ސަރުކާރާ އިދިކޮޅު ވިސްނުމުގެ 57 ރަށެއްގެ ކައުންސިލުން ބިން ހަވާލުނުކުރުމުގެ ސަބަބުން ތަރައްޤީގެ މަޝްރޫޢުތައް ނުފެށި ހުރިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބޭއްވި "ދިވެހީންގެރާއްޖެ ތަރާވީސް" ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމަށްޓަކައި ރަސްމާލެ އާއި ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަން ފާހަގަކުރެއްވިއެވެ. ނަމަވެސް، ރަށްރަށުގައި ކުރިއަށް ގެންދަން ނިންމާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ބައެއް ކައުންސިލްތަކުން އެއްބާރުލުން ނުލިބޭކަމުގެ ކަންބޮޑުވުން އެމަނިކުފާނު ފާޅުކުރެއްވިއެވެ.
"ކައުންސިލްތަކުން ބިން ހަވާލުނުކޮށްގެން މިވަގުތުވެސް 57 މަޝްރޫޢުއެއް ނުފެށި އެބައޮތް. އެކަމުން ހުރިހާ ގެއްލުމެއް ލިބެނީ ރައްޔިތުންނަށް،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ކައުންސިލުތަކުން އަޅާ ހުރަހުން ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ނުފުއްދި އޮތުމަކީ އެއްވެސް ހަމައަކުން ޤަބޫލުކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ.
ކަންކަން ތަންފީޒުކުރުމުގައި ކައުންސިލްތަކުގެ ރައީސުންނާއި މޭޔަރުންގެ ދައުރު ބޮޑުކަން ފާހަގަކުރައްވައި، އެ މަގާމުތަކަށް ސަރުކާރަށް އެއްބާރުލުންދޭނެ ބޭފުޅުން ހޮވުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުގެ މަޝްރޫޢުތައް ބާރު ސްޕީޑުގައި ކުރިއަށް ގެންދިއުމަށްޓަކައި ކުރިއަށް އޮތް އިންތިޚާބުތަކުގައި ޕީއެންސީގެ ކެންޑިޑޭޓުން ހޮވައިދިނުމަށް ރައީސް އެދިވަޑައިގަތެވެ.
ރައީސް ވިދާޅުވީ ސަރުކާރަށް އެއްބާރުލުން ދޭނެ ކައުންސިލްތަކެއް އިންތިޚާބު ކޮށްފިނަމަ، ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުފުޅުތައް ފުއްދެވުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށެވެ. މިހާރު ދިމާވަމުންދާ ދަތިތަކަކީ ސިޔާސީ ވިސްނުމުގައި ބައެއް ކައުންސިލްތަކުން ކުރާ ކަމެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!