ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތާޢީދު ކުރައްވަނީ ހަމައެކަނި ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓުންނަށް ކަމަށް އެމަނިކުފާނު މިއަދު ހާމަކުރައްވައިފިއެވެ.
ރައީސް މިކަން ހާމަކުރެއްވީ ހުޅުމާލެ ދެކުނު ދާއިރާގެ ގޭގެއަށް ޒިޔާރަތްކުރެއްވުމަށްފަހު މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައެވެ.
ހުޅުމާލެ ދެކުނު ދާއިރާގައި ދޮރުންދޮރަށް ހިންގެވުމަށްފަހު މިއަދު ރައީސް ވިދާޅުވީ، އެ ދާއިރާއިން އެމަނިކުފާނު ޒިޔާރަތް ކުރެއްވި ގޭގެއިން އެ ދާއިރާގައި އެމަނިކުފާނުގެ ތާޢީދު އޮތީ އެމްޑީޕީގެ ކެންޑިޑޭޓަށް ކަަމަށް އެ ކެންޑިޑޭޓު ބުނެފައިވާތީ އެކަން ސާފުކޮށްދޭން ރައްޔިތުން އެދިފައިވާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށާއި، އެމްޑީޕީގެ ކެންޑިޑޭޓަކަށް ނުވަތަ އެހެން ޕާޓީއެއްގެ ނުވަތަ އަމިއްލަ ގޮތުން ވާދަކުރާ އެއްވެސް ކެންޑިޑޭޓަކަށް އެމަނިކުފާނުގެ ތާޢީދު ނެތް ކަމަށެވެ.
"އެމްޑީޕީގެ ކެންޑިޑޭޓަކަށް ނުވަތަ އެހެން ޕާޓީއެއްގެ ނުވަތަ އަމިއްލަ ގޮތުން ވާދަކުރާ އެއްވެސް ކެންޑިޑޭޓަކަށް ތާޢީދެއް ނެތް،" ރައީސް ވިދާޅުވިއެވެ.
ޕާޓީ ނިޒާމަށް އިޙްތިރާމް ކުރައްވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ހުޅުމާލެ ދެކުނު ދާއިރާއިން އެމަނިކުފާނުގެ ފުރިހަމަ ތާޢީދު އޮތީ ޕީއެންސީގެ ކެންޑިޑޭޓް އަޙްމަދު ޢުބައިދު (އުބޭ) އަށް ކަމަށެވެ. އަދި އިންތިޚާބާ ގުޅޭގޮތުން ފަތުރާ މިފަދަ ދޮގު ވާހަކަތައް ޤަބޫލުނުކުރެއްވުމަށް ރައްޔިތުންގެ ކިބައިން އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!