އިސްރާއީލުގެ ސިފައިން ހިފާފައިވާ ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުގައި ފަލަސްތީނު ރައްޔިތުންގެ އަމިއްލަ ގެދޮރު ހިސާރުކޮށް، އެ ތަންތަން އަސްކަރީ މަރުކަޒުތަކަކަށް ބަދަލުކުރުމުގެ އަމަލުތައް ފަހަކަށް އައިސް އިތުރުވަމުންދާ ކަމަށް އެ ސަރަހައްދުގެ ރައްޔިތުން ބުނެފިއެވެ.

މިކަމުގެ ސަބަބުން ގިނަ އާއިލާތަކެއް މަގުމަތިވެ، އިންސާނީ ހައްގުތަކަށް އުނިކަން ލިބެމުންދާ ކަމުގެ ޝަކުވާތައް ވަނީ ބޮޑުވެފައެވެ.

Ad
rt

މިފަދަ އެއް ހާދިސާ ހިނގާފައިވަނީ ހެބްރޯންގެ ދެކުނުން އޮންނަ ޔައްތާ އަވަށުގައެވެ. އެ އަވަށުގެ ރައްޔިތެއް ކަމަށްވާ އަޙްމަދު އަލް-ނަވާޖާ ކިޔައިދިން ގޮތުގައި، ފަތިހުގެ ވަގުތެއްގައި އިސްރާއީލު ސިފައިން އޭނާގެ ގެއަށް ވަދެގަނެ، މުޅި އާއިލާ ވަގުތުން ގެއިން ނުކުތުމަށް ވަނީ މަޖުބޫރުކޮށްފައެވެ. ސިފައިން އެ ގެއަށް ވަދެގަތީ އެއީ އަސްކަރީ ބޭނުންތަކަށް ބޭނުންކުރާނެ މަރުކަޒެއް ކަމަށް ބުނެއެވެ.

އަލް-ނަވާޖާ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ، ގެ ހުސްކުރުމަށް ސިފައިން ދިނީ ވަރަށް ކުޑަ ވަގުތުކޮޅެއް ކަމަށެވެ.

"އަހަރެމެންނަށް އެއްވެސް އެއްޗެއް ގެންދިއުމުގެ ފުރުސަތެއް ނުދީ، ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެމީހުން އަހަރެމެން ގެއިން ބޭރުކޮށްލި،" އޭނާ ކަންބޮޑުވުމާއެކު ފާހަގަކުރިއެވެ.

އިސްރާއީލު ސިފައިން އެ ގެ ހިސާރުކުރުމަށްފަހު، ގޭގެ ފުރާޅުމަތީގައި ސްނައިޕަރުން ބައިތިއްބައި، ގޭގެ އެކި ކޮޓަރިތައް އަސްކަރީ އޮޕަރޭޝަންތަކުގެ މަރުކަޒުތަކެއްގެ ގޮތުގައި ބޭނުންކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ. އަދި އެތައް ދުވަހަކު އެގޭގައި ތިބުމަށްފަހު ސިފައިން އެތަނުން ދިޔައިރު، ގޭގައި ހުރި ހިފާގެންގުޅޭ ތަކެއްޗަށާއި ފަރުނީޗަރަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށްވެސް އޭނާ ކިޔައިދިނެވެ.

މި ހާދިސާ ހިނގި ދުވަސްތަކުގައި އަލް-ނަވާޖާގެ ހަތް މީހުންގެ އާއިލާއަށް ދިރިއުޅެން ޖެހުނީ ތިމާގެ މީހުންގެ ގޭގައެވެ. މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ފާއިތުވި މަސްތަކުގައި ހުޅަނގު އައްސޭރީގެ ދެކުނުގެ އެކި ރަށްތަކުގައި މިފަދަ ހާދިސާތައް ދަނީ ތަކުރާރުވަމުންނެވެ.

މިއީ މުޅި އެ ސަރަހައްދުގެ އަވަށުތަކާއި ސިޓީތަކުގައި އިސްރާއީލުން ކުރިއަށްގެންދާ އަސްކަރީ އޮޕަރޭޝަންތަކުގެ ތެރެއިން ހިނގަމުންދާ ލާއިންސާނީ އަމަލުތަކެއްގެ ގޮތުގައި ފަލަސްތީނުގެ ރައްޔިތުން ސިފަކުރެއެވެ. މިފަދަ އަމަލުތަކުގެ ސަބަބުން އާންމު ރައްޔިތުންގެ މުދަލާއި ގެދޮރުގެ ރައްކާތެރިކަން ވަނީ މުޅިން ގެއްލިފައެވެ.