނުމުގެ ސަރުކާރަށް އެއްބާރުލުންދޭނެ ކައުންސިލެއް ކަމަށް ޕީއެންސީގެ ނާއިބު ރައީސް އަދި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ޝިޔާމް މިފަދައިން ވިދާޅުވީ، ޕީއެންސީގެ ފަރާތުން ކުޅުދުއްފުށީ ސިޓީ ކައުންސިލަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) އަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ކެމްޕޭނަށް އިއްޔެ އެ ސިޓީއަށް ކުރެއްވި ޒިޔާރަތަށްފަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޝިޔާމް ވިދާޅުވީ ކުޅުދުއްފުށި ސިޓީއަކީ މާލެ ފިޔަވައި ދިވެހިރާއްޖޭގެ އެންމެ ގިނަ ރައްޔިތުން ތަފާތު އެކި ބޭނުންތަކުގައި ޒިޔާރަތްކުރާ ސިޓީ ކަމަށެވެ. އަދި އެ ސިޓީއަކީ އުތުރުގެ އިޤްތިޞާދީ މައި ދޮރޯށިކަން ފާހަގަކުރައްވައި، އެތަނަކީ ތަހުޒީބު ވިސްނުމުގެ ރައްޔިތުންތަކެއް ދިރިއުޅޭ، ވިޔަފާރީގެ ފުރުޞަތުތައް އިންތިހާއަށް އޮތް ތަނެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އިއްޔެ އަނެއްކާވެސް ކުޅުދުއްފުށި ސިޓީގައި ޕީއެންސީގެ ކެންޑިޑޭޓުންނާއެކު ދޮރުން ދޮރަށް ހިނަގާލެވިއްޖެ. ކުޅުދުއްފުށި ސިޓީ ކައުންސިލަށް އެމްޑީޕީ ގެ މެޖޯރިޓީ ދެމުންދިޔަ ސިލްސިލާ ނިމިއްޖެ ކަމުގެ ޔަޤީންކަން ސިޓީގެ ރައްޔިތުން އެބަދެއްވާ. އެކަމުގެ ހެކިވެސް އަންނަނީ ފެންނަމުން. pic.twitter.com/G0ZPVEeTig
— Ahmed Shiyam (@Shiyamaldives) March 14, 2026
ކުޅުދުއްފުށީގެ ކުރިމަގާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ، ބޭނުންވަނީ ސަރުކާރަށް އެއްބާރުލުންދޭނެ ފިނި މައިޒާންތަކާ ޕާކުތަކަށްވުރެ ދުރަށް ވިސްނާ ބިނާކުރުވަނިވި އީޖާދީ ވިސްނުމުގެ އަމާނާތްތެރި ޚިދުމަތްތެރި ކައުންސިލެއް ކަމަށެވެ.
މީގެ އިތުރުން، ޕީއެންސީގެ ފަރާތުން ކުޅުދުއްފުށީގެ މޭޔަރުކަމަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓް އިބްރާހިމް ޙަސަން (އިއްބެ) އާއި އޭނާގެ ޓީމުން ތަފާތު ދައްކާނެ ކަމުގެ ޔަގީންކަންވެސް ވަޒީރު ޝިޔާމް ވަނީ ދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!